ހަބަރު

"އިންތިހާބު އޮމާންކޮށް ނިންމަން ފުލުހުން ނަމޫނާ ދައްކަން ޖެހޭ"

ރައްޔިތުން މަޖިލީހުގެ އިންތިހާބު އޮމާންކަމާއެކު ނިންމާލުމަށްޓަކައި ފުލުހުންގެ ޕްރޮފެޝަނިލިޒަމް ހިފަހައްޓާ، ނަމޫނާ ދައްކަން ޖެހޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން" ބްލޫ ޓައިޑް"ގެ ބްރީފިންގައި ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ މަޖިލިސް އިންތިހާބު އަމާންކާމާއި އޮމާންކަމާއެކު ނިންމާލުމަށްޓަކައި މާދަމާ މަސައްކަތް ފަށާއިރު، އެއީ ދައުލަތަށާއި ދިވެހި އެންމެހާ ރައްޔިތުންނަށް ފުލުހުންގެ ޕްރޮފެޝަނަލިޒަމް އާއި ފުލުހުންގެ މަސައްކަތުގެ ނަމޫނާ ދައްކުވައިދޭން ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މި ފުރުސަތުގެ ބޭނުން ކޮންމެ ފުލުހަކުވެސް ހިފައި ފުލުހުންގެ ޕްރޮފެޝަނަލިޒަމް އާއި މަސައްކަތުގެ ނަމޫނާ ދައްކަވައި ދޭނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.

އެގޮތުން ރައްޔިތުންނާ ބައްދަލުވާ ކޮންމެ ފަހަރަކީ އެކުވެރިކޮށް ބައްދަލުވާ ބައްދަލުވުމަކަށް ހަދައި، އިންތިހާބާ ބެހޭ ގާނޫނޫތަކާއި ގަވާއިދުތަކާއި ފުށުއަރާފަދަ ކަމެއް ފެންނަ ނަމަ އުސޫލުތަކުގެ މަތިންނާއި ފުލުހުންނަށް ދީފައިވާ މައުލޫމާތާ އެއްގޮތުގެ މަތިން އެކަމެއް ހައްލުކުރުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނަވާ ކަމަށް ހަމީދު ވިދާޅުވި އެވެ. އަދި ކުރީގެ އިންތިހާބުތަކުގައި ފުލުހުންނަށް ލިބުނު ފިލާވަޅުތަކުން އިބުރަތް ލިބިގެން ކޮންމެ ފުލުހަކު ވެސް ޒިންމާތައް ރަނގަޅަށް އަދާ ކުރުމަށް ވެސް ހަމީދު އެދިވަޑައިގަތެވެ.

އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ފުލުހުންނަށް ތަމްރީނުތައް ދީ، އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާ ތަންތަނުގައި ހަރަކާތްތެރިވާ ފުލުހުން މިހާރު ވަނީ އެތަންތަނަށް ގޮސްފަ އެވެ.