ދުނިޔެ

އައިސިސް 100 ޕަސެންޓް ނައްތާލެވިއްޖެ: ވައިޓް ހައުސް

ސީރިއާގެ އެއްވެސް ސަރަހައްދެއްގައި އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ދަ ލެވަންޓް (އައިއެސްއައިއެލް ނުވަތަ އައިއެސްއައިއެސް) ގެ ބާރެއް ނުހިނގާނެ ކަމުގައި ވައިޓް ހައުސްގެ ތަރުޖަމާނެއް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ އެކްޓިންގް ޑިފެންސް ސެކެޓްރީ ޕެޓްރިކް ޝެނަހަން ރައީސް ޑޮނަލްޑް ޓްރަމްޕް ފޮލޮރިޑާއަށް ކުރި ދަތުރު ތެރޭގައި މިކަމާބެހޭ މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމުގައި ތަރުޖަމާނު ސާރާ ސޭންޑާޒް ހާމަކުރަމުން ބުނަނީ، ސީރިއާގައި ހިންގަމުން ގެންދިޔަ "އަމިއްލަ ވެރިކަން" ވަނީ އެއްކޮށް ނައްތާލެވިފަ އެވެ. އަދި އައިއެސް ގެ ބާރުއޮތް ސަރަހައްދުތަކުން އެމީހުންގެ ބާރު 100 ޕަސެންޓް ނައްތާލެވިއްޖެ ތޯ ކުރި ސުވާލަކަށް ޖަވާބުދާރީ ވަމުން ސޭންޑާޒް ބުނެފައި ވަނީ "އާއެކޭ" އެވެ.

އެމެރިކާގެ ބާރު ލިބިފައިވާ ސީރިއަން ޑިމޮކްރެޓިކް ފޯސް (އެސްޑީއެފް) ގެ މީޑިއާ އޮފީހުން މުސްތަފާ ބަލީ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ "އައިއެސްގެ ބާކީ ތިބި މީހުން ނައްތާލުމަށް" އަދިވެސް ހަނގުރާމަ ކުރާނެ އެވެ.

ބަޣުސް ގައި ތިބި އައިއެސް ހަނގުރާމަވެރިން ބަލިކުރުމަށް އެސްޑީއެފް މަސައްކަތް ކުރަމުން އަންނަތާ މިހާރު ހަފްތާތަކެއް ފާއިތުވެފައި ވާއިރު، ކުރިން ސީރިއާގެ ތިންބައިގަ އެމީހުންގެ ބާރު ހިންގި އައިއެސް ޖަމާއަތުގެ އެންމެ ފަހު ހަނގުރާމަ ވެރިން ތިބީ ބަޣުސް ގައި ކަމަށް ބެލެވެ އެވެ.

ނަމަވެސް އަލްޖަޒީރާގެ އެލަން ފިޝާ ވޮޝިންގްޓަނުން ރިޕޯޓުކުރަމުން ބުނަނީ ހަގީގަތަކީ ރައީސް ޓްރަމްޕް ބޭނުންވާ ކާމިޔާބު ލިބުނެއްކަމަކު އަދިވެސް އައިއެސް ނައްތާލެވިފައި ނުވާ ކަމެވެ. މިހެން ބުނުމާ ގުޅިގެން ޓްރަމްޕް ކުރި ޓްވީޓެއްގައި ވަނީ "އައިސިސް އެހެން މީހުންނަށް ވުރެ މޮޅަށް އިންޓަނެޓް ބޭނުން ކުރޭ، އެކަމަކު އެމީހުންގެ ޕްރޮޕަގަންޑާ ގައި ޖެހޭ އެންމެންނަށް ބުނެލަން އޮތީ އެމީހުން މިހާރު ދަނީ ހުރިހާ ގޮތަކުން ބަލިވަމުން" ނެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޓްރަމްޕް ވަނީ ސީރިއާގައި ތިބި 2000 އެމެރިކާ ސިފައިން ކުއްލިގޮތަކަށް އަންބުރާ ގައުމަށް ގެނަދާނެކަމަށް ބުނެފަ އެވެ. ނަމަވެސް އެގޮތަށް ކަންތައް ކޮށްފިނަމަ ހަނގުރާމަވެރި އައިއެސް އަނބުރާ އައިސްދާނެ ކަމުގެ ބިރު އޮތްކަމުގައި އެމެރިކާގެ މިލިޓަރީ ޖެނެރަލުންނާއި ސިޔާސީ ބޭފުޅުން ފާޅު ކުރުމާއި ގުޅިގެން ފަހުން މި ނިންމުން ބަދަލުކޮށް ވަނީ ސީރިއާގައި 400 ސިފައިން ބައިތިއްބާފަ އެވެ