އޭޝިއާގެ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަންގައި ވާދަ ކުރަމުން އަންނަ، ރާއްޖޭގެ ޒުވާން ޓީމަށް އުމްރާ އަށްމިރޭ މައްކާއަށް ފުރަން ހަމަޖެހިއްޖެ އެވެ.
ކޮލިފިކޭޝަންގެ ފަހު މެޗުގައި، މިރޭ ގައުމީ ޓީމު ނިކުންނާނީ ލުބުނާން އާ ދެކޮޅަށެވެ. ގައުމީ ޓީމުގެ މެނޭޖަރު މުހައްމަދު އީސާ 'މޯ' ބުނީ މިރޭ 11 ޖަހާއިރު، ސައުދީގެ ވެރިރަށް ރިޔާޟުން ޓީމު މައްކާއަށް ދާން ފުރާނެ ކަމަށެވެ. ޒުވާން ޓީމަށް އުމުރާ ދަތުރު ހަމަޖައްސައި ދިނުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި މަސައްކަތް މޯ ފާހަގަ ކުރި އެވެ.
"މިއީ އެފްއޭގެ ރައީސް ބައްސާމް އާ ސައުދީ ފެޑްރޭޝަން ގުޅިގެން މި ޓީމަށް ހަމަޖެހުނު ފުރުސަތެއް،" މޯ ބުންޏެވެ. "މި ފުރުސަތު ތަނަވަސްވީމުގައި ބައްސާމް މިކަމަށް ކުރި މަސައްކަތް ފާހަގަ ކުރަން، މި ފުރުސަތު ލިބުނީމަ ކުޅުންތެރިން ތިބީ ވަރަށް އެގްޒައިޓް ވެފައި."
ރިޔާޟުން މައްކާއަށް، ޒުވާން ޓީމު ދިއުމަށް ހަމަޖެހިފައިވާ ދަތުރުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ސައުދީގެ ފޫޓްބޯޅަ ފެޑްރޭޝަނާ އެފްއޭއެމް ގުޅިގެން ކަން މޯ ފާހަގަ ކުރި އެވެ.
އުމުރާ ނިންމާލުމަށް ފަހު ޓީމު ރިޔާޟަށް ދާނީ، މާދަމާ އެވެ. ޓީމު މާލެ އަންނަން ފުރާނީ، މާދަމާ ރޭ 11 ޖަހާއިރު އެވެ. ސައުދީގައި ކުޅުނު ދެ މެޗުން ބަލިވުމުން ކޮލިފިކޭޝަންގައި ކުރިއަށް ދިއުމުގެ ފުރުސަތު ވަނީ ބަންދުވެފަ އެވެ.
ފުރަތަމަ މެޗުގައި، ރާއްޖެ ބަލިވީ ސައުދީ އަތުން 6-0 ންނެވެ. ދެ ވަނަ މެޗުގައި އަރަބި އެމިރޭޓްސްއާ ދެކޮޅަށް ނަތީޖާގެ ފަރަގު ކުޑަ ކުރި އެވެ. އެމެޗުން ރާއްޖެ ބަލިވީ 3-0 ންނެވެ. މި ގުރޫޕުން، ކޮލިފައިންގެ އަނެއް ބުރުގެ ޖާގަ ހޯދީ ސައުދީ އާއި އެމިރޭޓްސް އެވެ.