ނައުޝާގެ ހެލްތު ކޮލަމް

އެލާޖީ: ލުއިކޮށް ނުނަގަމާ!

ގިނަ މީހުންނަކީ ކޮންމެވެސް އެއްޗަކަށް އެލާޖިކެއް ހުންނަ ނޫނީ އެލާޖިކްވާ މީހުންނެވެ. އެކަމަކު އެލާޖިކް ރިއެކްޝަނެއް ޖެހިގެން ޑޮކްޓަރަކަށް ދައްކާނީ ވަރަށް މަދު ބައެކެވެ. ގިނަ ދިވެހިންނަށް ވިސްނިފައި އޮންނަ ގޮތުން އެލާޖިކް ރިއެކްޝަނެއް ޖެހުމަކީ އެހާ ނުރައްކާތެރި ކަމެއް ނޫނެވެ.

ނަމަވެސް ހަގީގަތަކީ ބައެއް އެލާޖިކް ރިއެކްޝަންގެ ސަބަބުން ފުރާނައަށް ނުރައްކާވާ ހިސާބަށް ވެސް ކަންތައްތައް ހިނގައިދާނެ ކަމެވެ. ފުރާނައަށް ނުރައްކާވާ ވަރުގެ އެލާޖިކް ރިއެކްޝަންތަކަށް ކިޔަނީ އެނަފިލެކްސިސް އެވެ. މިފަދަ އެލާޖިކް ރިއެކްޝަންތަކަށް ދޭންޖެހޭ ސަމާލުކަން ނުދެވުމުގެ ސަބަބުން ލިބެންވާ ފަރުވާ ލަސްވެ، ނުހަނު ސީރިއަސް ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހިދެ އެވެ. އަދި ފުރާނަ ގެއްލިގެންދާ ފަހަރުވެސް ދިމާވެ އެވެ. ވެމާއެކު މިފަދަ އެލާޖިކް ރިއެކްޝަނެއްގެ އަލާމާތްތަކަކީ ކޮބައިތޯ ދެނެގަނެ އެފަދަ ކަމެއް ތިމާއަށް ނުވަތަ އެހެން މީހަކަށް ވެސް ދިމާވެއްޖެ ހާލަތެއްގައި ކަންކުރަންވީ ގޮތް އެނގިފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

އެލާޖީ އަކީ ހަށިގަނޑަށް ނުރައްކަލެއް ނެތް އެއްޗަކާ ދެކޮޅަށް ކޮންމެވެސް ސަބަބަކާހުރެ ދިފާއީ ނިޒާމް ހަނގުރާމަ ކުރަން މަސައްކަތް ކުރުމުގެ ސަބަބުން ދިމާވާ އުދަނގޫތަކެކެވެ. އާންމުކޮށް މީހުން އެލާޖިކްވާ ތަކެއްޗަށް ބަލައިލާ އިރު ސީފުޑާއި ބަދަނުގެ ބާވަތްތައްކާއި ތަފާތު ބޭސްތަކާއި ލޭޓެކްސް ނުވަތަ ރަބަރުގެ ބާވަތްތައް ހިމެނެ އެވެ. އަދި ކުޅަނދުރު ފަދަ ތަފާތު ދިރޭ ސޫފިތަކުގެ ކަށިޖެހުން ވެސް މީގެ ތެރޭގައި ހިމެނެ އެވެ.

އާންމުކޮށް ދިމާވާ އެލާޖިކް ރިއެކްޝަންތަކަކީ އެހާ ސީރިއަސް ނުވަތަ ކުއްލި ފަރުވާ ބޭނުންވާ ކަމެއް ނޫނެވެ. މިފަދަ އެލާޖިކް ރިއެކްޝަންއެއްގެ އަލާމާތްތަކުގެ ތެރޭގައި ކިނބިހިއެޅުމާއި އަނގަ އާއި ކަންފަތް އަދި ކަރު ހިރުވުމާއި ލޮލުން ފެން އައިސް ރަތްވެ ހިރުވުން ފަދަ އަލާމާތްތައް ހިމެނެ އެވެ.

