ހަބަރު

މެދު ހެންވޭރަށް ވާދަކުރާ އަބްދުﷲ ރަޝީދު، ހަސަންއަށް ތާއީދުކުރަން ނިންމަވައިފި

Mar 25, 2019
1

އަންނަ އެޕްރީލް މަހު ބާއްވާ، މަޖިލިސް އިންތިހާބުގައި މެދު ހެންވޭރު ދާއިރާއަށް ވާދަކުރައްވާ އަމިއްލަ ކެނޑިޑޭޓް އަބްދުﷲ ރަޝީދު އެދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޝިޔާމް، ހަސަންއަށް ތާއީދުކުރައްވަން ނިންމަވައި އެކަން މިއަދު އިއުލާންކުރައްވައިފި އެވެ.

އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި އެ ދާއިރާއަށް ވާދަކުރައްވާ، އަބްދުﷲ ރަޝީދު ކެންޑިޑޭޓް ހަސަންއަށް ތާއީދުކުރާކަން ހާމަކުރެއްވީ، ޕީއެސްއެމް އިން ގެނެސްދޭ މަޖިލިސް ބަހުސްގެ ތެރެއިން މިއަދު ހަވީރު ކުރިއަށްދިޔަ މެދު ހެންވޭރު ބަހުސްގެ ތެރޭގަ އެވެ.

ފަހުބަސް ބުނުމަށް ލިބުނު ފުރުސަތުގައި އަބްދުﷲ ރަޝީދު ވިދާޅުވީ، އޭނާ ކެންޑިޑޭޓް ހަސަންއަށް ތާއީދު ކުރަން ނިންމެވީ، ރާއްޖޭގައި މިހާރު ހުރި މުހިންމު ގާނޫނުތަކަށް އިސްލާހީ ހެޔޮ ބަދަލުތައް ގެންނަން ޖެހިފައިވާ މިދަނޑިވަޅުގައި އެކަން ކުރެވޭނެ ފަދަ ގާބިލްކަން ކެންޑިޑޭޓް ހަސަންގެ ކިބައިގައި ހުރުމުން އެވެ. އަދި އަބްދުﷲ ރަޝީދު މަޖިލީހަށް ވާދަކުރެއްވި ފިކުރާއި ހިޔާލު ވެސް ހަސަންގެ އެއްގޮތް ކަމުން ޒުވާނަކަށް ފުރުސަތު ދޭން ނިންމެވީ ކަމަށް ވެސް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ވިސްނުމާ ފިކުރާ ވަރަށް އެއްގޮތް އިލްމީ ގޮތުން ގާބިލް ބޭފުޅެއް ކަމަށްވާ ހަސަން ޝިޔާމް ހުންނެވުމާ ގުޅިގެން މިފަހަރު މި ނިންމީ އަޅުގަނޑުގެ ތާއީދު ހަސަން ޝިޔާމް ކެންޑިޑޭޓް ނަމްބަރު 1 އަށް ދިނުމަށް. އަދި އަޅުގަނޑު އެދެނީ އަޅުގަނޑަށް ތާއީދު ކުރައްވާ ހުރިހާ ބޭފުޅުން ވެސް ހަސަން ޝިޔާމް ކެންޑިޑޭޓް ނަމްބަރު 1 އަށް ތާއީދުކޮށް ހޮއްވަވާ ދެއްވުމަށް،" ފަހުބަސް ވިދާޅުވަމުން އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

އެހެން ކެނޑިޑޭޓަކަށް ތާއީދުކުރައްވާކަން ނިންމެވި ނަމަވެސް، ވޯޓް ކަރުދާސް ޕްރިންޓް ކުރަން ދީފައި ވާތީ، އަބްދުﷲ ރަޝީދަށް އޭނާގެ ނަން އަނބުރައި ނެގުމުގެ ފުރުސަތެއް މިހާރު ނެތެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަން އަނބުރައި ގެންދެވޭނީ ވޯޓް ކަރުދާސް ޕްރިންޓްކުރުމުގެ ކުރިން އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމުން އެވެ. އެހެންކަމުން މަޖިލިސް އިންތިހާބުގައި މެދު ހެންވޭރު ދާއިރާގެ ވޯޓް ކަރުދާހުގައި އަބްދުﷲ ރަޝީދުގެ ނަންވެސް އޮންނާނެ އެވެ.

މަޖިލިސް އިންތިހާބުގައި މެދު ހެންވޭރު ދާއިރާއަށް ހަތަރު ކެނޑިޑޭޓަކު ވާދަކުރައްވަ އެވެ. އެއީ އެމްޑީޕީގެ ފަރާތުން މިހާރު އެދާއިރާގެ މެންބަރު އަލީ އާޒިމް އާއި، އަބްދުﷲ ރަޝީދާއި އަހުމަދު ޒިޔާދު އަދި މިނިވަން ކެންޑިޑޭޓެއްގެ ގޮތުން ހަސަން ޝިޔާމް، ހަސަން އެވެ. މަޖިލިސް އިންތިހާބުގައި މިހާރު ވާދަކުރައްވަނީ 386 ކެނޑިޑޭޓުންނެވެ. ތިން ކެނޑިޑޭޓަކު ވަނީ ނަންތައް ތަރުތީބުކުރި ފަހުން ނަން އަނބުރާ ގެންގޮސްފަ އެވެ.