ހަބަރު

ސިޔާސީ ހަރަކާތްތަކަށް ހަމަހަމަ ފުރުސަތު ދޭން ސިޓީ ކައުންސިލަށް ގޮވާލައިފި

ހަމަހަމަކަމ މިނިވަންކަމާއެކު ސިޔާސީ ހަރަކާތް ހިންގަން ފުރުސަތުދޭން ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލާފާއިވާ އަލްހާން ފަހުމީގެ ކެމްޕެއިން އޮފީހުން މާލޭ ސިޓީ ކައުންސިލަށް ގޮވާލައިފި އެވެ.

އަލްހާންގެ ކެމްޕެއިން އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިމަހުގެ 21 ވާ ބުރާސްފަތި ދުވަހު ހެންވޭރު އުތުރު ދާއިރާގެ ރައަޔިތުންނާއި، އެދާއިރާގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ޖާފަތަކާއެކު މަސްވެރިންގެ ޕާކް ސަރަހައްދުގައި އަލްހާން ބާއްވަން މަސައްކަތް ކުރި ކެމްޕެއިން ހަރަކާތް ބޭއްވުމުގެ ހުއްދަ މާލޭ ސިޓީކައުންސިލުން ދީފައިނުވާތީ ހިތާމަ ކުރާ ކަމަށެވެ.

ހުއްްދަ ނުދިން ސަބަބެއްކަމަށް ސިޓީ ކައުންސިލުން ދީފައިވާ ލިއުމުގައި ހުއްދަ ނުދިނީ އެ ސަރަހަައްދު ތަރައްގީ ކުރުމަށް ބަންދުކޮށްފައިވާތީ ކަމަށްބުނެ ކަމަށާއި، އެހެން ނަމަވެސް، އެ ސަރަހައްދު ބަންދުކޮށްފައިނުވާ ކަމަށް އަލްހާން ކެމްޕޭން އޮފީހުން ބުންނެވެ. އެތަން ބަންދު ކުރަނީ އަންނަ ހޮނިހިރު ދުވަހު ކަމަށް، ފުލުހުން އެންގުމުން އެކަން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފަށް އެންގި ކަމަށް އަލްހާންގެ ޓީމުން ވަނީ ބުނެފަ އެވެ.

ޝަމާއުގެ ސަމާލުކަމަށް އެކަން ގެނައުމުން، އެ ސަރަހައްދަކީ ޕްލޭނިންގް މިނިސްޓްރީގެ ދަށުގައިވާ ސަރަހައްދެއް ކަމަށާއި، އެހުއްދަ ދޭނީ އެ މިނިސްޓްރީން ކަމަށް އެންގެވި ކަމަށާއި، އެހެން ނަމަވެސް، ޕެލޭނިންގް މިނިސްޓްރީއާއި ވާހަކަ ދެއްކުމުން އެ ސަރަހަައްދު ތަރައްގީ ކުރުމަށް ސިޓީ ކައުންސިލާއި ހަވާލޮކޮށްފައިވާ ކަމަށް ބުނެފައިވާ ކަމަށް ވެސް ބުންޏެވެ. އަދި އެކަން އަންގާ އެ ކައުންސިލުން އިއުލާންވެސް ކޮށްފައިވާނެ ކަމަށް އެންގި ކަމަށް، އަލްހާންގެ ޓީމުން ބުންޏެވެ.

"ހުއްދަ ލިބޭތޯ ކެމްޕެއިން ޓީމުން ސިޓީ ކައުންސިލްގައި 4 ގަޑި އިރު ހޭދަކުރިފަހުން ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ގުޅުއްވާ، އެކަމުގައި އޭނާއަށް ކޮށްދެވެން އޮތް ކަމެއް ނެތް ކަމަށާއި، އެކަން ނިންމަވާނީ މާލޭގެ މޭޔަރު ސިފާ ކަމަށް ދެންނެވި އެވެ. އަޅުގަނޑުމެންގެ ޓީމުން ތަކުރާރުކޮށް ގުޅުމުންވެސް މޭޔަރު ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ" އަލްހާންގެ ޓީމުގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެދަފަ ކަންކަމަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ މަސައްކަތައް ހުރަސްއެޅޭނެ ކަމެއް ކަމަށާއި، ހުރިހާ ފަރާތްތަކަށްވެސް މިނިވަންކަމާއެކު އެއް ހަމައެއްގައި ފުރުސަތު ދިނުމަށް މާލޭ ސިޓީކައުންސިލަށް ގޮވާލާ ކަމަށެވެ.