ލައިފްސްޓައިލް

އަލޯވޭރާ އިން ފިނިކޮށްލަމާ!

މި ދުވަސްވަރަކީ އަވި ގަދަ، ހޫނު ދުވަސްވަރަކަށް ވުމުން އަބަދުވެސް ބޭނުންވާނީ އެއާކޮންޑިޝަނާ އާއި ފަންކާވެސް ފުލް ކޮށް ފިނި ކޮށްލާފައި ބަހައްޓާށެވެ. ހަށިގަނޑު ފިނިކޮށްލުމަށް ފިނި އެއްޗެހި ބޮއެ ހަދާނެ އެވެ. އަލޯވޭރާ އަކީ މިކަހަލަ އާޓިފިޝަލް ފިންޏާ އެއްވަރަށް ހަށިގަނޑަށް ފިނިކަން ގެނެސްދޭ އެއްޗެކެވެ. އަލޯވޭރާ ގަހަކީ އަހަރުތަކެއް ވަންދެން މީހުން އެކި ކަންކަމުގައި ބޭނުން ކުރަމުން އައި އެއްޗެކެވެ. މި ގަހުގެ ފަތްތަކުގައި ހިމެނޭ ޖެލް އަކީ ފިނި ކޮށްދޭ އެންމެ މުހިއްމު ބާރެވެ.

ބޮޑެތި ފަތްތަކަކުން ހެދިފައި ހުންނަ އަލޯވޭރާ ޖެލް އަކީ ފިނި ކުރުމުގެ އިތުރުން، ގުދުރަތީ އެހެން ފައިދާ ތަކެއްވެސް ލިބިދޭ އެއްޗެކެވެ. އެގޮތުން، ވިޓަމިންސް އާއި މިނަރަލްސް އަދި އެންޓިއޮކްސިޑަންޓް، އެންޓިބެކްޓީރަލް ޕްރޮޕަޓީސްތައް މި ޖެލްގައި ހިމެނެ އެވެ. ހާއްސައީ ބެކްޓީރީއާ ނައްތާލުމަށެވެ.

އަލޯވޭރާ މާސްކްއެއް ހަދާލަމާ

އަލޯވޭރާ އަކީ އެކި ކަހަލަ މާސްކްތައް ހެދުމުގައިވެސް ބޭނުން ކުރެވިދާނެ މުހިއްމު އެއްޗެކެވެ. މޫނުގައި އަޅާނެ މާސްކެއް ނުވަތަ އިސްތަށިގަނޑުގައި އަޅާނެ މާސްކެއް ހެދިދާނެ އެވެ. އަލޯވޭރާގައި ހިމެނޭ ޖެލް އިން މޫނަށާއި ބޮލަށް ފިނިވެ އަރާމު ލިބިދޭނެ އެވެ. އަލޯވޭރާ ގަހަކުން ފަތެއް ނައްޓައިގެން އެ ފަތުގެ ތެރޭގައި ހުރި ޖެލް ތައްޓަކަށް އެޅުމަށްފަހު ބޭނުން ކުރާށެވެ. މޫނުގައި އަދި އިސްތަށިގަނޑުގައި މި ޖެލް އުނގުޅާފައި ބެހެއްޓުމަަށްފަހު ދޮވެލުމުން ގުދުރަތީ މޮއިސްޗާ ހިފަހައްޓައިދޭނެ އެވެ. އައަދި އިތުރަށް ފިނި ކޮށްލުމަށް އައިސްއަލަމާރި އަށް ލުމަށްފަހު ފިނިކޮށްފައި ވެސް ބޭނުން ކުރެވިދާނެ އެވެ.

ބުއިމަށްވެސް ބޭނުން ކުރެވިދާނެ

އަލޯވޭރާ ގަހުގެ ފަތުގައި ހިމެނޭ ޖެލް އަކީ އެންމެ ފައިދާ ބޮޑު އެއްޗަށް ވާއިރު، މި ޖެލް ބުއިމަކަށްވެސް ހެދިދާނެ އެވެ. އަލޯވޭރާ ޖޫސް ވިއްކަން ލިބޭ އިރު އަމިއްލަ އަށް ތައްޔާރު ކޮށްލުމަކީވެސް މާ ގިނަ އިރުތަކެއް ހޭދަވާ ކަމެއް ނޫނެވެ. އަލޯވޭރާ ޖޫސް ތައްޔާރު ކުރުމަށް ބޭނުންވާ ވަރަށް ޖެލް ނެގުމަށްފަހު މިކްސަރަކަށް އަޅައި ގިރާލާށެވެ. އަދި ފޮނި ރަހަ ލައްވަން ބޭނުންވާ ނަމަ ހަކުރު ވެސް އެޅިދާނެ އެވެ. ޖޫހުގެ ރަހަ މީރުކުރުމަށް ހުތް މޭވާ އެއް އެއްކޮށްލެވިދާނެ އެވެ. މި ޖެލްގައި ހިމެނޭ ގުދުރަތީ އެންޓި ބެކްޓީރިއަލް ޕްރޮޕަޓީސްތަކުގެ ސަބަބުން، ހަޖަމުގެ މައްސަލަ ދިމާވާ ނަމަ ލުއެއް ލިބޭނެ އެވެ. ފައިދާ ތަކާއި އެއްވަރަށް، ހޫނު ދުވަހަކަށް ފިނި ބުއިމެއް ހޯދާއިރު މިއީ ހަމަ އެއްވަނަ އެވެ.

އިންޑޯ ޕްލާންޓް އަކަށްވެސް ފުރިހަމަ

ބުއިމަށާއި އަމިއްލަ އަށް ތައްޔާރު ކޮށްލެވޭ ފޭޝަލް ހެދުމުގެ އިތުރުން އަލޯވޭރާ އަކީ ގޭގައި ގަސް ބަހައްްޓާ މީހުންގެ "ފޭވަރިޓް" އެވެ. މި ގަހަކީ ފަސޭހައިން ހެދޭ ގަހެކެވެ. ބިޒީ ޝެޑިއުލް އެއްގައި އުުޅޭ މީހަކަށް އަލޯވޭރާ ގަހެއް ބޮޑު ކޮށް ހައްދާލައި އޭގެން އެތަައް ފައިދާ އެއް ބޭނުން ކުރެވިދާނެ އެވެ. ގަވައިދުން ފެން ދޭން ނުޖެހޭ އިރު، ކޮންމެވެސް ވަރަކަށް އަވި ލިބުމުން ދުވަސްކޮޅެއް ތެރޭ އެތައް ކުރި ލައި ހެދޭނެ އެވެ. އަދި، މި ގަހަކީ ވައި ސާފު ކުރުމަށްވެސް ބޭނުން ކުރެވިދާނެ ގަހެކެވެ.

އަލޯވޭރާ ކުޑަ ގަހެއް އިންދާލައި އޭގެން އެތައް ފައިދާ އެއް ހޯދިދާނެ އިރު، ބައެއް މީހުން ބުނާ ގޮތުގައި މިއީ ކުއްލި ފަރުވާއަށްވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އަތް ކަނޑައިގެން ގޮސް، ލޭ އައުމުން އެތަނުގައި އަލޯވޭރާ ޖެލް ކޮޅެއް އުނގުޅާލުމުން އޭގައި ހިމެނޭ "ކޫލިން ސެންސޭޝަން" އިން ވަގުތީ ފަރުވާ އެއްް ލިބި ފަސޭހަވެގެންދާނެ ކަމަށް ބުނެ އެވެ.