ނަމަވެސް ފުރާނައަށް ނުރައްކާވާ ވަރުގެ އެލާޖިކް ރިއެކްޝަންއެއްގައި އާންމުކޮށް ދިމާވާ އެލާޖިކް ރިއެކްޝަނެއްގައި ވާ އުނދަގޫތަކުގެ އިތުރުން އެހެނިހެން ގިނަ އުނދަގޫތަކެއްވާ ކަމަށް ފާހަގަ ކުރެވިފައިވެ އެވެ.

ފުރާނައަށް ނުރައްކާވެދާނެ އެލާޖިކް ރިއެކްޝަންއެއްގެ އަލާމާތްތައް

  • ފިތް ނެގުން
  • ހަންގަނޑު ހިރުވުން
  • މޫނު މާބޮޑަށް ހުދުވުން ނުވަތަ ރަތްވެ ހޫނުވުން
  • ތުންފަތާއި ދޫ އަދި އަނގައިގެ އެތެރެ ދުޅަވުން
  • ކަރުގެ އެތެރެ ފާރުވެ ދުޅަވުން
  • މޭގައި ރިއްސުން
  • ނޭވާލާން އުނދަގޫވުން
  • މާ އަވަސް އަވަހަށް ހިތް ތެޅުން
  • ބޯއެނބުރުން ނުވަތަ ހޭނެތުން
  • ހޮޑުލެވުން އަދި ބޭރަށް ހިންގުން
  • ހާސްވެ ނުތަނަވަސްވުން

ފުރާނައަށް ނުރައްކާވާވަރުގެ ކޮންމެ އެލާޖިކް ރިއެކްޝަންއެއްގައި މި ހުރިހާ އަލާމާތެއް ނުފެނިދާނެ އެވެ. މިއީ މިފަދަ ހާލަތްތަކުގައި ދިމާވާ ކަމަށް ފާހަގަ ކުރެވިފައިވާ ބައެއް އަލާމާތްތަކެވެ. އެހެނީ ބައެއް މީހުންނަށް މާ ބޮޑެތި އުނދަގޫތަކެއް ނުވެ، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުރާނަ ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ދެއެވެ. ވީމާ އެލާޖިކް ރިއެކްޝަންއެއް ދިމާވެއްޖެ ނަމަ، ދިމާވާ އުނދަގޫތަކުގެ ބޮޑު ކުޑަ މިނަށް ނުބަލައި ޑޮކްޓަރަކާ އެކަން ހިއްސާ ކުރުން ވަރަށް މުހިންމެވެ.

އެގޮތުން އެލާޖިކް ރިއެކްޝަނެއްގެ ސަބަބުން ނޭވާލާން އުނދަގޫވެ އަދި އެހެން އަލާމާތްތަކުން ކަމެއް ފާހަގަ ކުރެވިއްޖެނަމަ އެންމެ މުހިންމުވާނީ ވީހާވެސް އަވަހަށް ފަރުވާ ހޯދަން ހޮސްޕިޓަލަށް ދިއުމެވެ. އެހެނީ އެނަފިލެކްސިސް އަކީ އެމާޖެންސީ ފަރުވާ ބޭނުންވާ ހާލަތެކެވެ. އެ ހާލަތުގައި ވީ އެންމެ އަވަހަކަށް ފަރުވާ ނުދެވި ލަސްވާނަމަ ފުރާނައަށް ގެއްލުން ކުރުވަނިވި ގިނަ ކަންތައްތަކެއް ދިމާވުމުގެ ފުރުސަތުތައް ބޮޑެވެ.

އެނެފިލެކްސިސްގެ ވަގުތީ ފަރުވާއެއްގެ ގޮތުން އެޕިނެފްރިން ނުވަތަ އެޑްރީނަލިން ހިމެނޭ އިންޖެކްޝަނެއް ހުރެ އެވެ. އެޕިޕެން ގެ ނަމުގައި އާންމު މި އިންޖެކްޝަނަކީ ގޭގައި އަމިއްލައަށް ވެސް ޖަހާލެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ އިންޖެކްޝަނެކެވެ. ވީމާ ގިނަ ގިނައިން ތަފާތު އެއްޗިއްސަށް، ހާއްސަކޮށް ކާ އެއްޗިއްސަށް އެލާޖިކްވާ މީހުން ގެންގުޅުމަށް މިއީ ރަނގަޅު އެއްޗެކެވެ.

ނަމަވެސް މި ބޭނުން ކުރަންވާނީ ފުރާނައަށް ނުރައްކާވާ ވަރުގެ އެލާޖިކް ރިއެއްކްޝަންތަކުގައި އެކަންޏެވެ. އަދި މިއީ މިފަދަ ހާލަތެއްގައި ހޮސްޕިޓަލަށް ދެވެންދެން ހާލު ގޯހުން ގޯހަށް ދިއުމުން ރައްކާތެރި ކޮށްދޭނެ ވަގުތީ ފަރުވާއެއް ކަމުން، އަލާމާތްތައް ރަނގަޅުވި ނަމަވެސް އެމާޖެންސީ ފަރުވާ ލިބުމަށް ހޮސްޕިޓަލަށް ދާންވާނެ އެވެ. ސަބަބަކީ މިފަދަ ރިއެކްޝަންއެއް ދިމާވާތާ 24 ގަޑި އިރުގެ ތެރޭގައި ދެވަނަ ފަހަރަށް ވެސް މިފަދަ އެޓޭކެއް ޖެހުމުގެ ފުރުސަތު އޮންނާތީ އެވެ.

އެނަފިލެކްސިސް އިން ސަލާމަތްވާން ކުރެވިދާނެ ކަންކަން

ގިނަ ފަހަރު މިފަދަ ނުރައްކާތެރި އެލާޖިކް ރިއެކްޝަންތައް ދިމާވަނީ ވަކި އެއްޗަކަށް އެލާޖިކްވާކަން ކުރިން ނޭނގި ހުރެ އެ އެއްޗެއް ކެވުމުން ނުވަތަ ބޭނުން ކުރެވުމުންނެވެ. އެފަދަ ހާލަތެއްގައި ކޮންމެވެސް އެއްޗަކަށް އެލާޖިކް ވެއްޖެ ކަމަށް ޝައްކު ވެއްޖެނަމަ ވީހާވެސް އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ. އަދި އެ އެއްޗެއް ބޭނުން ކުރުމުން އެލާޖިކްވާ ކަމަށް ފާހަގަ ކުރެވިފައިވާ ތަކެތި ހުންނަ ނަމަ، އެ ތަކެއްޗާ ދުރުވުން ވަރަށް މުހިންމެވެ. މީގެ އިތުރުން، ގިނަ ތަކެއްޗަށް އެލާޖީތަކެއް ހުންނަ ފަރާތެއްނަމަ އަދި ކުރިން މިފަދަ ނުރައްކާތެރި އެލާޖިކެއް ވެފައިވާނަމަ، ރައްކާތެރި ވުމުގެ ގޮތުނެ އެޕިޕެން އެއް ގެންގުޅެވިދާނެ އެވެ. ތަފާތު ބޭސްތަކަށް އެލާޖިކްވުމަކީ އާންމު ކަމަކަށް ވާއިރު، އެހެން ބައްޔެއްގައި ޑޮކްޓަރަށް ދައްކާ ނަމަވެސް ޑޮކްޓަރު ބޭސް ލިޔުމުގެ ކުރިން ބޭހަކަށް އެލާޖިކްކަން އެނގިފައިވާ ނަމަ އެވާހަކަ ވެސް ބުނަންވާނެ އެވެ.

އެކި އެއްޗިއްސަށް އެލާޖިކްވުމުން ދިމާވާ އުނދަގޫތަކަކީ މާ ބޮޑު ކަމެއް ގޮތުގައި ނުދެކި އަދި އަޅައިވެސް ނުލައި ދޫ ކޮށްލުމަކީ ފުރާނަ ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ދިއުމަށް މެދުވެރި ކުރުވައިފާނެ ކަމެކެވެ. މިގޮތަށް އިހުމާލު ވުމުގެ ސަބަބުން ތިމާއާއި ތިމާގެ ވަށައިގެންވާ މީހުންގެ ފުރާނައަށް ދިމާވެދާނެ ނުރައްކަލުން ސަލާމަތް ކުރުމަށް މިފަދަ ސިއްހީ މައްސަލަ ތަކާމެދު ހޭލުންތެރިވެ ތިބުމަކީ މުހިންމު ކަމެވެ. ދިވެހިން މިކަމަށް ސަމާލުވާން އެބަޖެހެ އެވެ.