ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރުގެ ބާރުތައް ހަނިކޮށް އެ ބާރުތައް ރައީސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމަނާފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ ބާރުތައް އަލުން ހޯމް މިނިސްޓަރަށް ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރަކަށް އުމަރު ނަސީރު ހުންނަވަނިކޮށް ހިނގި އެކި ކަންކަމާ ގުޅިގެން އެކަމާ ހިތްޕުޅު ހަމަޖެހިވަޑައިނުގެން ރައީސް ޔާމީން ވަނީ، ވަކިވަކި ފުލުހުންނަށާއި ފުލުހުންގެ ބަޔަކަށް ނުވަތަ އެންމެހާ ފުލުހުންގެ މައްޗަށް ސީދާ ހޯމް މިނިސްޓަރަށް އަމުރު ކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް އެ ބާރުތައް ސީދާ ރައީސްއަށް ލިބޭ ގޮތަށް ބަދަލުކޮށްފަ އެވެ.
މިފަހަރުގެ މަޖިލިސް އިންތިހާބުގައި ށ. ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ އެ ދާއިރާގެ ކެންޑިޑޭޓް، ހުސެއިން ވަހީދުގެ ކެމްޕޭނަށް އެ ރަށަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީހޯމް މިނިސްޓަރަށް ގާނޫނީ ގޮތުން ލިބިދޭ ބައެއް ބާރުތައް ކުރީގެ ސަރުކާރުން ހިފަހައްޓާފައި އޮތް އޮތުން މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ ބާރުތައް އަލުން ހޯމް މިނިސްޓަރަށް ދިނުމަށް ސޮއި ކުރަން ޖެހޭ އެންމެހާ ލިޔުންތަކުގައި މިދިޔަ ބުރާސްފަތި ދުވަހު ސޮއި ކުރައްވާ އެ ބާރުތައް ހޯމް މިނިސްޓަރަށް ދެއްވާފައިވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
"އަޅުގަނޑު ވެރިކަމަށް އައީ ވަރަށް ގިނަ ކަންކަން އިސްލާހު ކުރުމަށް. ގިނަ ބައެއްގެ ބުރަ މަސައްކަތުން ވެރިކަމަށް އާދެވުނީ، ކުރިން ގާނޫނުތަކަށް ގެނެވިފައި ހުރި ނޭދެވޭ ބަދަލުތައް އަލުން އިސްލާހު ކުރުމުގެ މަސައްކަތް އެބަ ކުރަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
މިހާރު ހޯމް މިނިސްޓަރަކީ އަދާލަތި ޕާޓީގެ ލީޑަރު ޝޭހް އިމްރާން އަބްދުﷲ އެވެ. ރައީސް ވަނީ މިދިޔަ ހަފްތާ ފުލުހުންގެ މައި މަރުކަޒަށް ވަޑައިގެން ފުލުހުންގެ އެގްޒެކެޓިވް ބޯޑާ ބައްދަލު ކުރައްވައިފަ އެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރުގެ ބާރުތައް ހަނިކުރީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއެ މަގާމުގައި ހުންނަވަނިކޮށް ކުރެވުނު ރިޝްވަތުގެ ތުހުމަތުތަކެއް ބެލުމަށް އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުންނަށް އެންގެވި މައްސަލައިގަ އެވެ. އަދި ގޭންގްތައް ނައްތާލުމަށް، ހަރުކަށި ފިޔަވަޅުތަކެއް ހޯމް މިނިސްޓަރު އުމަރު ނަސީރު އެޅުއްވި މައްސަލަ ވެސް އެ ދުވަސްވަރު ހޫނުވި އެވެ.