ތިމާވެށި

އާތްއަވާ ފާހަގަ ކުރުން މިމަހު 30 ގައި

"އާތްއަވާ" މިއަހަރު ފާހަގަ ކުރާނީ މިމަހު 30 ވަނަ ދުވަހު ކަމަށް އެންވަޔަރުމެންޓް މިނިސްޓްރީން ބުނެފި އެވެ.

ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވިދާޅުވީ މުޅި ދުނިޔޭގައި އާތްއަވާ ފާހަގަ ކުރުމުގެ ގޮތުން ބޮކި ނިއްވާލުން އޮންނަނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 8:30 އިން 9:30 އަށް ކަމަށެވެ.

އާތްއަވާ އާއި ގުޅުވައިގެން ހިންގާ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މުހައްމަދު ޒާހިރު ވިދާޅުވީ، އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު އާތްއަވާ ފާހަގަ ކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށެވެ.

އެގޮތުން ސްޓެލްކޯގެ ފާރައި ޔޫތް ސެންޓަރުގެ ފާރުގައި މޯލްޑުވްސް އާޓިސްޓް ކޮމިއުނިޓީ އާއި ގުޅިގެން ހާއްސަ މިއުރަލް އާޓްވޯކެއް ކުރިޔަށް ގެންދާއިރު މާލޭ ސާފުކުރުމުގެ ޕްރޮގްރާމަކާއި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހާއްސަ އެސެމްބްލީއެއް ބާއްވާނެ އެވެ.