މާޒިޔާ

މާޒިޔާގެ އެއްބަސްވުން ތިން އަހަރަށް އަސަދުﷲ އާކޮށްފި

ކުރިއަށް އޮތް ތިން ސީޒަނަށް މާޒިޔާގައި މަޑުކުރަން، އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ކޮންޓްރެކްޓް އާ ކޮށްފި އެވެ.

އޯލް ޔޫތު ލިންކޭޖް، އޭވައިއެލްއިން، ފުރަތަމަ ސީޒަންގެ ކެރިއާ، ފެށި، އަސަދުﷲ، މާޒިޔާއަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. ދިވެހި ކުޅުންތެރިން ފާހަގަ ކުރެވިފައިވަނީ އަވަސް އަވަހަށް ކުލަބު ބަދަލު ކުރާ ކުޅުންތެރިންގެ ގޮތުގަ އެވެ. އެހެންނަމަވެސް އަސަދުﷲ އެއާ ތަފާތެވެ. މާޒިޔާއަށް މީގެ އަށް އަހަރު ކުރިން ބަދަލުވެ، ފަހުން މާޒިޔާގެ އެންމެ ނުފޫޒުގަދަ ކުޅުންތެރިޔާއަށް އޭނާ ވި އެވެ.

މާޒިޔާއަށް ކުރިން ކޯޗް ކޮށްދިން، މެސަޑޯނިއާގެ މަރުޔާން ސެކްލޮސްކީ، އަސަދުﷲ އާ ބެހޭގޮތުން ބުނެފައި ވަނީ، އަސަދުﷲ ދަނޑު މަތީގައި ހުރެއްޖެނަމަ، އެހެންކުޅުންތެރިންނާއި ކޯޗަށްވެސް ޓީމާ މެދު އިތުބާރު އޮންނަ ކަމަށެވެ.

"އޭނާއަކީ ފޯވަޑެއް ކަމަށްވިޔަސް ދަނޑު މަތީގައި އޭނާ ހުންނަނަމަ ޑިފެންސްވެސް ކުރާނެ،" 2017 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ ބުރުގައި ނިއު ރޭޑިއަންޓް ބަލި ކުރުމަށް ފަހު ސެކްލޮސްކީ ބުނެފައި ވެ އެވެ. "އެހެންވެ އަހަރެން އޭނާ ބަދަލު ނުކުރަނީ، އޭނާ އާ މެދު އިތުބާރު އޮންނާތީ."

ޖޫން މަހު ފަށާނެ ކަމަށް، ބައެއް މީޑިއާތަކުގައި، އެފްއޭއެމުން ބުނެފައިވާ އާ ސީޒަނަށް ތައްޔާރު ވުމަށް، ޓްރާންސްފާގައި އެންމެ ބޮޑަށް ހަރަކާތްތެރި ވަމުން ދަނީ މާޒިޔާ އެވެ. މިދިޔަ އަހަރު ނިއު ރޭޑިއަންޓަށް ކުޅުނު، ހަމްޒާ މުހައްމަދު ހަމްޕް، ޓީސީއަށް ކުޅުނު އިބްރާހިމް ވަހީދު ހަސަން 'އިއްބެ' ވިކްޓަރީއަށް ކުޅުނު، ހުސައިން ނިހާން ނިހާޓް ޓީސީއަށް ކުޅުނު ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް ބެންޖޯ، ނިއު ރޭޑިއަންޓަށް ކުޅުނު އަހްމަދު އަބްދުﷲ ލިލީގެ ސޮއި މާޒިޔާއިން ވަނީ ހޯދާފަ އެވެ.

މީގެއިތުރުން، އެ ޓީމުގެ ކުޅުންތެރިން ލައްވައި ދަނީ އާ އެއްަސްވުންތަކުގައި ސޮއި ކުރުވަމުންނެވެ. ކޮންޓްރެކްޓް ހަމަވުމުން، މާޒިޔާ ދޫކޮށް އެހެން ކުލަބުތަކަށް ބަދަލުވީ ހަތަރު ކުޅުންތެރިންނެވެ. އެއީ ޓީސީއަށް ބަދަލުވި އިސްމާއީލް އީސާ 'މެސީ' އާއި ގްރީން ސްޓްރީޓަށް ބަދަލުވި، ގާސިމް ޝަމްމާމް، ޝަންމޭ ދަ ގްރޭންޑޭއަށް ބަދަލުވި، އަހްމަދު އިމާޒު، އާއްކޮ އަދި ޔަޝްފާދު ހަބީބު، މުލަކޭ އެވެ.

އާ ކުޅުންތެރިން ލައްވައި ސޮއިކޮށް، އަދި ޓީމުގެ ކުޅުންތެރިންނާއެކު ކޮންޓްރެކްޓް އާ ކުރަމުން ދިޔަ ނަމަވެސް، މިހާތަނަށް މާޒިޔާއަށް ކޯޗަކު ހަމަޖައްސާފައެއް ނުވެ އެވެ. މިދިޔަ ދޮލޫ އަހަރު އެ ޓީމަށް ކޯޗް ކޮށްދިން، އިސްމާއީލް މަހްފޫޒް 'އިންމަ' ވަނީ ދަ ގްރޭންޑޭއަށް ސޮއި ކޮށްފަ އެވެ.