ކްރައިސްޓްޗާޗްގައި ބަޑީގެ ހަމަލާއެއްދީ އަޅުކަން ކުރަން ތިބި 50 މުސްލިމަކު މަރާލި އަނިޔާވެރި ޓެރަރިސްޓް އަމަލާއި ގުޅިގެން ނިއުޒީލޭންޑުގެ ބޮޑު ވަޒީރު ޖަސިންޑާ އަޑާން ދައްކަވާފައިވާ ހިތްވަރާއި، ގެއްލުން ލިބުނު މީހުންނާމެދު ބެހެއްޓެވި ހަމްދަރުދީއާއި ލޯބީގެ ސަބަބުން އެކަމަނާއަކީ އަނިޔާވެރިކަމާއި ދެކޮޅަށް ނުކުމެ ވަޑައިގެން ހުންނެވި ކަނބަލެއްކަން މުޅި ދުނިޔެއަށްވެސް ވަނީ ހާމަވެފަ އެވެ.
މި ހާދިސާއަށްފަހު އެކަމަނާ ކަންތައް ކުރައްވާފައިވާ ގޮތުގެ ސަބަބުން އެކަމަނާއަށް ވަނީ މުޅި ދުނިޔޭގެ ތައުރީފު ލިބި ވަޑައިގެންފަ އެވެ. މިހާރު އެކަމަނާއަށް މަތީ ހަރުފަތުން ޝަރަފެއް ވަނީ ހުށަހެޅިފަ އެވެ.
މިދިޔަ ހުކުރު ދުވަހު ޑުބާއީގެ ބުރްޖު ޙަލީފާ، ދުނިޔޭގެ އެންމެ އުސް އިމާރާތަށް ވަނީ އެކަމަނާގެ ފޮޓޯފުޅު އަރުވާފަ އެވެ.
ޑުބާއީގެ ބޮޑު ވަޒީރު ޝޭހް މުހަންމަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ، މުޅި ދުނިޔެއާއި ދުނިޔޭގެ ހުރިހާ މުސްލިމުން ސިއްސުވާލި ޓެރަރިސްޓު ހަމަލާއަށް ފަހު ނިއުޒީލޭންޑާއި އެ ގައުމުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑާން މުސްލިމުންނަށް ދައްކަވާފައިވާ އިހްލާސްތެރި ހަމްދަރުދީ އާއި އެހީތެރިކަމުގެ ސަބަބުން އެކަމަނާއަށް ދުނިޔޭގެ 1.5 ބިލިއަން މުސްލިމުންގެ އިހްތިރާމް ލިބިއްޖެ ކަމަށެވެ.
އުސް މިނުގައި 830 މީޓަރަށއ އުފުލާލެވިފައިވާ ބުރްޖު ޙަލީފާ މިހާރު ދިއްލާލާފައި އާޑާން މުސްލިމު އަންހެނަކަށް ހަމްދަރުދީވަމުން ބައްދާލައިގެން ހުރި މަންޒަރުންނެވެ. މި މަންޒަރާއި އެކުގައި ވަނީ "ސުލްހަ - އަމާންކަން" މި މެސެޖެވެ.
ދުނިޔޭގެ އެންމެ ހަގު އަންހެން ލީޑަރަކަށް 2017 ގައި ވެވަޑައިގަތުމަށް ފަހު ބައިނަލްއަގުވާމީ މަގުބޫލުކަން ލިބިވަޑައިގެންފައިވާ އާޑާންއަށް ކޮށްފައިވާ މި ވެދުމަކީ އެކަމަނާއަށް އޮހެމުންދާ ތައުރީފުގެ ތެރެއިން އެންމެ ފަހުން ލިބިފައިވާ ތައުރީފެވެ.
"ނިއުޒީލޭންޑުން ތި އެންމެންގެ ހިތާމައިގައި ބައިވެރިވަން. އަހަރެމެންނަކީ އެއްބައެއް،" މިދިއަ ހުކުރު ދުވަހު ނަމާދަށް ގޮސް ތިބި މީހުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަމުން އާޑާން ވިދާޅުވެފައި ވެއެވެ.
އެކަމަނާ ވަނީ ރަސުލާ ސައްލަﷲ އަލައިހި ވަސައްލަމް ގެ ހަދީޝްފުޅެއް ވެސް ވިދާޅުވެފަ އެވެ. އެކަލޭގެފާނު ހަދީޝް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ "މުސްލިމުންނަކީ އެކަކު އަނެކަކާާއިމެދު އަޅާލުމާއި، ރަހުމު ކުރުމުގައާއި ހަމްދަރުދީ ވުމުގައި އެއް ހަށިގަނޑެއް ކަހަލަ ބައެކެވެ. ހަށިގަނޑުގެ އެންމެ ގުނަވަނަކަށް އަނިޔާ ވީނަމަވެސް، މުޅި ހަށިގަނޑަށް އެކަމުގެ ތަކުލީފު ކުރާނެ އެވެ"