ހަބަރު

އެޖެންޑާ 19 ބިނާވަނީ އެމްޑީޕީ ސަރުކާރުން ކުރި ތަޖުރިބާއަށް: ނަޝީދު

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގައި އެމްޑީޕީ އިން އަމަލު ކުރާނެ ސިޔާސަތުތައް އެކުލެވޭ، "އެޖެންޑާ 19" ބިނާވަނީ އެ ޕާޓީގެ ކުރީގެ ސަރުކާރުން ކުރި ތަޖުރިބާއަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރ. އަތޮޅު އިނގުރައިދޫ އެމްޑީޕީ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެޖެންޑާ 19 އަކީ ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އެޖެންޑާ އޮންނާނެ ގޮތުގެ މައްޗައް އެމްޑީޕީ އިން އެކުލަވާލާފައިވާ 19 ގާނޫނީ އޮނިގަނޑެއް ކަމަށެވެ. އަދި އެ އެޖެންޑާއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދާނެ ކަމަށާއި އެކަން ކުރެވޭނީ އެމްޑީޕީގެ މެންބަރުންނަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީއަކީ ރައްޔިތުންނަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް ބޭނުންވާ ހުނަރާއި، ގާބިލްކަމާއި، ތައުލީމާއި، ތަރުބިއްޔަތާއި، އަހުލާގު އަދި ނަޒާހަތްތެރިކަން ހުރި ބައެއް ކަމަށާއި އެހެންކަމުން އެމްޑީޕީގެ ސަރުކާރަކުން އެޖެންޑާ 19 ގެ ކަންކަން ކުރެވިދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އެ އެޖެންޑާ ބިނާވަނީ އެމްޑީޕީގެ ކުރީގެ ސަރުކާރުންކޮށްފައިވާ ތަޖުރިބާތަކުގެ މައްޗަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"މިއީ ދެވަނަ ފަހަރަށް މި ޕާޓީގެ ފަރާތުން ދެވަނަ ފަހަރަށް ސަރުކާރާ ހަވާލުވެ މިތިބީ، ފުރަތަމަ ފަހަރުގެ ތަޖުރިބާ އާއި އެއަށް ފަހު މި ފެނުނު ތަނާއި ދެން މިވާންވީ ގޮތާ، މި ކަންކަމުގެ މައްޗަށް ބިނާވެ އެޖެންޑާ 19 އެކުލަަވާލާފައި މިވަނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ފެނާއި ނަރުދަމާ އަދި ބަނދަރު ހެދުމަށް އިންތިހާބުތަކުގައި ވައުދުވުމަށް އެމްޑީޕީ އިން 2013 ވަަނަ އަހަރު ނިންމާލާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެފަދަ އަސާސީ ހިދުމަތްތަކަކީ ކޮންމެ ސަރުކާރަކަށް ވެސް ކުރަން ލާޒިމް ކަމެއް ކަމަށާއި ރާއްޖޭގައި އެ ނިޒާމްތައް ނެތް ހުރިހާ ރަށެއްގައި މި އަހަރުގެ ތެރޭގައި އެކަން ސަރުކާރުން ފުރިހަމަކޮށްދެއްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖެއަކީ މުސްހަނދި ގައުމެއްކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެޖެންޑާ 19 އިން އެ މުސްހަނދިކަން ބޭނުންކޮށްގެން ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދެއްވާނެ ކަމަށެވެ. އެގޮތުން އެންމެނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމާއި ވަޒީފާ ހޯދަން މަސައްކަތް ކުރާ ފަރާތްްތަކަށް އުޖޫރައެއްދީ ދަފްތަރެއް އެޖުލަވާލައި، އެ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ކަށަވަރުކޮށްދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އޭގެ އިތުރުން އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅުއްވާ ކައުންސިލްތަކަށް ފައިސާ ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.