ޕްރިޔާންކާ ގާންދީ

ޕްރިޔަންކާ ގާންދީ ހުންނެވީ އިންތިހާބުގައި ވާދަކުރައްވަން ތައްޔާރަށް

Mar 28, 2019

ނިއު ދިއްލީ (މާޗް 28) - އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީގެ ކޮއްކޮ ޕްރިޔަންކާ ގާންދީ ވެސް ދާދި ފަހުން ސިޔާސީ މައިދާނަށް ނުކުންނަވާފައިވާއިރު، ޕާޓީން ބޭނުންނަމަ އިންތިހާބުގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވިކަމަށް އެކަމަނާ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އާންމު އިންތިހާބު ބޯމަތިވެފައި ވަނިކޮށް، އެ ގައުމުގެ އިރުން އޮންނަ މުހިންމު ސްޓޭޓެއް ކަމުގައި އުއްތަރު ޕްރަދޭޝް ސަރަހައްދުގެ ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ޕްރިޔަންކާ ވަނީ އައްޔަން ކޮށްފަ އެވެ.

ނަމަވެސް، މިފަހަރު ބޭއްވޭ އިންތިހާބުގައި މައި އިދިކޮޅު ކޮންގްރެސް ޕާޓީން ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓުގައި ޕްރިޔަންކާ ގާންދީ ނުހިމެނެ އެވެ.

"އަޅުގަނޑުގެ ޕާޓީން އެދޭނަމަ، އަޅުގަނޑު ޔަގީނުންވެސް ވާދަކުރާނަން،" ޕްރިޔަންކާ ނޫސްވެރިންނަށް ވިދާޅުވި އެވެ. އެހެނަސް، އަންނަ މެއި މަހުގެ 19 ވަނަ ދުވަހު ބޭއްވޭ އިންތިހާބުގައި ޕްރިޔަންކާ ވާދަކުރައްވާނެކަމަށް ސީދާ ވިދާޅުވެފައެއް ނުވެ އެވެ.

މީގެ ކުރިން ބޭބެއަށާއި މަންމަ، ސޯނިއާ ގާންދީގެ ކެމްޕެއިންތަކުގައި އިސް ދައުރެއް އަދާކުރެއްވި ނަމަވެސް، ރަސްމީކޮށް ޕާޓީގެ އިސް މަގާމަކާއި ހަވާލުވާން ޕްރިޔަންކާ ވަނީ މިހާތަނަށް ދެކޮޅު ހައްދަވައިފަ އެވެ.

ޕްރިޔަންކާ ސިޔާސީ މައިދާނަށް ނުކުންނެވުމާއެކު، އިންތިހާބަށް ދިމާކޮށް އިދިކޮޅު ޕާޓީއަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މިހާރު ވެރިކަންކުރާ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީ އާ ވާދަކޮށް މައި އިދިކޮޅު ކޮންގްރެސް ޕާޓީއަށް ވަނީ އެންމެ ފަހުން 2014 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލަންޖެހިފަ އެވެ.

ގާންދީ ދެބެންގެ ތެރެއިން، ރައްޔިތުންގެ މެދުގައި މަގުބޫލުކަން ބޮޑީ ޕްރިޔަންކާއަށް ކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި ފާއިތުވި ދެ އިންތިހާބު ކޮންގްރެސް ޕާޓީއަށް ނާކާމިޔާބުވީ ޕާޓީގެ ލީޑަޝިޕްގެ ސަބަބުން ކަމަށް ވެސް ގިނަ ބަޔަކު ބުނެ އެވެ.

ބީޖޭޕީގެ ސަޕޯޓު ފަނޑުވެފައިވީ ނަމަވެސް، ކޮންގްރެސް ޕާޓީއަށް ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރަން އުނދަގޫވާނެކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.

ޕްރިޔަންކާ ސިޔާސީ މައިދާނަށް ނުކުތުމުން ވަރަށް އުފާވާ ކަމަށާއި، ކޮއްކޮ އަކީ ވަރަށް ގާބިލު ބޭފުޅެއްކަމަށް ރާހުލް ގާންދީ ވަނީ ވިދާޅުވެފަ އެވެ.

މިހާރު އުމުރުން 47 އަހަރުގެ ދެ ކުދިންގެ މަންމަ، ޕްރިޔަންކާ ޕާޓީގެ އިސް މަގާމަކާއި ހަވާލުވުމަށް ޕާޓީގެ ތެރެއިން ގޮވާލަމުންދާތާ އެތަކެއް އަހަރެއްވަނީވެފަ އެވެ.