ހަބަރު

މާލޭގެ މޭޔަރުކަމަށް އަލްހާނާއި އަފްޝަން ވެސް ކުރިމަތިލައްވަނީ

Dec 16, 2019
3

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ އިތުރުން ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފް ވާދަކުރައްވަން ނިންމަވައިފި އެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މި ދެ ބޭފުޅުންގެ އިތުރުން، ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުވެސް ކުރިމަތިލައްވާނެކަމަށް ވަނީ އިއުލާނުކުރައްވައިފަ އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އިންތިހާބަށް އަދި ރަސްމީކޮށް ހުޅުވައެއް ނުލަ އެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ވެރިރަށް މާލެއަށް ބޮޑު ބަދަލެއް އަންނަން ޖެހޭ ކަމަށެވެ. އެ ބަދަލު ގެނެވޭނީ އެކަމުގެ ވިސްނުން ހުރި ބޭފުޅަކު އެ މަގާމަށް ގެނެސްގެން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ޑރ. މުއިއްޒު ކުރިމަތިލައްވާނެ ކަމަށާ އެކަން ރަސްމީކޮށް އިއުލާނު ކުރައްވާ ކަމަށެވެ. އަދި މުއިއްޒު ނިކުންނަވާނީ "މާލެ މުއިއްޒު" ކުރުން މި ޝިއާރުގެ ދަށުން ކަމަށް ވިދާޅުވި އެވެ.

މޭޔަރު ކަމަށް ނުކުންނަވާ ކަން އިއުލާން ކުރައްވައި އަލްހާން ވަނީ އޭނާ އަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފަ އެވެ.

މާލޭގެ މިހާރުގެ މޭޔަރަކީ ޝިފާ މުހައްމަދެވެ. ކައުންސިލް މެންބަރުންގެ މެދުގައި މި ދައުރުގައި ވަރަށް ބޮޑަށް ހިޔާލުތަފާތުވެފައިވާއިރު، އަންނަ އިންތިހާބުގައިވެސް ޝިފާ މޭޔަރުކަމަށް ކުރިމަތިލައްވާނެ ކަމަށް ބެލެވެއެވެ.