ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަކީ، ރާއްޖޭގެ ފުޓްބޯޅައަށް 74 އަހަރާއި 75 ވަނަ އަހަރު ފުރޭ އަލިމަސް ޔޫބީލް ފާހަގަ ކުރާނެ އަހަރެވެ. މި ހާއްސަ ސީޒަނާ ދިވެހި ފުޓްބޯޅަ ކުރިމަތި ލާން ތައްޔާރު ވަނީ، ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާން، ނިއު ރޭޑިއަންޓާ ނުލަ އެވެ. މިއީ ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތި ވާނެ ނުހަނު ބޮޑު ފަޅު ކަމެކެވެ.
ހެންވޭރުގެ މަސްވެރިންގެ އެހީތެރި ކަމާއެކު 1979 ވަނަ އަހަރު އެ އަވަށުގެ ދެމަފިރިއަކު، އުފެއްދި އެ ކުލަބު މިހިސާބަށް ގެނައީ އެތައް ބައެއްގެ ގުރުބާނީ އާއި ދާ އޮހޮރުވައިގެންނެވެ. އެ ދެމެފަރިން އުފެއްދި ކުލަބު ހިންގަން ކުއީން އަހްމަދު ވަހީދުގެ އަތް މައްޗަށް ދޫކޮށްލީ، ހެންވޭރުގެ އިޖުތިމާއީ ކަންކަމުގައި އެންމެ ހީވާގިކޮށް އުޅުވާ ބޭފުޅަކީ އޭނާ ކަމަށް ވުމުން، އެ ކުލަބުގެ ހިންގުން ވަރުގަދަ ކުރުމަށެވެ.
ވަހީދުގެ މަސްއޫލުވެރި ކަމުގެ ދަށުން، ރާއްޖޭގެ ފުޓްބޯޅައިގައި ހޯދި އެންމެ ބޮޑު ކާމިޔާބުތައް އެ ކުލަބަށް ހޯއްދަވައި ދެއްވި އެވެ. ނިއު ރޭޑިއަންޓުން ވަނީ 1987 ވަނަ އަހަރުގެ ސާފް ގޭމްސްގެގައުމީ ޓީމު ތަމްސީލު ކޮށްފަ އެވެ. އެ ހާއްސަ ކާމިޔާބީއަކީ، ރާއްޖޭގެ އެހެން އެއްވެސް ކުލަބަކަށް ދެން ދުވަހަކުވެސް ހޯދޭނެ ޝަރަފެއް ނޫނެވެ.
މިއަދު އެފްއޭއެމުގެ ކޮންގްރެސްއިން ފާސް ކުރި ނިންމުމާއެކު މި އަހަރުގެ ފުޓްބޯޅަ ސީޒަނުން ނިއު ރޭޑިއަންޓަކަށް ޖާގަ އެއް ނެތެވެ. އޭއެފްސީ ކުލަބު މުބާރާތުގެ ސެމީ ފައިނަލަށް 2005 ވަނަ އަހަރު ނިއު ރޭޑިއަންޓް ދަތުރު ކުރުމަކީ، މި ސަރަހައްދުގައި ފާހަގަ ކުރެވުނު ބޮޑު ކާމިޔާބެކެވެ. އޭގެ ފަހުން ސަރަހައްދުގެ ކުލަބަކަށް އެއްވުރެ ދުރަށް ދެވުނީވެސް އެންމެ ފަހަރަކު އެވެ. އޭއެފްސީ ކަޕުގެ ފައިނަލަށް 2016 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރު އެފްސީ ދަތުރު ކުރުމާ ހަމައަށް، މި ސަރަހައްދުގައި އޭޝިއާގެ އެންމެ ބޮޑު ރެކޯޑެއް އޮތީ ނިއު ރޭޑިއަންޓް އަތުގަ އެވެ.
މި އަހަރު ޖަނަވަރީ މަހު ތިން ވަނަ ދުވަހު، އެފްއޭއެމުން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރީ، އެ ކުލަބުގެ 10 ކުޅުންތެރިޔަކަށް ދޭން ޖެހޭ މުސާރައިގެ ގޮތުގައި 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް އެފްއޭއެމުން ބުނެ އެވެ. އެހެންނަމަވެސް ނިއު ރޭޑިއަންޓް ސަސްޕެންޑް ވުމާ ދިމާވި ވަގުތަކީ އެފްއޭއެމްގެ ލިޑާޝިޕް ބަދަލު ކުރުމަށް އެކުލަބުން އިސްނަގައިގެން މަސައްކަތް ކުރަމުންދިޔަ ވަގުތެކެވެ. އެވަގުތު އެފްއޭއެމްގެ އެކްސްކޯއިން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރުމުން، ސަސްޕެންޑް ކުރީ އެފްއޭއެމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން މަސައްކަތް ކުރުމުން އެކަން ހުއްޓުވުމަށް ކަމަށް ބުނެ އެ ތުހުމަތު އެފްއޭއެމްގެ މައްޗަށް ކުރެވުނެވެ.
