ރިޕޯޓް

މަޖިލީހަށް: ގާބިލު މީހާތަ، ފައިސާހުރި މީހާތަ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ މަހު ހަވަނަ ދުވަހު ބާއްވަން ތައްޔާރުވަމުން އަންނަ އިރު، ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން ކުރިމަތިލާ ކެނޑިޑޭޓުން ވެސް ގެންދަނީ ފޯރީގައި ކެމްޕެއިން ކުރަމުންނެވެ. ކެމެޕޭން ތެރޭގައި ދާއިރާ ރަށްތަކުގެ އިތުރުން މާލޭގައި ވެސް ޕޯސްޓަރު ހަރު ކުރުމާއި، ބެނާ ދަމައި ބިލް ބޯޑު ހަރުކުރުމުގެ އިތުރުން އެއް ކެނޑިޑޭޓަށްވުރެ އުހަށް އަދި އަޑުގަދަ ކުރުމަށް ޖަހާފައިވާ ބޮޑެތި ތާޅަފިލި ތަކާއި ސްޕީކަރު ތަކުގެވެސް އަޑު ގަދަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މަހު މުސާރައަކީ ކޮމިޓީ އެލަވަންސް ލައިގެން ގާތްގަނޑަކަށް 82،000 ރުފިޔާ އެވެ. ފަސް އަހަރުގެ ދައުރަކަށް ބަލާއިރު ފަސް މިލިއަނެއްހާ ރުފިޔާވެސް މުސާރައިގެ ގޮތުގައި ނުލިބޭނެ އެވެ. އެކަން އެހެން އޮތަސް ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާން ކުރާ ކެމްޕޭނަށް އޭގެ ދެގުނަ ނުވަތަ ތިން ގުނަ ހަރަދު ކުރާ ކެނޑިޑޭޓުން ގިނަ އެވެ.

އެވަރުގެ ބޮޑު ހަރަދެއް އެ ކެނޑިޑޭޓޫން ކުރާނީވެސް އޭގައި ކޮންމެވެސް އެހެންކަހަލަ މަންފާތަކެއް އުޅޭތީ ކަމަށް ބެލެވެ އެވެ. އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި މިހާރު އިންނެވި މެމްބަރެއްގެ ކެމްޕޭން މެނޭޖަރަކު ވިދާޅުވި ގޮތުގައި އެ އިންތިހާބުގައި އިދިކޮޅު ކެނޑިޑޭޓް ބަލިކޮށް، ގޮނޑި ކާމިޔާބު ކުރަން 12 މިލިއަނެއްހާ ރުފިޔާ ހަރަދު ކުރަން ޖެހުނެވެ.

"އިންތިހާބެއްގައި ހުރިހާވެސް އެއްޗަކީ ފައިސާ. ޑޯޓްޑޯއަށް ގޭގެއަށް ވަނީމަވެސް ސަލާން ބަލައިގަނެފައި އެބަ އަހާ ކިހާވަރެއްހޭ ދެވޭނީ؟ ބައެއް ފަހަރު ހީވޭ ފިހާރައަކަށް ވިޔަފާރި ކުރަން ވަދެވިގެން އުޅޭހެންވެސް، ބާގެއިނިންވެސް އޮވޭ. މިގޭގައި ނުވަ ވޯޓޭ އެހެންވީމާ އަގު ބޮޑު ވާނެއޭ ހުރިހާ ވޯޓެއްް އެއްކޮށް ހޯދަން. ފައިސާ ނެތިއްޔާ އިންތިހާބުން ކާމިޔާބު ވާނެ އެއްގޮތެއް ވެސް ނޯންނާނެ. އެފަހަރު އިންތިހާބު އޮތް ދުވަހުވެސް ފައިސާ ބެހި ވޯޓްލާ މަރުކަޒުތައް ކައިރީވެސް. ބޮޑެތި އަދަދުތަކުން ދީފައި ހުވާވެސް ކުރުވާފައި އެބަހުރި" އޭނާ ވިދާޅުވި އެވެ.

މި ކަންކަން މިހެން އޮތުމުން ގޯސް ދެ ކަމެއް އާދެ އެެވެ. ފުރަތަމަ ގޯހަކީ މެމްބަރަކަށް ވާންކުރާ ހަރަދާއި ހުށަހަޅާ ފައިސާ އެވެ. އެކަން ގޯހަކަށް ވަނީ އެކުރަނީ އިންވެސްޓްމަންޓަކަށްވާތީ އެވެ. އެއީ ރިޝްވަތަށް ވާތީ އެވެ.

ކޮންމެ ގޮތެއް ހަދައިގެން ވެސް އެ އިންވެސްޓްމެންްޓްގެ ރިޓާން އޭނާ ހޯދަން ބޭނުންވާނެ އެވެ. މިހާތަނަށް ކަން ހިނގާފައިހުރީ ވެސް އެ މަގުންނެވެ. މަޖިލީހަށް އިންތިހާބުވާ ދުވަސްނޫން އަނެއް ދުވަހު ޓްރާންސްފާ މާކެޓަށް ހުޅުވާލަ އެވެ. އެންމެ ބޮޑު އަގު ދޭ ޕާޓީއަކަށް ވިކޭ ގޮތަށެވެ.

