ދުނިޔެ

މެލޭގެ ޕަސިރް ގުޑަން ވިހަ ވެފައި!

މި މަހުގެ ހަވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ޓޭންކަރު ލޮރީއެއް މަޑުމަޑުން ދެކުނު މެލޭޝިޔާގެ މަގެއްގައި ދަތުރު ކޮށްފައި ދިޔަ އެވެ. މި ލޮރީ ޑްރައިވަރުގެ މިސްރާބަކީ ޖޮހޯރު ސްޓޭޓްގެ ޕަސިރް ގުޑަންގް އިންޑަސްޓްރިއަލް އަވަށުގެ ތެރެއިން ދަތުރުކުރާ ސުންގާއި ކިމްކިމް ނަމަކަށް ކިޔާ ކޯރެކެވެ. މިތަނުން ދިމާވާ ކަންކަމާއެކު އެ ސަރަހައްދުގެ މުއައްސަސާތަކަކީ ކިހާ ބަލިކަށި އިދާރާތަކެއްކަން ސާފުވެ އެވެ.

މެލޭޝިއާގެ ލޯކަލް އެންވައިރަމަންޓް މިނިސްޓްރީން މުހަންމަދު އެއްޒާނީ މަތުސައްލެހް ވިދާޅުވި ގޮތުގައި މިހާތަނަށް ކޮށްފައިވާ ތަހުގީގު ތަކުން އިނގެނީ މި ކޯރުގެ އެކި ދިމާއަށް 20 ޓަނާއި 40 ޓަނުގެ އަދަދަކަށް ކެމިކަލް ކުނި އޮއްސާލާފައިވާ ކަމެވެ. އެއްޒާނީ އާއި އޭނާގެ ޓީމުން ވަނީ އެ ސަރަހައްދުން މެރިން އިންޖީނު ކޮމްޕްރެސަރުގައި ބޭނުން ކުރެވޭ ވިހަ ތެލެއްގެ އަސަރު ހުރިކަން ވެސް ހޯދާފަ އެވެ.

އަލިފާން ނިވާ ފަރާތްތަކުންނާއި ސަލާމަތީ އޮފިޝަލުން ވެސް ވަނީ އެސަރަހައްދުން މަދުވެގެން 15 ވައްތަރުގެ ވިހަ ކެމިކަލް ހޯދާފައި ވެއެވެ. އެއްވެސް ކުލައެއް ނުހުންނަ ވަރަށް ވިހަގަދަ ކެމިކަލް ހައިޑްރޮޖަން ސަޔަނައިޑް ވެސް ފެނިފައި ވެއެވެ.

މި ކެމިކަލްތައް ކޯރަށް އަޅާލުމުގެ އެއް ދުވަސް ފަހުން މި ކެމިކަލްތަކުގެ ގޭހުގެ އަސަރު ކޮށްގެން 35 މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާއިރު އޭގެ ތެރޭގައި ގިނައީ ސްކޫލް ކުދިންނެވެ. އޭގެ ސަބަބުން ސަރަހައްދުގެ ދެ ސްކޫލެއް ވަނީ ބަންދުކޮށްފަ އެވެ. ވިހައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ކުޑަކުދިންނަށް ކަމުގައި ވާތީ ވަށައިގެންވާ ސަރަހައްދުތަކުން ގާތްގަނޑަކަށް 111 މަދަރުސާ އެއް ބަންދުކޮށްފައި ވެއެވެ.

މި ސަރަހައްދުހައި ވިހައިގެ ބާރު ގަދަވެ، ވިހަވެފައިވާ މީހުންގެ އަދަދު ހަފުތާއެއްގެ ތެރޭ 2700 އަށްް އަރައިގެން ގޮސްފައި ވެއެވެ. ވިހައިގެ އަސަރު ކުރި މީހުނަށް އިރުއިރުކޮޅާ ހޮޑުލެވުމާާއި ބޯއެނބުރުން ފަދަ ކަންކަން ދިމާވެ އެވެ. އެތައް ސަތޭކަ މީހުންނަކަށް ކުއްލި ފަރުވާ ބޭނުން ވުމުގެ ސަބަބުން އެމީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ބައެއް މީހުންގެ ހާލު ސީރިއަސްވި އެވެ.