ދުނިޔެ

ރަޝިއާއާ ޓްރަމްޕްގެ ގުޅުމާބެހޭ ރިޕޯޓް ފޮނުވައިފި

Mar 23, 2019

ވޮޝިންގްޓަން (މާޗް 23) - އެމެރިކާގެ ރައީސްކަމަށް 2016 އިންތިހާބުވުމުގެ ކުރިން، ރަޝިއާ އާއެކު ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގުޅުމާއިބެހޭ ގޮތުން ގިނަ ބަޔަކު އިންތިޒާރުކުރަމުންދިޔަ ރިޕޯޓު ނިންމައި، އެގައުމުގެ އެޓާނީ ޖެނެރަލަށް ފޮނުވައިފި އެވެ.

ފެޑެރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައީ) ކުރީގެ ވެރިޔާ ރޮބަޓް މަލާ އިސްވެ ކުރެއްވި ތަހުގީގުގައި، ޓްރަމްޕް އިންތިހާބު ކާމިޔާބުކުރުމުގައި ޓްރަމްޕްގެ ކެމްޕެއިން ޓީމާއި، ރަޝިއާ އާއި ގުޅިގެން އެއްވެސް މަސައްކަތެއް ކޮށްފައިވޭތޯ ވަނީ ބަލައިފަ އެވެ.

އެ ތަހުގީގުގެ ދަށުން، ޓްރަމްޕްގެ އަރިސް ބޭފުޅުންތަކަކަށް މިހާރުވެސް ދައުވާކޮށް ޖަލަށްލާފައިވާއިރު، މަލާގެ އެ ރިޕޯޓުގައި އިތުރު ބަޔަކަށް ދައުވާކުރަން ހުށަހަޅައިފާނުވާކަމަށް ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.

އެޓާނީ ޖެނެރަލް ވިލިއަމް ބާ މަލާގެ އެ ރިޕޯޓް ދިރާސާކުރެއްވުމަށްފަހު، ކޮންގްރެސް އާ ހިއްސާކުރާނެ މައުލޫމާތުތައް ނިންމަވާނެކަމަށް އެ ޑިޕާޓްމަންޓުން އިތުރަށް ބުނެފައިވެ އެވެ.

ސައިބާ ހަމަލާތަކެއް ދީގެން، ދޮގު ހަބަރު ފަތުރައިގެން އިންތިހާބުގައި ޓްރަމްޕާއި ވާދަކުރެއްވި ހިލަރީ ކްލިންޓަންގެ އަގު ވައްޓާލައި، ޓްރަމްޕަށް ފުރުސަތު ތަނަވަސްކުރަން ރަޝިއާ އިން މަސައްކަތްކޮށްފައިވާކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން 2016 ވަނަ އަހަރު ވަނީ ނިންމައިފަ އެވެ. ގާތްގަނޑަކަށް ދެ އަހަރު ދުވަހަށް ދިގުދެމިގެންދިޔަ ތަހުގީގުގައި، މަލާ ވެސް ވަނީ އެކަންކަން ކަށަވަރުކޮށްދެއްވައިފަ އެވެ.