އެފަދަ ބަަޔަކަށް މަޖިލީހުގެ މެމްބަރެއްގެ ވާޖިބުތަކާއި މަސްސޫލިއްޔަތުތައް އޭގެ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަމާނާތްތެރިކަމާއެކު އަދާ ކުރަން އުނދަގޫވާނެ އެވެ. ކުރި ހަރަދު އަނބުރާ ހޯދަން ކުރާ މަސައްކަތުގައި ނަފްސު ވިއްކާލަން ޖޭހޭ ފަހަރުވެސް ދެ އެވެ.

ދެވަނަ ގޯހަކީ ރައްޔިތުން ވިކުމެވެ. ފައިސާއަށް ވޯޓް ވިއްކުމަށްފަހު އެ މެންބަރަކު މަޖިލީހުގައި ދެ އިރަށް ޕާޓީ ބަދަލު ކުރިޔަސް، އަދި މަޖިލީހުގައި ރައްޔިތުންނަށް ގެއްލުންވާނެ ނިންމުމަކަށް ތާއީދު ކުރި ނަމަވެސް ފައިސާ ނެގި މީހާއަށް އެ މެމްބަރެއްގެ ގޯސް ވާހަަކަ ދެއްކުމުގެ ހައްގެއް ނޯންނާނެ އެވެ. އެއީ ފުރަތަމަ ގޯސް މި ހެދީ އާންމު މީހާ ކަމަށްވާތީ އެވެ.

މިހާރު އެންމެ ބާރަށް ދެކެވޭނެ ވާހަކައަކީ މަޖިލީހުގެ ކެމްޕެއިން ވާހަކައަށްވާއިރު އެންމެ ގިނައިން ދެކެވޭނީ ފައިސާގެ ވާހަކަ އެވެ. ފައިސާ ނުދެންޏާ ވޯޓް ނުދޭނެ ވާހަކަ އެވެ. އެހެން ކަމުން ނިޔަތް މި އޮންނަނީ ގޯސްވެފަ އެވެ.

މިފަހަރު މަޖިލީސް އިންތިހާބުގައި ވާދަކުރައްވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ފައިސާގެ ކުރިމަތީގައި އިހުލާސްތެރި ކަމާއި، ގާބިލިއްޔަތުކަން ޖެހެނީ ކުޑަކަކޫ ޖަހާށެވެ.

"ކެމްޕެއިން ކުރަން ގޭގެއަށް މިދަނީ ތަޖުރިބާއާއި ތައުލީމީ ސެޓްފިކެޓްތައް ހިފައިގެން. އިހުލާސްތެރިކަމާއެކު އެތަކެއް އަހަރު ސަރުކާރާއި ދާއިރާގެ ރައްޔިތުންނަށް ހިދުމަތް ކޮށްދިން ކަމުގެ ރެކޯޑް ހިފައިގެން. އެކަމަކު އެއިން ވާ ފައިދާއެއް ނޯވޭ. ރައްޔިތުން ބަލަން ބޭނުންވާ އެއްޗަކަށް އެކަމެއް ނުވޭ. ބޭނުންވަނީ ފައިސާ ދެނީ ކިހާވަރަކަށްތޯ ބަލަން. މިއީ ބަޔަކު މިތަނަށް ގެނެސްފައި އޮތް ސަގާފަތެއް،" އޭނާ ވިދާޅުވި އެވެ.

އެއީ ގޯސް ވާހަކައެއް ނޫނެވެ. ގާބިލް މީހާއަށްވުރެ ރައްޔިތުންނަށް މިހާރު ކަމުދަނީ ފައިސާ އޮންނަ މީހާ އެވެ. އެއީ ހަމަ ރަނގަޅަށް ވެސް ގެނެސްފައި އޮތް ސަގާފަތެކެވެ. ކުރީގެ އަހަރު ތަކުގައި މަޖިލިސް މެމްބަރު ކަމަކީ މާލެއިން ވަޑައިގަންނަވާ "ބޭފުޅުން" ތަކަކަށް ލިޔުއްވާފައި އޮންނަ ކަމެކެވެ. އެހެން ނަމަވެސް އެ ސަގާފަތް ބަދަލުވެ އެހެން މީހުންނަށް އެ ފުރުސަތު ހުޅުވިފައި އޮތް އިރުވެސް، އެ "ބޭފުޅުން" ގެނައި ވޯޓް ގަތުމުގެ ސަގާފަތައް އަދިވެސް ބަދަލެއް ނާދެ އެވެ. މިއީ ރައްޔިތުން ހުއްޓާލަން ވެއްޖެ ކަމެކެވެ.