ހަބަރު

އިންތިހާބުގެ ސަލާމަތީ ކަންކަން ވަރުގަދަވާނެ: ފުލުހުން

ނިމިދިޔަ ރިޔާސީ އިންތިހާބަށްވުރެ އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ސެކިއުރިޓީ ވަރުގަދަވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސްގެ އިލެކްޝަން ސެކިއުރިޓީ ކޮމާންޑާ ޗީފް ސްޕްރިންޓެންޑެންޓް އަބުދުﷲ ޝަރީފް ވިދާޅުވީ، އިލެކްޝަންގެ ސަލާމަތީ ކަންކަމާއި ހުރިހާ ވޯޓް ފޮށިތަކުގެ ސަލާމަތީ ކަންކަން ފުލުހުން ބަލަހައްޓަމުންދާނެ ކަމަށެވެ.

"ރާއްޖެއިން ބޭރުގައި ވޯޓް ލުމަށް ހަމަޖެހިފައިވާ ގައުމުތަކުގައި ބަހައްޓާ ވޯޓް ފޮށިތަކާއި ވޯޓް ކަރުދާސްތައް ފޮނުވުމުގައި އިންތިޒާމްތައް ހަމަޖައްސައި ވޯޓް ލުމަށް ހަމަޖެހިފައިވާ ތަންތަނުގެ ސަލާމަތީ ކަންކަން އިލެކްޝަން ކޮމިޝަނާ އެއްކޮށް ބަލަހައްޓަމުންދާނެ،" ޝަރީފް ވިދާޅުވި އެވެ.

ވޯޓް ކަރުދާސް ބަހައްޓާ ސެކިއުރިޓީ ރޫމްގެ ސަލާމަތީ ކަންކަން މިފަހަރު ވަރުގަދަ ވާނެ ކަމަށާއި އެރޫމަށް ފުލުހުންނަށް ނޭންގި އެއްވެސް މީހަކަށް ނުވަދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޝަކުވާތަކާއި ގުޅިގެން މިފަހަރު ވާނީ ކުރީ ފަހަރުތަކަށްވުރެ ސެކިއުރިޓީ ވަރުގަދަކޮށްފަ، މިފަހަރު ޔަގީންކަން އޮންނާނެ ސެކިއުރިޓީ ރޫމް ތެރެއަށް ފުލުހުންނަށް ނޭންގި އެއްވެސް މީހަކު ނުވަންނާނެކަން، އަދި އެތަނަށް ވަންނަ ކޮންމެ މީހަކީ އެމީހެއްގެ މައުލޫމާތު ވަގުތުން ވަގުތަށް ނޯޓް ކުރެވި، ރެކޯޓް ކުރެވިގެންދާ މައުލޫމާތުތަކަކަށް ވެގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.

އިންތިހާބަކީ އެންމެންނަށްވެސް ރައްކާތެރި އިންތިހާބަކަށް ހެދުމަށްޓަކައި ފުލުހުން ދުރާލާ ތައްޔާރުވެފައިވާ ކަމަށެވެ. އަދި ސަލާމަތީ ކަންކަން ހިންގުމަށް އޮޕަރޭޝަންތައް ވަނީ ދުރާލާ ރޭވި ހިންގިފައި ކަމަށެވެ. އަތޮޅު ތެރެއަށް ބޭނުންވާ ފުލުހުން މިހާރު ވަނީ އަތޮޅު ތެރެއަށްވެސް ފޮނުވާފައި ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އިންތިހާބަކީ އަމާން ވެއްޓެއްގައި ކުރިއަށްދާނެ އިންތިހާބަކަށް ހެދުމަށްޓަކައި ފުލުހުންގެ އޮޕަރޭޝަން ބުލޫ ޓައިޑްގެ ތެރެއިން ވޯޓް ފޮށި ބަހައްޓާ ހުރިހާ ތަނެއްގައި ފުލުހުން ހަރަކާތްތެރިވާނެ، އެގޮތުން މާލެ ހިމެނޭ ސަރަހައްދާއި ރަށްރަށުގައި، ރިސޯޓް އަދި ރާއްޖެއިން ބޭރުގައި ވޯޓްލާ ފޮށި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާނެ،"

އޭނާ ވިދާޅުވީ، އެކަންކަން ހަރުދަނާ ކުރުމަށްޓަކައި މަޖިލިސް ކެނޑިޑޭޓުންނާއި މަންދޫބުންނާވެސް ބައްދަލު ކުރަމުންދާ ކަމަށެވެ. މިހާރުވެސް އެފަރާތްތަކާއި ބައްދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެގޮތުން މާލޭގައި އެހަރަކާތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަންނަ މަޖިލިސް އިންތިހާބުގައި ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.