ގައުމީ ފުޓްބޯޅް ޓީމް

ޒުވާން ޓީމަށް ޝާކިއްޓޭގެ ލީޑާޝިޕާއި ތަޖުރިބާ!

ޝާކިރު އަކީ ރާއްޖޭގެ އެންމެ މޮޅު ޔޫތު ކޯޗް، މިއީ އިއްޔަ ބޭއްވި ޕްރީ ޓޯނަމަންޓް ޕްރެސްގައި، ރާއްޖޭގެ ޓީމުގެ ހެޑް ކޯޗް ޕީޓާ ޝެގަޓް ބުނި އެއް ވާހަކަ އެވެ. މިއަދު ސައުދީ އަރަބިއްޔާގައި ފަށާ، އޭޝިއާގެ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަންގައި ރާއްޖޭގެ ޓީމު ލީޑް ކުރާނީ ޓީމުގެ ސީނިއާ އެސިސްޓެންޓް ކޯޗް ޝާކިރު އަހްމަދު 'ޝާކިއްޓޭ' އެވެ.

ޒުވާން ޓީމު އެކުލަވާލުމާ ހިސާބުން، ޝާކިއްޓޭގެ މަސައްކަތް، މި ޓީމުގައި އެބައޮތެވެ. ޓްރެއިނިން ކޭމްޕަށް ފުރުމުގެ ކުރިން މާލޭގައި ބޭއްވި ޕްރެކްޓިސްތަކުގައި، މިޑިއާ އާ ވާހަކަ ދައްކަމުން ޝެގަޓް ވަނީ ޝާކިއްޓޭއަށް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ، ޒުވާން ޓީމު އެކުލަވާލުމުގައި، ޝާކިއްޓޭ ފާހަގަ ކުރެވޭ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ، ކޮލިފިކޭޝަނަކީ 23 އަހަރުން ދަށުގެ މުބާރާތެއް ކަމަށް ވިޔަސް، ރާއްޖޭގެ ޓީމު އެކުލަވާލަފައި ވަނީ، މިދިޔަ މަހު ބޭއްވި 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ވާދަ ކުރި ޓީމުތަކުގެ ކުޅުންތެރިންގެ ތެރެއިންނެވެ.

އެހެންވެ، ރާއްޖޭގެ ޓީމުގައި ގިނައި 19 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. ހާއްސަކޮށް 17 އަހަރާއި 18 އަހަރުގެ ކުޅުންތެރިން ޓީމުގައި ގިނަ އެވެ. އެ އުމުރުގެ ގިނަ ކުޅުންތެރިންނަކީ، ޝާކިއްޓޭއާއެކު 19 އަހަރުން ދަށުގެ ޓީމުގައި މަސައްކަތްކޮށްފައިވާ ކުޅުންތެރިންނެވެ.

އޭނާ ބުނީ ޓީމުގެ ގިނަ ކުޅުންތެރިންނަކީ މީގެކުރިން އޭނާ އާއެކު 19 އަހަރުން ދަށުގެ ޓީމުގައި ނޫނީ އެހެން އުމުރުފުރާތަކުގެ ޓީމުގައިވެސް މަސައްކަތްކޮށްފައިވާ ކުޅުންތެރިން ކަމަށެވެ.

"އަހަންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މި ޓީމުގެ 27 ކުޅުންތެރިންގެ ތެރެއިން 17 ކުޅުންތެރިންނަކީ އިންޓަނޭޝަނަލް އެއް މުބާރާތުގައި ނޫނީ ދެ މުބާރާތުގައި ކުޅެފައި ތިބި ކުޅުންތެރިންނަށް ވުން،" ޓްރެއިނިން ކޭމްޕްގައި ފިލިޕީންސްގައި ހުރެ އަވަސް އާ ވާހަކަ ދައްކަމުން ޝާކިޓޭ ބުންޏެވެ. "އެހެންވީމަ މެޖޯރިޓީ އިންޓަނޭޝަނަލް ތަޖުރިބާ ކުރެވިފައި ތިބި ކުޅުންތެރިން."

