ހަބަރު

އިންތިހާބާ ގުޅޭ ހަމަނުޖެހުމުގެ މައްސަލަތައް މަދު: ފުލުހުން

އަންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ގުޅިގެން ހަމަނުޖެހުން ހިންގައި މުދަލަށް ގެއްލުންދީގެން ގިނަ މައްސަލަތަކެއް ހުށަހެޅިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

އިލެކްޝަން ކޮމިޝަންގެ އިންވެސްޓިގޭޝަން ކޯޑިނޭޓަރު ޗީފް ސްޕްރެންޓެންޑެންޓް މުހައްމަދު ބަޝީރު ވިދާޅުވީ، އިންތިހާބާއި ގުޅިގެން އެހާ ގިނަ މައްސަލަތައް ހުށަހެޅިފައިނުވާ ކަމަށެވެ. ނަމަވެސް އަތޮޅު ތެރޭގައި މާލެ އަށްވުރެ އެފަދަ މައްސަލަތައް ހުށަހެޅިފައިވާ މިންވަރު ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން މާލެ ސަރަހައްދުން 12 މައްސަލައެއް ހުށަހަޅާފައިވާއިރު، އަތޮޅުތަކުގެ ތެރެއިން ގއ. އިން 33 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ އެއަތޮޅުންނެވެ. އަދި ދެވަނަ އަށް އެންމެ ގިނަ މައްސަލަ ވަނީ އދ. އަތޮޅުން ހުށަހަޅާފަ އެވެ. އެއަތޮޅުން ވަނީ 18 މައްސަލައެއް ހުށަހަޅާފަ އެވެ.

"މާލެ ސަރަހައްދުން އިލެކްޝަނާއި ގުޅުންހުރި 12 މައްސަލައެއް ހުށަހަޅާފައިވޭ، އަތޮޅުތަކުން ބަލާއިރުގައި ގދ. އަތޮޅުގައި ތަންކޮޅެއް ގިނަ ކަމަށް ފާހަގަ ކުރެވެނީ، ގދ. އަތޮޅަށް ބަލާއިރު 33 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް، ޖުމްލަ ގޮތެއްގައި ދަންނަވާނަމަ އަތޮޅު ތަކުގައި އާއި މާލޭގައި މައްސަލަ ގިނަ ކަމަކަށް ފާހަގައެއް ނުކުރެވޭ،"

މަޖިލިސް އިންތިހާބާއި ގުޅިގެން މިހާތަނަށް ހުށަހެޅި މައްސަލަތަކުގެ އަދަދު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އަދި އެކަންކަމާއި ގުޅިގެން އެޅި ފިޔަވަޅުތައްވެސް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

އޭނާ ވިދާޅުވީ، މައްސަލަތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި އެކަންކަން ހައްލު ކުރުމަށް އިލެކްްޝަނާއި ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރަމުންދާ ކަމަށެވެ.

ޕްރެސްގައި ޕޮލިސްގެ އިލެކްޝަން ސެކިއުރިޓީ ކޮމާންޑާ ޗީފް ސްޕްރިންޓެންޑެންޓް އަބުދުﷲ ޝަރީފް ވިދާޅުވީ، އިންތިހާބާ ދިމާކޮށް އެއްވެސް ހަމަނުޖެހުމެއް ހިންގަން މަސައްކަތް ކުރަން ފުރުސަތު ނުދޭނެ ކަމަށާއި ފުލުހުން ވަރަށް ވަރުގަދައަށް މިފަހަރުގެ ކަންކަން ބަލާނެ ކަމަށެވެ. އަދި އިންތިހާބު ދުވަހުގައި އެއްވެސް ހަމަނުޖެހުމެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުން ވަރަށް ގިނަ ތަމްރީންތައް ވަމުންދާ ކަމަށެވެ. އަދި މަޖިލިސް އިންތިހާބަށް އޮމާން އަމާން ވެއްޓެއް ގާއިމް ކުރުމަށްޓަކައި މަޖިލިސް އިންތިހާބުގެ ކެނޑިޑޭޓުންނާއި ކޯޑިނޭޓަރުންނާވެސް ފުލުހުން ބައްދަލު ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ.