ގައުމީ ފުޓްބޯޅް ޓީމް

ފުރަތަމަ މެޗުގައި ސައުދީ އަތުން ޒުވާން ޓީމު ބަލިވެއްޖެ

އޭޝިއާގެ، 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަންގައި، ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ ސައުދީ އަރަބިއްޔާ އަތުން 6-0 ން ރާއްޖެ ބަލިވެއްޖެ އެވެ.

ގުރޫޕް ޑީ ގައި ރާއްޖެ އާއި ސައުދީގެ އިތުރުން ދެން ހިމެނުނީ، އަރަބި އެމިރޭޓްސް އަދި ލުބުނާން އެވެ. ގުރޫޕްގެ ފުރަތަމަ މެޗުގައި ލުުބުނާންއާ ދެކޮޅަށް އަރަބި އެމިރޭޓްސްވެސް ވަނީ ތަފާތު ބޮޑުކޮށް މޮޅުވެފަ އެވެ. އަރަބި އެމިރޭޓްސް މެޗު ކާމިޔާބު ކުރީ، 6-1 ންނެވެ.

ސައުދީގެ ވެރިރަށް ރިޔާޒުގެ ޕްރިންސް ފައިސަލް ބިން ފަހްދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ސައުދީގެ ހަ ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައި ހެޓްރިކު ހެދީ، ސައުދީގެ ޒުވާން ފޯވަޑް އަބްދުﷲ އަލް ހަމްދާން އެވެ.

އަނެއް ތިން ލަނޑު ކާމިޔާބު ކުރީ އަބްދުލް ރަހްމާން ހާޝިމް، އަބްދު ރަހްމާން ގަރީބް އަދި އައިމަން އަލް ޚްލައިފް އެވެ.

ކޮލިފައިންގެ ދެ ވަނަ މެޗުގައި މާދަމާ ރާއްޖެއިން ނިކުންނާނީ، އަރަބި އެމިރޭޓްސް އާ ދެކޮޅަށެވެ. އެ މެޗު ފަށާނީ މާދަމާ ރޭ 7:25 ގަ އެވެ. ހަމަ އެ ރޭ، ސައުދީ އާ ލުބުނާން ކުޅޭ މެޗުވެސް އޮންނާނެ އެވެ. އެ ދެމެޗުން އެމިރޭޓްސް އާއި ސައުދީ މޮޅު ވެއްޖެނަމަ އެ ދެ ޓީމަށް ކޮލިފައިންގެ އަނެއް ބުރު ކަށަވަރު ކުރެވޭނެ އެވެ.