މަތީ ތައުލީމު ހާސިލު ކުރުމާއި ތަމްރީނު ހޯދަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޭ ސްޓުޑަންޓް ލޯނު ނަގައިގެން މިހާރު ރާއްޖެއިން ބޭރުގައި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު އޮންނާނެ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެ އެވެ.
ސްޓޫޑެންޓް ލޯން ސްކީމް އިފްތިތާހު ކުރުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ކުރީ އަހަރުތަކުގައި ސްޓޫޑެންޓް ލޯނު ފާހަގަ ކުރެވޭ ވަކި ދާއިރާތަކަކުން ޝޯޓް ލިސްޓު ކުރެވޭ ފަރާތްތަކަށް ދޭން ނިންމާފައިވި ނަމަވެސް މިހާރުގެ ސަރުކާރުން ސްޓޫޑެންޓް ލޯންގެ އެހީގައި ކިޔަވަން ބޭނުންވާ ކޮންމެ ދާއިރާއަކުން ވެސް ކިޔެވުމުގެ ފުރުސަތު ހުޅުވައިދީފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަދި ސްޓޫޑެންޓް ލޯން ހަމަޖެހިފައިވަނީ ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ކަމަށެވެ. އިތުރުން ވިދާޅުވީ، ސްޓޫޑެންޓް ލޯނުގައި ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުސަތު ލިބޭނީ ރާއްޖެއިން އެ ކޯސް ހެދެން ނެތް ނަމަ ކަމަށެވެ.
އޭނާ ވިދާޅުވި ސްޓޫޑެންޓް ލޯން ދިނުމުގައި މިނިސްޓްރީން އިސްކަން ދޭން ހަމަޖެހިފައިވާ ބައެއް ދާއިރާތަށް އެބަހުރި ކަމަށާއި އެއީ އެ ދާއިރާތަކަކީ ރާއްޖެއަށް ބޭނުންވާ ދާއިރާތައް ކަމަށް ގަބޫލު ކުރެވޭތީ ކަނޑައަޅާފައިވާ ދާއިރާތަކެއް ކަމަށެވެ.
އިސްކަން ދޭން ނިންމާފައި ވަނީ ސައިކޮލޮޖިކަލް އެޑިޔުކޭޝަނާއި އޮކިއުޕޭޝަނަލް ތެރަޕީ އާއި ސްޕެޝަލް އެޑިޔުކޭޝަނާއި ސްޕީޗް ތެރަޕީ އާއި ސްޕޯޓްސް މެނޭޖްމެންޓް އާއި ރިނުއުބަލް ގްރީން އެނާޖީ އާއި ކަލްޗަރަލް އެންޑް ހެރިޓޭޖްގެ ދާއިރާ އެވެ.
މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރަކު ސްޓޫޑެންޓް ލޯނަށް އެ ދޭނަމަ ކިޔެވުމުގެ 50 ޕަސަންޓް ނިންމާފައިވާ ކަމުގެ ޝަރުތު މިހާރު އުވާލައިފައިވާ ކަމަށެވެ. އަދި އަލަށް ކިޔަވަން ފަށަން ބޭނުންވާ ބޭރު ގައުމުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ސްޓޫޑެންޓް ލޯނަށް އެދެވޭނެ ކަމަށެވެ.