ހަބަރު

ޖޭޕީއަށް ލިބޭނީ 6 ގޮނޑިއެއް ނޫން: އަލީ ވަހީދު

ޖުމްހޫރީ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބޭނީ ހަ ގޮނޑި ނޫން ކަަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު މި ގޮތަށް ވިދާޅުވެފައިވަނީ، އެމްޑީޕީގެ ފަރާތުން ހުޅުމާލޭ ދާއިރާއަށް ވާދަ ކުރައްވާ އަލީ ނިޔާޒުގެ ކެމްޕެއިން ޖަލްސާއެއްގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ. ނަޝީދު ވިދާޅުވީ، ޕީޕީއެމާއި ޖުމްހޫރީ ޕާޓީ ކޯލިޝަން ހަދައިގެން އަންނަ ރައްޔިތުންގެ މަޖިލީހަށް ނުކުންނެވި ނަމަވެސް އެބޭފުޅުންނަށް މަޖިލީހުގެ ހަ ގޮނޑިވެސް ނުލިބޭނެ ކަމަށެވެ.

ނަޝީދުގެ ވާހަކަށް އދ. ދިގު ރަށުގައި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޖޭޕީގެ ރައީސްކަންވެސް ކުރައްވާ އަލީ ވަހީދު ވިދާޅުވީ، ޖުމްހޫރީ ޕާޓީއަށް ލިބޭނީ މަޖިލިހުން ހަ ގޮނޑިއެއް ނޫން ކަމަށާއި، ޖޭޕީއަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ސަމުގާ ކަމަށް ބަލާ ޕާޓީ ކަމަށެވެ.

"ޖޭޕީ އަކީ އެހާ ނިކަމެތި ޕާޓީއެއްގެ ގޮތުގައި މި އިންތިހާބުން ފެނިގެނެއް ނުދާނެ. ޖުމްހޫރީޕާޓީ އޮންނާނީ ﷲގެ އިރާދަފުޅާއެކު މި ސަރުކާރު ހިފަހައްޓާލާނެ ޕާޓީއެއްގެ ގޮތުގައި،" އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ބައިބައިވުމުން ދެރަވާނީ ރައްޔިތުންނަށް ކަމަށާއި، ބައިބައިވުމުން ހުއްޓިގެންދަނި ތަރައްގީ ކަމަށެވެ.