ކުރީގެ ސަރުކާރުން ނުހައްގުން ދީފައިވާ ފްލެޓްތައް ނަގާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި "ހިޔާ" މަޝްރޫއުގައި ނުހައްގުން ގިނަ ބަޔަކަށް ފްލެޓްތައް ދީފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ. ސަރުކާރުގެ ވެރިންނާއި ޕީޕީއެމްގެ ނުފޫޒުގަދަ ބޭފުޅުންނަށް ފްލެޓްތައް ދީފައިވާ ކަމުގެ ޝަކުވާ ބޮޑެވެ.
އެކަމާ ގުޅިގެން މާލޭގެ ރައްޔިތަކު މިރޭ ރައީސް ނަޝީދާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ނުހައްގު ފްލެޓްތައް ލިބިފައިވާ މީހުންގެ އަތުން އެ ފްލެޓްތައް ނަގާނެ ކަމަށެވެ.
"ހަލީލަށް 37 ފްލެޓް ދީގެން ނުތިބޭނަން،" ވެށިފަހި މާލެ ޕްރޮގްރާމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ފޯރަމްގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އެ އިޝާރަތް ކުރެއްވީ ނިލަންދޫ ދާއިރާގެ އާއިލާ ގިނަ ބަޔަކަށް ފްލެޓް ލިބިފައިވާ މައްސަލައަށެވެ. ހަލީލް ވެސް ވަނީ އޭނާގެ އާއިލާގެ މީހުންނަށް ފްލެޓް ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެކަމުގައި އޭނާގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
ފްލެޓްތަކުގެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ހާއްސަ ކޮމެޓީއަކުން ދަނީ ބަލަމުންނެވެ. ކުރީ ސަރުކާރުން ފްލެޓް ލިބުނު މީހުންގެ ތަފްސީލް ވެސް ހާމައެއް ނުކުރެ އެވެ. ނަމަވެސް ރައީސް ސޯލިހުގެ ކޮމެޓީއިން ވަނީ އެ އެންމެންގެ މައުލޫމާތު ހާމަކޮށްފަ އެވެ.
ރައީސް އޮފީސް ސައިޓްގައި އެ މައުލޫމާތުތައް ޝާއިއުކޮށްފައިވާއިރު އެއާ ގުޅޭ ޝަކުވާ ހުށަހަޅަން ވަނީ ހުޅުވާލާފަ އެވެ. ކޮމެޓީއިން އެ މައްސަލަތައް ބެލުމަށް ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.
ރައީސް ސޯލިހު ވެސް މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި ފްލެޓްގައި ހަމައެކަނި ނަން ޖަހާލި މީހުންނަށް ވެސް ފްލެޓް ދީފައި އެބަ ހުއްޓެވެ. ފްލެޓް ދިނުމަކީ މާކްސް ލިބުނު މިންވަރަށް ބަލާފައެއް ނެތެވެ. ނަމަވެސް އެކަންކަން އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދޮގު ކުރައްވަ އެވެ.
"ހިޔާ" މަޝްރޫއުގެ ފްލެޓްތައް އަދި އިމާރާތްކޮށް ނުނިމެ އެވެ. އެ ފްލެޓްތައް އިމާރާތް ކުރުމުގެ މަސައްކަތް ކުރާއިރު މި ސަރުކާރުން ވަނީ އެ ތަން ފަރުމާކޮށްފައިވާ ގޮތަކީ އިންސާނުން ދިރިއުޅެން ހެޔޮވާވަރުގެ ފަރުމާއެއް ނޫން ކަމަށް ބުނެފަ އެވެ. ފަންސަވީސް ބުރީގެ އެ ޓަވަރުތަކުގެ ފަރުމާއަށް މި ސަރުކާރުން ބައެއް ބަދަލުތައް ގެންނަން ވަނީ ނިންމާފަ އެވެ.