ދުނިޔެ

އިންޑިއާގެ 50 މިލިއަން އާއިލާއަށް އާމްދަނީ ދޭން ވައުދުވެއްޖެ

Mar 26, 2019

ނިއު ދިއްލީ (މާޗް 26) - އިންޑިއާގައި ފަގީރުކަން ނައްތާލުމަށް، 50 މިލިއަނަށްވުރެ ގިނަ އާއިލާއަކަށް އެންމެ ކުޑަ އާމްދަނީއެއް ދޭނެ ސްކީމެއް ތައާރަފު ކުރާނެކަމަށް އެ ގައުމުގެ މައި އިދިކޮޅު ޕާޓީން ވައުދުވެއްޖެ އެވެ.

އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބުވެއްޖެނަމަ، އިދިކޮޅުން ހުށަހަޅާފައިވާ ޕްލޭންގެ ދަށުން އިންޑިއާގައި ފަގީރުކަން އެއްކޮށް ނައްތާލެވޭނެ ކަމަށް ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، ވެރިކަން ކުރާ ބީޖޭޕީން ބުނީ މިހާރު އަމަލު ކުރަމުންދާ ސްކީމްތަކުގެ ދަށުން، ފަގީރުންނަށް "މާބޮޑެތި" ފައިދާތައް ކުރަމުންދާ ކަމަށެވެ.

"ނާކާމިޔާބުވާނެކަން ޔަގީންވަންޏާ، ހަނދު ގެނެސް އަތަށް ލައިދޭނަމޭ ވެސް ބުނާނެ،" ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީން ކުރި ޓްވީޓެއްގައި އިދިކޮޅު ސްކީމަށް ރައްދުދީފައިވެ އެވެ.

މިދިޔަ ޖެނުއަރީ މަހު ކޮންގްރެސް ޕާޓީން އެކުލަވާލި މެނިފެސްޓޯގައި، އިންޑިއާގެ ފަގީރު އާއިލާތަކަށް އެންމެ ކުޑަ އާމްދަނީއެއް ހިމެނުމަށް ނިންމާފައިވީ ނަމަވެސް، އެކަމުގެ އެއްވެސް ތަފްސީލެއް ދީފައެއް ނުވެ އެވެ.

ރާހުލް ގާންދީ ވިދާޅުވީ، އިދިކޮޅުގެ ސްކީމްގެ ދަށުން، އިންޑިއާގެ އެންމެ ފަގީރު އާއިލާތަކުގެ 20 ޕަސަންޓަށް އަހަރަކު 72،000 ރުޕީސް (1،050 އެމެރިކާ ޑޮލަރު) ދެވިގެންދާނެ ކަމަށެވެ.

އެ ސްކީމް ސީދާ މަންފާ، 50 މިލިއަން އާއިލާ ނުވަތަ 250 މިލިއަން މީހުންނަށް ކުރާނެކަމަށްވެސް ރާހުލް އިތުރަށް ވިދާޅުވި އެވެ.

"ފަގީރުކަން ނައްތާލުމުގެ އެންމެ ފަހު މަސައްކަތް މިވަނީ ފެށިފައި. އަޅުގަނޑުމެން އިންޑިއާގެ ފަގީރުކަން އެއްކޮށް ނައްތާލާނަން،" ރާހުލް ވިދާޅުވި އެވެ.

އެ ސްކީމަށް 52 ބިލިއަން ޑޮލަރު ބޭނުންވާއިރު، އެ ފައިސާ ހޯދާނެގޮތެއް ކޮންގްރެސް ޕާޓީން ބުނެފައެއްނުވެ އެވެ. އިންޑިއާގައި މިހާރުވެސް ދައުލަތުން ފަންޑުކުރާ 900 އަށް ވުރެ ވެލްފެއާ ސްކީމުތައް ހިންގަ އެވެ. އެ ސްކީމްތަކުގެ ދަށުން، އަގުހެޔޮކޮށް ކާޑު ފޯރުކޮށްދިނުމާއި، ދަނޑުވެރިންނަށް ސަބްސިޑީ ދިނުމާއި، ސްކޮލާޝިޕްގެ އިތުރުން، ވަޒީފާގެ ފުރުސަތުތައްވެސް ފަހިކޮށްދެވެ އެވެ.

ކޮންގްރެސް ޕާޓީގެ ސްކީމަށް ފައިސާ ހޯދަން، މިހާރު ހިންގާ ގިނަ ސްކީމުތައް ހުއްޓާލަންޖެހޭނެކަމަށް ބައެއް އިގުތިސޯދީ މާހިރުން ވަނީ ބުނެފަ އެވެ.

އިންޑިއާގެ ޕާލިމަންޓުގެ ތިރިގެ "ލޯކް ސަބާ"އަށް މެމްބަރުން އިންތިހާބު ކުރާނީ އަންނަ އޭޕްރީލް މަހުގެ 19 އިން މެއި މަހުގެ 19 ވަނަ ދުވަހާއި ހަމައަށް ދިގުދެމިގެންދާ އިންތިހާބުގަ އެވެ. ވޯޓު ގުނުން އޮންނާނީ މެއި 23 ވަނަ ދުވަހެވެ.

އިންޑިއާގެ 900 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓުލުމަށް ގާތްގަނޑަކަށް އެއް މިލިއަން ވޯޓު ފޮށި އިންޑިއާގެ އެކި ސަރަހައްދުގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފައި އެވެ. މިއީ މުޅި ދުނިޔޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އިންތިހާބެވެ.