ދުނިޔެ

މާލީއަށް ދިން ހަމަލާގައި 134 މީހުން މަރާލައިފި

ސަގާފީ ސިކާރަވެރިންގެ ހެދުމުގައި ހަތިޔާރު އަޅައިގެން ތިބި ބަޔަކު މެދުތެރޭ މާލީގެ އަވަށަކަށް އަރާ ދިން ހަމަލާއެއްގައި 134 މީހުން މަރާލައިފި އެވެ. އދ. ބުނި ގޮތުގައި އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ. ހަމަލާ ދީފައި ވަނީ މާލީގެ އޮގޮއްސަގޫ ނަމަކަށް ކިޔާ އަވަށަށެވެ. އެ ސަރަހައްދުން 55 މީހުނަށް އަނިޔާވެސް ވިއެވެ.

އދ. އިން ބުނި ގޮތުގައި މި ސަރަހައްދުގެ ފުލާނީ އެތްނިކް ކޮމިއުނިޓީއަކީ ޖިހާދުކުރާ ޖަމިއްޔާތަކާ ގުޅުން ހުރިކަމަށް ތުހުމަތު ކުރެވޭ ހިސާބަކަށްވެ މިބާވަތުގެ ހަމަލަތައް އާންމުވެފައިވާ ސަރަހައްދެއް ކަމަށެވެ.

މާލީގެ ސަރުކާރުން މި މައްސަލާގައި ބުނަނީ "އެހެން ޒަމާނެއްގެ މި އަނިޔާވެރި އަމަލު ހިންގާފައިވާ ބަޔަކު ހޯދާ އަތުލައިގަނެ އެބަޔަކަށް ގާނޫނުގެ ދަށުން ހަރުކަށި އަދަބު ދޭނެ ކަމެވެ. އަދި ހަމަ މި އަޒުމުގައި ސަރުކާރުން ރައްޔިތުން ހިމާޔަތް ކުރުމުގައި ދެމިތިބޭނޭ ކަމަށާއި އެންމެންގެ މެދުގައި އެއްބައިވަންތަކަމުގެ ގުޅުން ބަދަހިކޮށް ގައުމީ އެއްބައިވަންތަކަން އާލާކުރާނެ" ކަމަށެވެ. އަދި މި އަނިޔާވެރި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް މަރުވި މީހުންގެ އާއިލާތަކަށް އެސަރުކާރުން ވަނީ ހަމްދަރުދީ ފޮވާފައި ވެއެވެ.

އާދިއްތަ ދުވަހު މާލީގެ ރައީސް އިބްރާހީމް ބޫބަކަރް އަދި އޭނާގެ މިނިސްޓަރުންގެ ކައުންސިލުން ދީފައިވާ ބަސްދީގަތުމެއްގައި ބުނެފައި ވަނީ ސެލްފް ޑިފެންސް ގްރޫޕެއް ކަމަށް ބުނާ ގްރޫޕެއް ރޫޅާލާފައިވާ ކަމަށެވެ. ނަމަވެސް މި ގްރޫޕަކީ އޮގޮއްސަގޫ އަށް ހަމަލާދިން މީހުން ކަމުގައި ހާމަކޮށްފައެއް ނުވެ އެވެ.

ޑަންނަ އަމްބައްސަގޫ ކިޔާ މި ގްރޫޕުގެ ތެރޭގައި ހިމެނެނީ ޑޯގޮން ދަރިކޮޅުގެ މީހުން ނެވެ. ހިއުމަން ރައިޓްސް ވޮޗް އިން މި ގްރޫޕަކީ ފުލާނީ ދަރިކޮޅުގެ މީހުންނަސް އަމާޒުކޮށްގެން ދެމުންދާ ހަމަލާތަކުގައި އެތައް ބަޔަކު މަރާ އަނިޔާކުރާ ބައެއް ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ޔުނައިޓަޑް ނޭޝަންސް އިންޓިނޭޝަނަލް ޗިލްރަންސް ފަންޑް (ޔުނިސެފް) އިން ދަނީ އަނިޔާވި މީހުންނަށް އެހީތެރިވަމުން ނެވެ. "އަނިޔާވި ގިނަ ކުޑަކުދިން ވާނީ ކައިރި ސިއްހީ މަރުކަޒުތަކަށް ފަރުވާދޭން ގެންދެވިފަ. ޔުނިސެފް މިވަނީ އެއްގަމުން ފުރަތަމައެހީ، ބޭސް ފަރުވާ އަދި ތެރަޕިއުޓިކް ކާނާ ފޯރުކޮށްދެމުން"، ޔުނިސެފް ގެ އެގްޒެކަޓިވް ޑިރެކްޓަރު ހެންރިއޭޓާ ފޯ ހާމަކުރި އެވެ.

"މެދުތެރޭ މާލީގައި ހިނގާ އަނިޔާވެރިކަމުން އެންމެ ބޮޑު ގެއްލުން މި ލިބެނީ މާލީގެ ކުޑަކުދިންނަށް. 2017 އިން ފެށިގެން މި ސަރަހައްދުގެ ހަމަނުޖެހުންތައް އިތުރުވެ ގަތުލުތައް އާންމުވެ ކުޑަ ކުދިންނަށް ކުރާ އަނިޔާތަކާއި އެކުދިން ހަނގުރާމައަށް ރެކްރޫޓު ކުރަމުން ދަނީ. ޖިންސު ބިނާކޮށް ކުރާ އަނިޔާތައް ދަނީ އިތުރުވަމުން"، ހެންރިއޭޓާ އިތުރަށް ހާމަކުރި އެވެ.

މޮޕްޓީ ސަރަހައްދުގައި ފާއިތުވެ ދިޔަ މަސްތަކުތެރޭ އަނިޔާވެރިކަން ވަނީ އިތުރުވެފަ އެވެ. މިދިޔަ ހަފްތާގައި ސިފައިންގެ 7 މީހަކު މަރުވެފައި ވާއިރު ފެބްރުއަރީ މަހު ގޮންޑޮގޫރޫ އަވަށައް ދީފައިވާ ހަމަލާގައި ޑޮގޮންގެ 10 މީހުން މަރުވެފައި ވެއެވެ.

މާލީގައި ގާތްގަނޑަކަށް 3 މިލިއަން ފުލާނީ މީހުން ދިރިއުޅޭއިރު ގިނައީ މުސްލިމުން ނެވެ.