ދުނިޔެ

ކޮންގޯގައި އެބޯލާ ފެތުރި 1000 މީހުންނަށް ބަލި ޖެހިއްޖެ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ގައި ފެތުރެމުންދާ ނުރައްކާތެރި އެބޯލާ މިހާރު އެގައުމުގެ 1000 އަށްވުރެ ގިނަ މީހުންނަށް ޖެހިއްޖެ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީ އިން ހާމަކޮށްފި އެވެ.

މިހާތަނަށް މި ބަލި ޖެހިފައިވާ މީހުންގެ އަދަދަށް ބަލާއިރު މިދިޔަ އަހަރުގެ އޯގަސްޓް މި ބަލި ފެތުރެން ފަށާފައި ވާއިރު1009 މީހުންނަށް ވަނީ މިބަލި ޖެހިފައެވެ. 1009 މީހުންގެ ތެރެއިން 944 މިހުންނަކީ އެބޯލާ ޖެހިފައި ތިބި މީހުންކަން ކަށަވަރު ވެއެވެ. 65 މީހުންނަށް މިބަލި ޖެހިފައި ނުވުން އެކަށީގެން ވެއެވެ. ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 629 އަށް އަރާފައިވާއިރު މީގެ ތެރެއިން 564 މީހުން މަރުވެފައި ވަނީ އެބޯލާ ޖެހިގެން އަދި ބާކީ 65 މީހުން މަރުވެފައިވަނީ މިބަލިން ކަމުގައި ބެލެވެ އެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ހާމަކުރާ ގޮތުގައި ހުޅަނގު އެފްރިކާގައި 2014 ވަނަ އަހަރު މި ބަލި ފެތުރި 11000 މީހުން މަރުވުމަށް ފަހު މި ބަލި މިވަރަށް ފެތުރެމުން ދާ މިއީ ދެވަނަ ފަހަރެވެ.

"އަހަރެމެން 'ސައިންޓިފިކް' ވުމުގެ ގޮތުން މިބަލި ޖެހިފައިވާ މީހުންނަށް ކޮންމެ ނަމަކުން މުހާތަބު ކުރިކަމުގައި ވިޔަސް މި މީހުންނަށް ދެވިފައިވާ ކޮންމެ ނަންބަރެއްގެ ފަހަތުގައި ހިތާމަކުރާ އިންސާނަކު ވޭ، އާއިލާއެއް ވޭ އަދި މުޖުތަމައުއެއް ވޭ. މި ބަލި ފެތުރެމުން ދާތާ މިހާރު މާގިނަ ދުވަސް ވެއްޖެ"، ޑަބްލިއުއެޗްއޯ ގެ ޑިރެކްޓާ ގެނެރަލް ޑޮކްޓަރު ޓެޑްރޯޒް އަދަނޯމް ގެބްރެޔޭސަސް ބުނެފައި ވެއެވެ.

މިދިޔަ ހަފްތާގައި ޑަބްލިއުއެޗްއޯ އިން ވަނީ މި ބަލި ފެތުރުން މަޑުޖެހިލާފައި އޮތުމަށްފަހު އަނެއްކާވެސް ފެތުރެން ފަށާފައިވާ ކަމަށެވެ.

މިމަހު ފަރުވާދޭ މަރުކަޒަށް ބަޔަކު ދީފައިވާ ހަމަލައަކުން ޕޮލިސް އޮފިސަރެއް ވަނީ މަރުވެފައެވެ. އަދި ފެބްރުއަރީގައި އުތުރު ކޯވޫގެ ދެ މަރުކަޒަކަށް ހަމަލާ ދިނުމުގެ ސަބަބުން ޑޮކްޓާޒް ވިތައުޓް ބޯޑާޒް ގްރޫޕަށް އެހީ ފޯރުކޮށްދިނުމުގައި
ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. އެ ޖަމިއްޔާއިން މިހާރު ސަލާމަތީ ކަންތައް ވަނީ ވަރުގަދަ ކޮށްފަ އެވެ.

މިހާތަނަށް އައި އިރު މިބަލި ޑީއާރްސީގެ އުތުރު ކޯވޫ އަދި އިތުރީ ޕްރޮވިންސުގެ ސަރަހައްދުން ބޭރަށް ފެތުރިފައި ނުވާ ކަމުގައި އަދި ބަިނަލް އަގްވާމީ އެއްވެސް ބޯޑަރެއް ހުރަސްކުރެވިފައި ނުވާނެ ކަމަށް ޑަބްލިއުއެޗްއޯ އިން ހާމަކުރެ އެވެ. އަދި އެ ޖަމިއްޔާއިން މިހާރު 96000 އެފްރިކާ ރައްޔިތުންގެ އިތުރުން އުގާންޑާ އަދި ދެކުނު ސުދާންގެ ސޮއްހީ ދާއިރާތަކުގައި ހަރަކާތްތެރިވާ އެންމެނަށް އެބޯލާ ވެކްސިން ދީފައެވެ.

"މި ބަލީގައި މަރުވި މީހުންނާއި މެދު ހިތާމަކުރާއިރު ހަނދާން ކުރަންވީ މިހާ ދަތި ހާލުގައިވެސް މިނިސްޓްރީ ގެ އެހީއާއި ޑޯނަރުންގެ ދީލަތިކަމާ އަދި ޑަބްލިއުއެޗްއޯ ގެ އެހީތެރިކަމާއެކީ މިބަލިން އެތައް ހާސް ބަޔަކު ސަލާމަތް ކުރެވިއްޖެކަން"، ޑަބްލިއުއެޗްއޯގެ އެފްރިކާގެ ޑިރެކްޓަރު ވިދާޅުވި އެވެ.