ދުނިޔެ

ޗައިނާއިން ފުުލުސް ކުއްތާއެއް ކްލޯން ކޮށްފި

"ކުންޒުން" ގެ ނަން ދީފައިވާ ކުއްތާއެއް ޗައިނާއިން ކްލޯން ކޮށްފި އެވެ. އެހެން ފުލުސް ކުއްތާއެއް ބޭނުން ކޮށްގެން ކްލޯން ކުރީ ވެރިރަށް ބެއިޖިންގެ ސައިނޮޖީން ބަޔޯޓެކޮނޮލޮޖިކަލް ކޮމްޕެނީ އާއި ޔުންނާން އެގްރިކަލްޗަރަލް ޔުނިވާސިޓީން ޕަބްލިކް ސެކިއުރިޓީ މިިނިސްޓްރީ ގުޅިގެނެވެ.

ސައިނޮޖީން އުންމީދު ކުރަނީ ގިނަ އަދަދަކަށް މި ކުއްތާ ކްލޯން ކުރެވި، ފުލުހުންގެ މަސައްކަތަށް ތަމްރީނު ދިނުމަށް ނަގާ ވަގުތު ކުޑަ ކުރާށެވެ. އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ޒާއޯ ޔަންޕިންގް ވިދާޅުވީ މި ކަމުގައި ގޮންޖެހުމަކަށް ވާނީ ކްލޯނު ކުރުމަށް ދާ ހަރަދު ކަމަށެވެ.

މިހާރު ތިން މަސް ވެފައިވާ ކުންޒުންއަށް ހެކި ހޯދުމާއި، ކްރައުޑް ކޮންޓްރޯލް އަދި މަސްތުވާތަކެތި ދެނެގަތުމަށް ދެވޭ ވަރުގަދަ ތަމްރީން ދެވި ގާތްގަނޑަކަށް 19 މަސް ދުވަހުގެ ތެރޭގައިި ޕޮލިސް ކުއްތާއެއްގެ ގޮތުގައި ހަރަކާތްތެރި ވާނެ ކަމަށް ޗައިނާގެ ޑެއިލީ ނޫހުން ބުނެ އެވެ.

ފުލުހުންގެ މަސައްކަތަށް ކުއްތާ ޓްރޭން ކުރުމަކީ އާންމު ގޮތެއްގައި ގާތްގަނޑަކަށް ފަސް އަހަރު ހޭދަވާ ކަމަކަށް ވާއިރު އެކަމަށް 500،000 ޔުއާން، (ގާތްގަނޑަކަށް 105،000 އެމެރިކާ ޑޮލަރު) ހަރަދުވެ އެވެ. އަދި އެހާ ދުވަހުން ކުއްތާ ތަމްރީނު ކުރެވޭއިރު ތަމްރީނުން ކުއްތާ ފާސް ވާނެކަމުގެ ޔަގީންކަމެއް ނޯވެއެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ކުއްތާއެއް ކްލޯން ކޮށްފައިވަނީ ދެކުނު ކޮރެއާގެ ސައިންޓިސްޓުން ނެވެ. އޭގެ ދެއަހަރު ފަހުން އެ ގައުމުން ވަނީ ކްލޯންކޮށް ތަމްރީނު ދެވިފައިވާ ލެބްރާޑޯ ރިޓްރީވާ ކުއްތާތައް ކަސްޓަމްސްގައި މަސްތުވާތަކެތި ހޯދުމުގެ މަސައްކަތަށް ނެރެފަ އެވެ.