މި މުބާރާތުގެ ބޭރުން، މި ޒުވާން ޓީމާމެދު އޭނާގެ އުންމީދި ތަސައްވަރެއް އެބައޮތެވެ. އެއީ ރާއްޖޭގެ ކުރިމަގަށް ބަލާއިރު މުހިންމު ފިޔަވަޅަކަށް ވާނެ އެވެ. އެ ކުޅުންތެރިން ސީނިއާ ލެވަލްއަށް ދާއިރު އިތުރަށް ތަރައްގީ ވާނެ ސަބަބެކެވެ. އޭނާ ބުނީ ޓީމެއްގެ ގޮތުގައި ބާއްވާއިގެން ރަނގަޅު ޓްރެއިނިންތަކެއް މި ޒުވާން ޓީމަށް ދެއްވިއްޖެނަމަ ތަފާތު ޓީމަކަށް މި ޓީމު ވެގެންދާނެ ކަމަށެވެ.

"ވަރަށް ހުނަރުވެރި ކުޅުންތެރިންތަކެއް ތިބީ، އަދި މިޒަމާނުގެ ފުޓްބޯޅަ ކުޅެން އެނގޭ އަދި ކުޅެން ބޭނުންވާ ކުޅުންތެރިންތަކެއް މީ،" ޔޫތު ޗެމްޕިއަންޝިޕް މިލުކު ކުރި ރާއްޖޭގެ ހަމައެކަނި ކޯޗް، ޝާކިއްޓޭ ބުންޏެވެ. "ޓެކްނިކަލީވެސް މޮޅު ކުޅުންތެރިންތަކެއް، ސްޕިޑް ހަލުވި ކުޅުންތެރިންތަކެއް، ހަމައެކަނި މަދުވަނީ ފިޒިކަލް، އެކަމަކު މިޒަމާނުގެ ޕާސިން ގޭމަށް ފަރިތަ ކުޅުންތެރިންތަކެއް."

"ޓީމެއްގެ ގޮތުގައި ބާއްވައިގެން ވަރުގަދަ ޓްރެިނިންތަކެއް ދެވިއްޖެއްޔާ ސީނިއާ ލެވަލަށް ދާން ވާއިރަށް ވަރުގަދަ ޓީމަކަށް މި ޓީމު ހެދޭނެ." ޝާކިރުގެ އުންމީދު އޭނާ ހިއްސާ ކުރި އެވެ.

ފިލިޕީންސްގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ކޭމްޕް ލިޑް ކުރީ ޝާކިއްޓޭ އެވެ. އަދި ޓްރެއިނިން ކޭމްޕްގައި ރާއްޖެ ކުޅުނު ތިން މެޗުގައިވެސް ޓީޟަށް އިރުޝާދު ދިނީ ޝާކިއްޓޭ އެވެ. އެ ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުން އެއްވަރުވެ އަނެއް ދެ މެޗު، ޒުވާން ޓީމުން ނިންމާލީ މޮޅުވެގެންނެވެ. ތިން މެޗުގެ ތެރެއިން ދެ މެޗަކީ ފިލިޕީންސްގެ ޕްރިމިއާ ލީގްގައި ވާދަ ކުރާ ދެ ޓީމެވެ.

ޝާކިއްޓޭ، ބުނީ، ކުޅުނު ތިން މެޗުގައިވެސް، ރާއްޖޭގެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ ކަމަށެވެ. ހެޑް ކޯޗް ޕީޓާ ޝެގަޓްވެސް ބުނީ، ޓީމުގެ ޓްރެއިނިން ކޭމްޕްގައި ކޯޗެއްގެ ކިބައިގައި ހުންނަންޖެހޭ ލިޑާޝިޕް ޝާކިއްޓޭގެ ފަރާތުން ފެނިގެން ދިޔަ ކަމަށެވެ.