ޓްރާންސްޕޯޓް އޮތޯރިޓީ

އަންހެނުންގެ ދުވަހުގެ ފެތުމަށް ފުނަދޫ ސަރައްދު ބަންދު ކުރަނީ

އަންހެނުންގެ ދުވަހާ ގުޅުވައިގެން ކ. ފުނަދޫ ގައި ފެތުމުގެ ހަރަކާތެއް މި މަހުގެ 30 ވަނަ ދުވަހު މެންދުރުފަހު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާތީ އެ ސަރައްދު ބަންދު ކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.

އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފުނަދޫ ސަރައްދުގައި ފެތުމެއް ބާއްވަން ހަމަޖައްސައިފައިމިވަނީ މޯލްޑިވްސް ލައިފް ގާޑް އެސޯސިއޭޝަބް އިންނެވެ. މި ފެތުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނި މި މަހުގެ 30ވާ ހޮނިހިރު ދުވަހު 3:00 އިން 6:00 އަށް ފުނަދޫ އާއި މާލެ ދެމެދު ކަމަށެވެ.

ޓްރާންސްޕޯޓުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ފުނަދޫ އާއި މާލެ ދެމެދު ފެތުމުގެ ހަރަކާތް ބެއްވުމަށް ހަމަޖައްސައިފައިވާތީ ކަމާއިނުބެހޭ އެއްވެސް އުޅަނދެއް އެސަރައްދުން ދަތުރު ކުރުން ނުވަތަ ފެތުމުގެ ހަރަކާތް ކުރިއަށް ގެންދާ ސަރަހައްދަށް ވަނުނަމީ މަނާ ކަމެއް ކަމަށެވެ. އަދި އެ ސަރަހައްދު ކައިރިން ދަތުރުކުރާ އުޅަނދުފަހަރުވެސް މިކަމަށް ސަމާލުކަންދީ ރައްކާތެރިކަމާއެކު ދަތުރު ކުރުމަށް ޓްރާންސްޕޯޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިދިޔަ ފެބްރުއަރީ މަހުވެސް މޯލްޑިވްސް ސުވިމިން އެސޯސިއޭޝަންގެ ރައީސް އަދި މޝްހޫރު ގާނޫނީ ވަކީލު ހުސެއިން ޝަމީމްގެ އިސްނެންގެވުމެއްގެ މަތިން ރާއްޖެގައި މިހާތަނަށް ބޭއްވުނު ފެތުމުގެ އެންމެ ބޮޑު ހަރަކާތް، އޭދަފުށިން ފެށިގެން ކެންދޫއާ ހަމައަށް ޖުމްލަ 22 ރަށަކަށް ފަތާފައި ދިޔުމުގެ ހަރަކާތެއް ބާއްވާފަ އެވެ.