ވޮޝިންގްޓަން (މާޗް 25) - އެމެރިކާގެ ރައީސްކަމަށް 2016 އިންތިހާބުވުމުގެ ކުރިން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕެއިންގައި ރަޝިއާގެ ނުފޫޒު ބޭނުންކުރިކަމުގެ ހެއްކެތް ލިބިފައިނުވާކަމަށް އެކަމަށް ކުރި ތަހުގީގު ރިޕޯޓުގައި ބުނެފި އެވެ.
ފެޑެރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައީ) ކުރީގެ ވެރިޔާ ރޮބަޓް މަލާ އިސްވެ ކުރެއްވި ތަހުގީގުގައި، ޓްރަމްޕް އިންތިހާބު ކާމިޔާބުކުރުމުގައި ޓްރަމްޕްގެ ކެމްޕެއިން ޓީމާއި، ރަޝިއާ އާއި ގުޅިގެން އެއްވެސް މަސައްކަތެއް ކޮށްފައިވޭތޯ ވަނީ ބަލައިފަ އެވެ.
އެ ރިޕޯޓުގެ މައްޗަށް އެޓާނީ ޖެނެރަލް ވިލިއަމް ބާ ތައްޔާރުކޮށް ކޮންގްރެސްއަށް ފޮނުއްވާފައިވާ ހުލާސާގައި ބުނެފައިވަނީ ރަޝިއާގެ ނުފޫޒު ބޭނުންނުކުރުމުގެ އިތުރުން ޓްރަމްޕް އިސްވެ އިންސާފަށް ހުރަސްއެޅުއްވި ކަމުގެ ސާފު ހެކި ލިބިފައިނުވާ ކަމަށެވެ.
އެ ހުލާސާއާ ގުޅިގެން ޓްރަމްޕް ވަނީ އުފާފާޅުކުރައްވައި ޓްވީޓް ކުރައްވައިފަ އެވެ. އެ ތަހުގީގުގެ ދަށުން، ޓްރަމްޕްގެ އަރިސް ބޭފުޅުންތަކަކަށް މިހާރުވެސް ދައުވާކޮށް ޖަލަށްލާފައިވާއިރު، މަލާގެ އެ ރިޕޯޓުގައި އިތުރު ބަޔަކަށް ދައުވާކުރަން ހުށަހަޅައިފާނުވާކަމަށް ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.
"މި ރިޕޯޓުގައި ރައީސް ޓްރަމްޕް އެއްވެސް ކުށެއް ކުރެއްވިކަން ކަނޑައަޅާފައިނުވި ނަމަވެސް، އޭގެ މާނައަކީ ކުށުން ބަރީއަވެފައިވާކަމެއް ނޫން،" މަލާގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެޓާނީ ޖެނެރަލްގެ ހުލާސާ ސިޓީއާ ގުޅިގެން، އިދިކޮޅު ޑިމޮކްރެޓުން ދަނީ މަލާގެ ރިޕޯޓް އާންމުކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް، ބާ ވިދާޅުވީ، އެ ރިޕޯޓު ގާނޫނު ހަދާ މަޖިލީހާއި ހިއްސާކުރެވޭނީ، އޭގައި ހިމެނޭ ބައެއް މައުލޫމާތުތައް އުނިކޮށްފައި ކަމަށެވެ.
އަދި ހައުސްގެ ޖުޑީޝަރީ ކޮމިޓީއަށް ބާ ހާޒިރުކުރާނެކަމުގެ އިޝާރާތެއްވެސް ވަނީ ދީފަ އެވެ.
ސައިބާ ހަމަލާތަކެއް ދީގެން، ދޮގު ހަބަރު ފަތުރައިގެން އިންތިހާބުގައި ޓްރަމްޕާއި ވާދަކުރެއްވި ހިލަރީ ކްލިންޓަންގެ އަގު ވައްޓާލައި، ޓްރަމްޕަށް ފުރުސަތު ތަނަވަސްކުރަން ރަޝިއާ އިން މަސައްކަތްކޮށްފައިވާކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން 2016 ވަނަ އަހަރު ވަނީ ނިންމައިފަ އެވެ.