މާޒިޔާ

ހަބޭސް އިއްބެ ސޮއިކޮށް، ވަރުގަދަ އެޓޭކިންފޯސް މާޒިޔާއަށް

އިބްރާހިމް މަހްދީ ހުސައިން ‘ހަބޭސް އިއްބެ’ މާޒިޔާއަށް ސޮއިކުރުވުމަށްފަހު، ރާއްޖޭގެ އެންމެ ވަރުގަދަ އެޓޭކިން ފޯސް މާޒިޔާއިން އެކުލަވާލައިފި އެވެ.

ހަބޭސް އިއްބެ މާޒިޔާއަށް ސޮއި ކުރުމާއެކު، ރާއްޖޭގެ މިހާރު އޮތް އެންމެ ވަރުގަދަ އެޓޭކިން ފޯސް އޮތީ މާޒިޔާގައި ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ. ގައުމީ ޓީމުގެ އެޓޭކިން ތާޑްގައި އެންމެ ނަގާ ކިޔާ ފަސް ކުޅުންތެރިން ތިބީ މާޒިޔާގަ އެވެ. ނާއިޒް ހަސަން 'ދާދު' އާއި އިބްރާހިމް ވަހީދު ހަސަން 'ފެލެއިނީ އިއްބެ' އާއި ހަމްޒާ މުހައްމަދު 'ހަމްޕް' އަދި މިއަދު ސޮއި ކުރި ހަބޭސް އިއްބެ އަކީ، މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ހޯދައިދިނުމުގައި އެޓޭކިން ޑިޕާޓްމެންޓްގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިންނެވެ. މި ހުރިހާ ކުޅުންތެރިންވެސް މިހާރު ތިބީ މާޒިޔާގަ އެވެ. ގައުމީ ޓީމުގެ އެޓޭކިން ފޯސްގެ ތެރެއިން މާޒިޔާގެ ލިސްޓުގައި ނެތީ، ނިއު ރޭޑިއަންޓްގެ ކެޕްޓަން އަލީ ފާސިރު 'ސެންޓޭ' އާއި އީގަލްސްގެ އަހްމަދު ރިޒްވާން 'ރިޒޭ' އެވެ.


ހަބޭސް އިއްބެ އަކީ، ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކޮޅަށް ރާއްޖޭގެ ފުރަތަމަ ގޯލް ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ލަނޑު ޖެހީ، ދާދު ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ދާދު އާއި ފެލެއިނީ އިއްބެ އަދި ހަބޭސް އިއްބެ އަކީ، 2017 ވަނަ އަހަރު ޓީސީގެ އެޓޭކު ވަރުގަދަ ކޮށްދިން ތިން ޓްރިއޯ އެވެ. އެއް އަހަރު ފަހުން އަނެއްކާވެސް ތިން ކުޅުންތެރިން އެއް ކުލަބަކަށް މި ސީޒަންގައި ކުޅޭނެ އެވެ. ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި، ނޭޕާލްގެ ހަލުވި ފޯވަޑް ބިމާލް މަގަރުއަށް ބޯޅަ ލިބުން ފޯރު ކޮށްދިނުމަށް އިއްބެ ވަނީ ރާއްޖޭގެ ޓީމުގެ މެދުތެރެއަށްވެސް ފައިބައިގެން މޮޅު ކުޅުމެއް ދައްކާފަ އެވެ.

ހަބޭސް އިއްބެ، މާޒިޔާއަށް ސޮއި ކުރުވީ ތިން އަހަރު ދުވަހަށެވެ. މާޒިޔާއަށް ސޮއިކޮށް އޭނާގެ ޖޯޒީ ހަވާލުކޮށްދެއްވީ، މާޒިޔާގެ ޗެއާމަން އަހްމަދު ސާޖިދު އެވެ. ކުރިން ބަނޑޮސް އައިލެންޑް ރިޒޯޓްގެ ވަޒީފާގައި އުޅުނު އިއްބެގެ ކުޅުން ފުރަތަމަ ޑިވިޝަންގެ ކުލަބުގެ ލޮލުގައި އަޅައިގަތީ، އުފަން ރަށް. ސ. ފެދޫ ޓީމުގައި މިނިވަން 50 ޗެމްޕިއަންޝިޕްގައި 2015 ވަނަ އަހަރު ދެއްކި ކުޅުމާއެކު އެވެ. އެ އަހަރުގެ މުބާރާތް ކާމިޔާބު ކޮށް 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓް ކަޕުގައި އޭނާ ވަނީ، ފޭދޫ ޓީމުގައި ކުޅެފަ އެވެ. ފޭދޫ ޓީމުގައި މާޒިޔާއާ ދެކޮޅަށް އޭނާ ކުޅުނެވެ. އެ މެޗުގައިވެސް ލަނޑު ޖަހައި މޮޅު ކުޅުމެއް ދެއްކި އެވެ.

އޭނާ އަކީ، މިއަންނަ ސީޒަނަށް މާޒިޔާއަށް ގެނައި ހަ ވަނަ ކުޅުންތެރިޔާ އެވެ. ޖޫން މަހު ފަށާނެ ކަމަށް އެފްއޭއެމުން ބައެއް މީޑިއާތަކުގައި ބުނެފައިވާ، އާ ސީޒަނަށް ތައްޔާރު ވުމަށް މީގެ ކުރިން މާޒިޔާއަށް ސޮއި ކުރުވި ކުޅުންތެރިންނަކީ، މިދިޔަ އަހަރު ނިއު ރޭޑިއަންޓަށް ކުޅުނު، ހަމްޒާ މުހައްމަދު ހަމްޕް، ޓީސީއަށް ކުޅުނު އިބްރާހިމް ވަހީދު ހަސަން 'ފެލެއިނީ އިއްބެ' ވިކްޓަރީއަށް ކުޅުނު، ހުސައިން ނިހާން، ނިހާޓް ޓީސީއަށް ކުޅުނު ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް ބެންޖޯ، ނިއު ރޭޑިއަންޓަށް ކުޅުނު އަހްމަދު އަބްދުﷲ ލިލީ އެވެ.

ކޮންޓްރެކްޓް ހަމަވުމުން މާޒިޔާ ދޫކޮށްދިޔައީ ހަތަރު ކުޅުންތެރިންނެވެ. އެއީ ޓީސީއަށް ބަދަލުވި އިސްމާއީލް އީސާ 'މެސީ' އާއި ގްރީން ސްޓްރީޓަށް ބަދަލުވި، ގާސިމް ޝަމްމާމް، ޝަންމޭ ދަ ގްރޭންޑޭއަށް ބަދަލުވި، އަހްމަދު އިމާޒު، އާއްކޮ އަދި ޔަޝްފާދު ހަބީބު، މުލަކޭ އެވެ.

އާ ކުޅުންތެރިން ލައްވައި ސޮއިކޮށް، އަދި ޓީމުގެ ކުޅުންތެރިންނާއެކު ކޮންޓްރެކްޓް އާ ކުރަމުން ދިޔަ ނަމަވެސް، މިހާތަނަށް މާޒިޔާއަށް ކޯޗަކު ހަމަޖައްސާފައެއް ނުވެ އެވެ. މިދިޔަ ދޮލޫ އަހަރު އެ ޓީމަށް ކޯޗް ކޮށްދިން، އިސްމާއީލް މަހްފޫޒް 'އިންމަ' ވަނީ ދަ ގްރޭންޑޭއަށް ސޮއި ކޮށްފަ އެވެ.