ހަބަރު

ޑިޕްލޮމެޓިކް ސައިކަލެއްގައި ހެލްމެޓް ނާޅައި ބްރިޖަށް އަރައިފި

ޑިޕްލޮމެޓިކް ސައިކަލެއްގެ ފަހަތުގައި އިން މީހަކު ހެލްމެޓް ނާޅައި ބްރިޖަށް އެރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ބްރިޖާއި ހައިވޭ މަތީގައި ސައިކަލުގައިދާއިރު، ހެލްމެޓް އެޅުން ވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ސަރުކާރުން މަޖުބޫރުކޮށްފަ އެވެ. އެގޮތުން ފުލުހުން އަންނަނީ ހެލްމެޓް ނާޅާ ބްރިޖަށް އަރާ ފަރާތްތައް ހުއްޓުވަމުންނެވެ. އަދި އެފަރާތްތަކަށް ނަސޭހަތްދެމުންނެވެ. ހެލްމެޓް ނާޅައި ބްރިޖަށް އަރާ ފަރާތްތަކަށް ފިޔަވަޅު އަޅާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.

އިއްޔެ ވަނީ ޑިޕްލޮމެޓިކް ސައިކަލެއްގެ ފަހަތުގައި އިން މީހަކު ހެލްމެޓް ނާޅައި އިން ފޮޓޯ އެއް ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. ކޯޓު ފަޓުލޫނު ލައިގެން އިން މީހާ އިނީ ހެލްމެޓް ނާޅަ އެވެ. ނަމަވެސް ސައިކަލް ދުއްވަން އިން މީހާ އިނީ ހެލްމެޓް އަޅައިގެނެވެ.

ނޫކުލައިގެ ބޯޑް ހަރުކޮށްފައި ހުންނަ ސައިކަލްތަކަކީ ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކާއި ކޮންސިއުލޭޓްތަކުން ބޭނުންކުރާ އުޅަނދުތަކެކެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، ޑިޕްލޮމެޓުންގެ މައްސަލަތައް ބަލަމުންދާނީ ފޮރިން މިނިސްޓްރީން ކަމަށާއި އެފަރާތްތަކަށް ނަސޭހަތްދޭނީ އިސްލާހު ކުރާނީ އެމިނިސްޓްރީން ކަމަށެވެ. އަދި ހެލްމެޓް ނާޅައި ބްރިޖާއި ހައިވޭމަތީގައި ދަތުރު ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނޫ އަންނަ މަހުން ފެށިގެން ކަމަށާއި މިހާރު އެފަރާތްތަކަށް ނަސޭހަތްދެމުންދާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެފަދަ ކަންކަން އާންމު ގޮތެއްގައި ހިނގަނީ ގާނޫނުތަކަށް އައިސްފައިވާ ބަދަލުތައް ނޭންގުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން އެކަން ހިނގާފައިވަނީ ކޮން އެމްބަސީއަކުންތޯ ބަލައި ގަވާއިދުތަކުގެ ފަހުގެ އިސްލާހުތައް އެފަރާތްތަކާއި ހިއްސާކުރާނެ ކަމަށެވެ.

ސައިކަލްތަކުގައި ލޯގަނޑު ނުޖަހައި ހެލްމެޓް ނާޅައި އަރާ ފަރާތްތައް ޗެކް ކުރުމަށް އާންމު ގޮތެއްގައި ފުލުހުން ތިބެނީ މާލެ ކޮޅުންނަމަ ބްރިޖް ފެށޭ ހިސާބުގައި އެވެ. އަދި ހުޅުމާލެ ކޮޅުން ހައިވޭއަށް އަރާ ހިސާބުގައި އެވެ.