ގދ. ތިނަދޫ ޑރ. އަބުދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށްޓަކައި އަޅަންޖެހޭ އިމާރާތް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ.
ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ، އެ ހޮސްޕިޓަލަކީ މުޅިން އާ ކޮންސެޕްޓަކަށް ވަކި ބިމެއްގައި ހަދާ އިމާރާތެއް ކަމަށާއި އެ ހޮސްޕިޓަލް އަޅާނީ އިންޓަނޭޝަނަލް ފެންވަރުގައި ތިމާވެއްޓާ ވެސް ރައްޓެހި ގޮތަކަށް ކަމަށެވެ.
"މުޅިން އާ އިމާރާތަކަށް ދާންޖެހެނީ މިހާރު ހުރި އިމާރާތް ބޮޑު ކުރެވޭނެ ގޮތެއް ނެތް، އެއީ ޓާޝަރީ ލެވެލްގެ ހޮސްޕިޓަލަކަށް ބޭނުންވާ ބައެއް ކަހަލަ ކްލިނިކަލް ސްޕެޝަލިޓީ ގެނައުމުގައި މިހާރު ހުރި ހޮސްޕިޓަލުން އެކްސްޓެންޝަން ނުދެވުމާއި މިހާރު ހުރި ހޮސްޕިޓަލް ޑިޒައިން ކޮށްފައިހުރި ގޮތުން." ތަސްލީމާ ވިދާޅުވި އެވެ.
ތަސްލީމާ ވިދާޅުވީ، ކުރިމަތިލާ ފަރާތްތައް ހޮވުމުގައި އިންޓަނޭޝަލަން މިންގަނޑު ތަކަށް ބަލާނެ ކަމަށާއި ރާއްޖޭގައި އެކުލަވާލާފައިވާ ހެލްތް ކެއާ ސްޓޭންޑާޑަށް ވެސް ބަލާނެ ކަމަށެވެ. އަދި ޑަބްލިއުއެޗްއޯގެ ސޭފް ހައުސް ކޮންސެޕްޓަށް ވަރަށް ބޮޑަށް ފޯކަސް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ހޮސްޕިޓަލް ބިނާ ކުރަން ބޭނުންވަނީ ވިޝަނެއްލައިގެން މިދަންނަވަނީ މިއީ މިވަގުތަށް ހަމައެކަނި ހަދާ ހޮސްޕިޓަލެއް ނޫނޭ، ފިއުޗާގައި އެކްސްޕެންޑް ކުރަންޖެހިއްޖެ ހާލަތެއްގައި އެކްސްޕޭންޑް ކުރެވޭ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
އަބުދުއް ސަމަދު ޓާޝަރީ ހޮސްޕިޓަލް ހުޅުވާއިރު މަދުވެގެން 100 އެނދު ހުންނާނެ އެވެ.
ޑރ. އަބުދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރަން ނިންމާފައިވާއިރު، ލ. އަތޮޅާއި ހދ. ކުޅުދުއްފުށީގައި ވެސް ޓާޝަރީ ހޮސްޕިޓަލެއް އަޅަން ވަނީ ނިންމާފަ އެވެ.