ހަބަރު

ސާވެންގެ ފަސްވަނަ އެގްޒެކެޓިވް ބައްދަލުވުން ފަށައިފި

ސައުތު އޭޝިއަން ވައިލްޑްލައިފް އެންފޯސްމެންޓް ނެޓްވޯކް (ސާވެން) ގެ ފަސްވަނަ އެގްޒެކަޓިވް ކޮމިޓީ ބައްދަލުވުން މިއަދު ފަށައިފި އެވެ.

ސާވެން އަކީ ސާކް ގައުމުތަކުގެ ދިރުންތަކާއި އިލީގަލް ޓްރޭޑް ބެލެހެއްޓުމަށް ކަނޑައެޅިފައި އޮންނަ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ، މި ސަރަހައްދުގެ ގައުމުތަކުގައި ގަވައިދާ ހިލާފަށް އެތެރެ ކުރެވޭ ޖަނަވާރުތައް ހުއްޓުވުމުގެ މަސައްކަތެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ހަވީރު ހައެއް ޖަހަންދެން ކުރިޔަށްދާ މި ބައްދަލުވުމުގައި ސާވެންގެ ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.
ރަސްމިއްޔާތު ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަސީރު ވިދާޅުވީ، ދުނިޔޭގެ ތިމާވެށި ރައްކާތެރިކޮށް، ދުނިޔެއިން މަދުވަމުންދާ ބާވަތްތަކުގެ ދިރުން ދެމެހެއްޓުމަށް ސަރުކާރުން އަހައްމިއްޔަތުކަންދޭ ކަމަށެވެ.

މި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އީޕީއޭގެ ސީނިއާ އެންވާރަމަންޓް އެނަލިސްޓް، އަދި ސާވަންގެ ރާއްޖޭގެ ފޯކަލް ޕޮއިންޓް އަހްމަދު ޝާން ވިދާޅުވީ، ސާވެންގެ އެކްޒެޓިވް މީޓިންއަށް ފަހު، އަންނަ އަހަރު ކުރަން ހަމަޖެހިފައިވާ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާތަކެއް ކުރާނެ ކަމަށާއި ފާއިތުވި އަހަރުގައި ހާސިލްވި ކަންތައްތައް އެހެން ގައުމުތަކާ އެކު ހިއްސާ ކުރާނެ ކަމަށެވެ.

ސާވަންގެ މި ބައްދަލުވުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަނީ ސާކްގެ ކޮންމެވެސް އެއް ގައުމެއްގަ އެވެ. އެންމެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ސްރީލަންކާގަ އެވެ.