ދުނިޔެ

ޚާޝުގްޖީގެ ގަތުލު: ވަލީއަހުދުގެ އެޑްވައިޒަރަށް ދައުވާއެއް ނުކުރެ

Mar 25, 2019

ރިޔާދު (މާޗް 25) - ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި މައްސަލާގައި މަގާމުން ވަކިކޮށްފައިވާ ސައުދީ ވަލީއަހުދުގެ އަރިސް ބޭފުޅަކަށް ދައުވާނުކުރާކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުން ހާމަވެއްޖެ އެވެ.

ޚާޝުގްޖީގެ މަރުގެ މައްސަލައިގައި ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ މައްޗަށް ތުހުމަތު ކުރެވުނު ނަމަވެސް ސައުދީ އިން އެކަން ދޮގު ކުރެ އެވެ. އަދި އެ މައްސަލައިގައި 21 މީހަކު ސައުދީ ސަރުކާރުން ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ވަލީއަހުދު މުހައްމަދުގެ ގާތް ބޭފުޅުން ހިމެނެ އެވެ.

އޭގެ ތެރެެއިން ދައުވާ އުފުލާފައިވާ 11 މީހުންގެ ތެރޭގައި ޝާހީ އާއިލާގެ ކުރީގެ އެޑްވައިޒަރު އަދި ވަލީއަހުދުގެ އަރިސް ބޭފުޅެއް ކަމުގައިވާ ސައުދު އަލްގަހުތާނީ ނުހިމެނޭކަމަށް ސައުދީގެ ކަމާބެހޭ އިދާރާތަކުގެ އޮފިޝަލުންތަކަކާއި ހަވާލާދީ ރޮއިޓާސް ނޫހުން ބުނެފައިވެ އެވެ.

މިދިޔަ ޖެނުއަރީ މަހުން ފެށިގެން ސިއްރުން ކުރިއަށްދާ ޝަރީއަތުގެ އެއްވެސް އަޑުއެހުމަކަށް ސައުދު ހާޒިރުކޮށްފައިނުވާކަމަށް ވެސް އެ ނޫހުން ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް، ޚާޝުގްޖީ މަރާލުމުގައި އަމަލީގޮތުން ބައިވެރި މީހުން ތުރުކީއަށް ފުރުމުގެ ކުރިން، ސައުދާއި ބައްދަލުކުރެއްވިކަމަށް ސައުދީގެ ޕަބްލިކް ޕްރޮސެކިޔުޓަރު މިދިޔަ ނޮވެމްބަރު މަހު ވިދާޅުވެފައިވެ އެވެ.

ދައުވާކޮށްފައިވާ މީހުންގެ ތެރެއިން ފަސް މީހެއްގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ސައުދީއިން އަންނަނީ މަސައްކަތް ކުރަމުން އެވެ.

ޚާޝުގްޖީ ގަތުލު ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ތުރުކީއާ ހަވާލު ކުރުމަށް އެ ގައުމުގެ ސަރުކާރުން މީގެ ކުރިން އެދިފައިވެ އެވެ. އެހެން ނަމަވެސް އެކަމަށް ދެކޮޅު ހަދައި ސައުދީ ސަރުކާރުން ބުނީ އެ މީހުންގެ މައްޗަށް ޝަރީއަތް ކޮށް އަދަބު ދޭނީ ސައުދީގައި ކަމަށެވެ. އަދި އެ ގަތުލު ހިންގީ، ސައުދީ ސަރުކާރުގެ ވެރިންނަށް އެނގިގެން ނޫން ކަމަށާއި އެކަން ކުރީ ސައުދީ ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ ބަޔަކު އެ މީހުން އަމިއްލަ އިސްނެގުމަކަށް ކަމަށް ވެސް ސައުދީ އިން ވަނީ ބުނެފަ އެވެ.