ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހިންގާ ފުށިވެލާވަރު ރިސޯޓަށް ސަޕްލައިކުރި ގަސްތަކަކަށް ފައިސާ ނުދޭ ކަމަށް ބުނެ އަމިއްލަ މީހަކު ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ހޯދަން ދައުވާކޮށްފައިވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
އެ ޕެޓިޝަނުގައި 368 މީހަކު ސޮއިކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ އެ ރިސޯޓްގެ މުވައްޒަފުންނެވެ.
ޕެޓިޝަންގައި މުވައްޒަފުން ވަނީ އެ ދައުވާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ކުންފުންޏަށް އޭގެ ސަބަބުން ބޭއިންސާފެއް ކުރިމަތިވެދާނެތީ ދެރަވާކަން ހާމަކޮށްފަ އެވެ. ބޭއިންސާފުން ކަންކަން ދިމާވެއްޖެނަމަ ވިޔަފާރީގެ ވެރިޔާ އެ ވިޔަފާރީގެ މަތިން ޝައުގުވެރިކަން ގެއްލި އެ މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކާއި ލުއިތަކަށް އަސަރުކޮށް މުވައްޒަފުންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ވެސް ޕެޓިޝަނުގައިވެ އެވެ.
ވެލާ ރިސޯޓަކީ މިހާރު ވެސް މުވައްޒަފުންނަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދެމުން އަންނަ ރިސޯޓެވެ. އެހެންވެ، އެ ޕެޓިޝަނުގައި ރައީސްގެ ކިބައިން އެދިފައިވަނީ އެ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ރަނގަޅަށް ބައްލަވައިދެއްވުމަށެވެ.
ށ. ފޯކައިދޫ އައްސޭރި، އަހުމަދު އަޝްފާގު، އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކުރަނީ އަނގަ ބަހުން ވެވުނު އެއްބަސްވުމެއް ދަށުން އެތައް ފަހަރެއްގެ މަތިން ފުށިވެލާވަރު ރިސޯޓުން ފޮނުވި ސަޕްލައި ދޯނިތަކަކަށް ގަސްތަކެއް އަރުވައި އެ ގަސްތައް އެ ރިސޯޓަށް ފޮނުވާފައިވީނަމަވެސް، އެ ގަސްތަކަށް އަގު ފުށިވެލާވަރު ރިސޯޓުން ދީފައިނުވާ ކަމަށް ބުނެ އެވެ. އޭނާ ސިވިލް ކޯޓުގައި ދައުވާކުރީ ދެ މިލިއަނަށްވުރެ ގިނަ ޑޮލަރު ހޯދުމަށެވެ. އެއީ ގަސްތަކުގެ އަގަށްވާ އެއް މިލިއަން ޑޮލަރާއި އެ އަގު ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމަށް ހަތް ލައްކަ ޑޮލަރު ހިމަނައިގެންނެވެ.
އެ ދައުވާ ސިވިލް ކޯޓުން ނިންމާފައިވަނީ ދައުވާ ސާބިތުކޮށްދިނުމުގެ ގޮތުން އަޝްފާގުގެ ފަރާތުން ފުށިވެލާވަރު ރިސޯޓަށް ސަޕްލައިކޮށްފައިވާ ކަމަށް ބުނާ ގަސްތައް ފުށިވެލާވަރު ރިސޯޓަށް ރައްދުކޮށްދީފައިވާކަން އެނގޭ ކިތާބީ ހެއްކެއް ހުށަހަޅާފައިނުވާތީ އާއި ފައިސާ ހޯދުމަށް އެދިފައިވާ ގަސްތައް ފުށިވެލާވަރު ރިސޯޓަށް ސަޕްލައިކޮށްފައިވާކަން ޝަރީއަތަށް ސާބިތުވާފަދަ ކާފީ ހެކިބަހެއް ނެތް ކަމަށް ކަނޑައެޅުމަށްފަހު އެވެ.
އަޝްފާގުގެ ފަރާތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން ޝަރީއަތް ހިންގުމަށްފަހު ހުކުމް ކޮށްފައިވަނީ އަޝްފާގާ އެއްކޮޅަށެވެ. އެހެންވެ ކުންފުނިން ސުޕްރީމް ކޯޓަށް މައްސަލަ އިލްތިމާސްކުރި އެވެ. އިއްޔެ އެ މައްސަލައިގެ އަޑުއެހުމެއް އެ ކޯޓުގައި ބޭއްވި އެވެ. އަދި އަޑުއެހުންތައް ނިންމާލައި ހުކުމަށް ވަނީ ތައްޔާރުވެފަ އެވެ.
އިއްޔެގެ އަޑުއެހުމުގައި ވެސް ކުންފުނިން ބުނެފައިވަނީ އަޝްފާގާއެކު އެއްވެސް އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ. އެ މަސައްކަތް ހަވާލުކުރީ މުހައްމަދު ސައީދު ކިޔާ މީހަކަށް ކަމަށާއި އޭނާއަށް މަސައްކަތުގެ ފައިސާ ވެސް ދީފައިވާ ކަމަށެވެ. އެކަމުގެ ހެކި ވެސް ހުށަހަޅާފައިވެ އެވެ.
ޕެޓިޝަނުގައި މުވައްޒަފުން ވެސް އެކަން ވަރަށް ބޮޑަށް ފާހަގަކޮށްފައިވެ އެވެ. އަދި އަޝްފާގަކީ މިހާރު ވެސް ކުރިމިނަލް ކޯޓުގައި ހިޔާނާތުގެ މައްސަލަތެއް ހިނގަމުންދާ މީހެއްކަން ވެސް ފާހަގަކޮށްފައިވެ އެވެ.