ދުނިޔެ

ސީރިއާ ހަނގުރާމަ ކާމިޔާބުވެއްޖެކަމަށް އިއުލާނުކޮށްފި

Mar 23, 2019
1

ސީރިއާގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ވިސްނުމުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ އިސްލާމިކް ސްޓޭޓް އޮފް އިރާގު އެންޑް ލެވާންޓް (އައިސިލް) އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކާމިޔާބުވެއްޖެ ކަމަށް، އެމެރިކާ އިން ވާގިދޭ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން ދާދި ދެންމެ އަކު އިއުލާނުކޮށްފި އެވެ.

އެސްޑީއޭފްގެ އޮފިޝަލަކު ޓްވިޓާގެ އެ ކާމިޔާބީ އިއުލާނުކޮށްފައިވަނީ، އައިސިލް ކޮންޓްރޯލް އޮތް އެންމެ ފަހު ސަރަހައްދު އަތުލުމަށް ހަމަލާތައް ދެމުންދާކަމަށް ބުނެފައިވަނިކޮށެވެ.

ސީރިއާ އިން އައިސިލް 100 ޕަސަންޓް ފުހެލެވިފައިވާކަމަށް ވައިޓް ހައުސްގެ ތަރުޖަމާނު ސޭރާ ސޭންޑާސް ވެސް ވަނީ އިއްޔެ ވިދާޅުވެފަ އެވެ.

އައިސިލް އިން މީގެ ކުރިން ސީރިއާ އަދި އިރާގުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރި ނަމަވެސް، އެސްޑީއެފުން ވަނީ ސީރިއާގެ އިރު ދެކުނުން އޮންނަ ބާގޫޒު ސަރަހައްދަށް ހަނގުރާމަވެރިން ފަހަތަށް ޖައްސައިފަ އެވެ. އެ އޮޕަރޭޝަން ފެށިފަހުން، އެ ސަރަހައްދު ދޫކޮށް 60،000 އަށް ވުރެ ގިނަ މީހުން ވަނީ ސަލާމަތްކޮށްފަ އެވެ. އޭގެ ތެރޭގައި އަމާންދިން އައިސިސް ހަނގުރާމެރިން ވަނީ ވަގުތީ ޖަލުތަކުގައި ބަންދުކޮށްފަ އެވެ.