އެހެންނަމަވެސް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާލުވީ، އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރަން، ބައެއް ކުލަބުތަކުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާއަށް ޚަބަރު ލިބުނީ ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރި ފަހުން ކަމަށެވެ.
ކޮންގްރެސްގައި، ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން އުވާލުމަށް ވޯޓް ދިނީ، އެ ކުލަބުގެ ކުރީގެ ވާދަވެރިޔާ، ވިކްޓަރީ ސްޕޯޓްސް ކުލަބާއި، ނިއު ރޭޑިއަންޓްގެ ކުރީގެ ކެޕްޓަން އަދި އެ ކުލަބުގެ ލެޖެންޑް އަހްމަދު ތޯރިގް 'ޓޮމް' ގެ އިސްނެންގެވުމުގެ މަތިން އުފައްދާފައިވާ މަހިބަދޫ ސްޕޯޓްސް ކުލަބެވެ. ވިކްޓަރީގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދު ވަނީ އެ މައްސަލައާ ބެހޭގޮތުން ސުވާލު އުފައްދާފަ އެވެ. އޭނާ ވިދާޅުވީ، މުސާރައިގެ މައްސަލަ ކުރިމަތިވެފައި ވަނީ ހަމައެކަނި ނިއު ރޭޑިއަންޓަށް ނޫން ކަމަށާއި، އެހެން ކުލަބުތަކަށްވެސް މައްސަލަ ދިމާވެފައިވާ ކަމަށެވެ.
ޓީސީ ސްޕޯޓްސް ކުލަބުގެ ފަރާތުން ކޮންގްރެސްގައި ތަމްސީލު ކުރެއްވި، އަހްމަދު ނަޝީދު 'ޑޭވް' ވިދާޅުވީ، ކުޅުންތެރިންގެ ހައްގުގައި ނިއު ރޭޑިއަންޓް ސަސްޕެންޝަން އެގޮތުގައި ބާއްވަން އޭނާ ތައީދު ކުރައްވާ ކަމަށެވެ.
"ކުޅުންތެރިންނަށްވެސް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކުރިއަށް އޮތް ތަނަށް އެކުޅުންތެރިންގެ ރައިޓްސް އަށް ފައިޓް ކުރުމަށްޓަކައި، ރާއްޖޭގެ ޖަޔަންޓް ކަމަށް އެންމެން ބުނާ ކުލަބެއްގެ ސަސްޕެންޝަން އެގޮތުގައި ހިފަހައްޓާލެވިއްޖެއްޔާ." ޑޭވް ވިދާޅުވި އެވެ. "ޓީސީ ސްޕޯޓްސް ކުލަބުން އެދެނީ ކިތަންމެ ދުވަސްވީ ކުލަބަކަށްވިޔަސް، ވިކްޓަރީއަށް ވިޔަސް އީގަލްސްއަށް ވިޔަސް މާޒިޔާއަށް ވިޔަސް އަޅުގަނޑުމެން ޓީސީ ސްޕޯޓްސް ކުލަބުން އެދެނީ، މިހާރުން މިހާރަށްވެސް ފިޔަވަޅު އަޅަން."
ބައްސާމް ވިދާޅުވީ، ރާއްޖޭގެ އެންމެ ދުވަސްވީ ކުލަބު ސަސްޕެންޑްވެގެން ދިއުމުން މިއަދަކީ ވަރަށް ހިތާމަވެރި ދުވަހެއް ކަމަށެވެ. ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން ބާއްވަން ކުލަބުތަކުން ނިންމުމުން، އެ ސަސްޕެންޝަނާ މެދު އެހެން ގޮތެއް ކުލަބުތަކުން ނިންމުމުންނެވެ. ކުލަބުތަކުން އެކަމާ މެދު ގޮތެއް ނިންމާނީ، އެފްއޭއެމްގެ ކޮންގްރެސްއެއްގަ އެވެ.