ހަބަރު

ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒެއް އައިޖީއެމްއެޗްގައި ހުޅުވައިފި

Mar 25, 2019
3

ނަފްސާނީ ބަލިތަކަށް ފަރުވާދޭން ހާއްސަ މަރުކަޒެއް މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގައި މިއަދު ހުޅުވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހާއްސަ ސެންޓަރެއް ހުޅުވައި ނަފްސާނީ ބަލިތަކުގެ ފަރުވާއަށް ވެސް އާސަންދަ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ހިމަނާފައިވެ އެވެ.

އައިޖީއެމްއެޗްގައި ހުޅުވި އެ ސެންޓަރު މިއަދު ހުޅުއްވައި ދެއްވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އަދި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒުނާ އަހުމަދު ބައިވެރިވެ ވަޑައިގެންނެވި އެވެ.

އައިޖީއެމްއެޗްއިން ބުނީ އެ ސެންޓަރު މެދުވެރިކޮށް އެޑްމިޓްކޮށްގެންނާއި އެޑްމިޓްނުކޮށް ދޭ ފަރުވާތައް ދޭނެ ކަމަށެވެ. އަދި ބަލި ދެނެގަނެ ބޭސް ދީގެން ބަލިތައް ރަނގަޅު ކުރުމާއި ކައުންސިލިންގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާ ދެވޭނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ. މީގެ އިތުރުން، އެ ސެންޓަރު މެދުވެރިކޮށް ނަފްސާނީ ބަލިތަކަށް ދިވެހިން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ވެސް އެ ސެންޓަރުން ކުރާނެ އެވެ.

ރައީސް ސޯލިހު ހަފްލާގައި ވިދާޅުވީ، ނަފްސާނީ ބަލި ތަހަމައްމަލް ކުރާ މީހުން އުޅެނީ ވަރަށް ހާލުގައި ކަމަށެވެ. އަދި މި ސެންޓަރުގެ ސަބަބުން ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ސެންޓަރުގެ ހިދުމަތް އިތުރަށް ފުޅާކުރަން މަސައްކަތް ކުރާނެ އެވެ.