ގދ. ތިނަދޫ އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ އަބްދުލް މުޣުނީގެ މައްޗަށް ތުހުމަތުވާ ގެވެށި އަނިޔާގެ މައްސަލައެއް އެއްވެސް އިރަކު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.
މުޣުނީގެ މައްޗަށް ތުހުމަތުކޮށް ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިވޭތޯ އަދި އެފަދަ މައްސަލައެއް ފުލުހުން ބަލަމުންދޭތޯ ސާފު ކުރަން މުޣުނީގެ ފަރާތުން ހުށަހެޅުމުން ފުލުހުން ވަނީ އޭނާއަށް ސިޓީއެއް ފޮނުވާފަ އެެވެ.
ފުލުހުން މުޣުނީގެ އަށް ފޮނުވި ސިޓީގައި ބުނަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް އެއްވެސް އިރަކު ފުލުހުންގެ އިދާރާއަށް ހުށައެޅިފައި ނުވާކަމަށެވެ.
މުޣުނީގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތުކޮށް ޓްވީޓުކޮށްފައި ވަނީ، އޭނާގެ ކުރީގެ އަންހެނުންނެވެ. މިކަމާއި ގުޅިގެން މުޣުނީ އަށް ކުރާ ތާއީދު އެމްޑީޕީން ވަނީ އަނބުރާ ގެންގޮސްފަ އެވެ.