ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ރަށްތަށް ހިންގުން އެރަށެއްގެ ކައުންސިލަށް ދޫކޮށްލުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ލޯކަލް ޓޫރިޒަމަށް ޚާއްސަކޮށްގެން އިފްތިތާހުކުރި ވެބްސައިޓް "އައިލެންޑްސް އެމްވީ" ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތު ކަމަށްވާ ލާމަރުކަޒީ ނިޒާމުން ކަންތައް ކުރުމުގެ އުސޫލުން ރަށްތަށް ހިންގުން ކައުންސިލްތަކާ ހަވާލުކޮށް ރަށްތަށް މާލީ ގޮތުން ފުދުންތެރިކުރުވުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދީގެން ކުރާނެ ކަމެއް ކަމަށެވެ.
އެގޮތުން ރަށްރަށުގައި ހިންގާ ވިޔަފާރިތައް ފަދަ ކަންކަން ވެސް ކައުންސިލްތަކުގެ ދަށަށް ދޫކޮށްލަން ސަރުކާރުން ވިސްނަމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ލޯކަލް ޓޫރިޒަމާ އެކު ރަށްރަށުގެ ފުދުންތެރިކަން ވެސް އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ލޯކަލް ޓޫރިޒަމަށް ހާއްސަ ކޮށްގެން ނެރުނު ވެބްސައިޓުގެ ސަބަބުން ރަށްރަށުގެ ލޯކަލް ޓޫރިޒަމް މިހާރަށްވުރެ ބޮޑަށް ފުޅާވެ ކުރި އަރާނެ ކަމަށެވެ. އަދި އެ ވެބްސައިޓް ބެލެހެއްޓުމުގެ ޒިންމާވެސް ސަރުކާރުން ހަވާލުކުރާނީ އެރަށެއްގެ ކައުންސިލާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު އިފްތިތާހު ކޮށްދިން ވެބްސައިޓުގެ ފައިދާ ލިބޭނީ ހަމައެކަނި ރާއްޖޭ އަންނަން ބޭނުންވާ ފަތުރުވެރިޔާއަކަށް ނޫން ކަމަށެވެ. އެކަމުގެ ފައިދާ ދިވެހި ރައްޔިތުންނަށްވެސް ކުރާނެ ކަމަށް ވިދާޅުވި އެވެ.
"އައިލެންޑްސް އެމްވީ" ވެބްސައިޓަކީ ރާއްޖޭގެ ރަށްރަށުގައި ހުރި ގެސްޓް ހައުސްތަކުގެ މައުލޫމާތާއި، ވޯޓާ ސްޕޯޓްސްގެ މައުލޫމާތާއި ރަށުގެ ގުދުރަތީ ވަސީލަތްތަކުގެ މައުލޫމާތާއި، އާސާރީ ތަންތަނުގެ މައުލޫމާތުގެ އިތުރުން އެރަށެއްގައި ހުންނަ ރެސްޓޯރަންޓު ތަކުން ލިބެން ހުންނަ ކެއުމުގެ ބާވަތްތަކުގެ މައުލޫމާތުތަށް ހިމަނައިގެން ލޯކަލް ޓޫރިޒަމް މާކެޓް ކުރުމަށް ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން އެންޑް ޓެކްނެލޮޖީ (އެންސީއައިޓީ) ތައްޔާރުކުރި ވެބްސައިޓެކެވެ.