ހަބަރު

އޭޖީ އޮފީހަށް ކަނޑައެޅި ގިނަ ވައުދުތައް ފުއްދައިފި

Mar 28, 2019
1

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ، ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ފުރިހަމަކޮށްދެއްވާނެކަމަށް ވިދާޅުވެފައިވާ ވައުދުތަކުގެ ތެރެއިން އެޓަނީ ޖެނެރަލްގެ އޮފީހުން ފުރިހަމަކުރުމަށް ކަނޑައަޅުއްވާފައިވާ ގިނަ ވައުދުތައް ފުރިހަމަކުރެވިފައިވާކަމަށް އެ އޮފީހުން ބުނެފި އެވެ.

ސަރުކާރަށް މާދަމާ 90 ދުވަސް ހަމަވާއިރު، އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެ އޮފީހަށް ރައީސް ސޯލިހު ކަނޑައަޅުއްވާފައިވާ 12 ވައުދުގެ ތެރެއިން 11 ވައުދެއް މިހާރު ފުރިހަމަކުރެވިފައިވާކަމަށެވެ.

އޭޖީ އޮފީހުން އިތުރަށް ބުނި ގޮތުގައި، ސަރުކާރުން ވެފައިވާ ބައެއް ވައުދުތަކަކީ، ދައުލަތް ހިންގުމުގެ ނިޒާމަށް ނުވަތަ އަދުލު އިންސާފު ގާއިމުކުރުމާއި ނިޒާމަށް ނުވަތަ ޙައްޤުތައް ކަށަވަރުކޮށްދިނުން ފަދަ އާންމު ދިރިއުޅުމުގެ ކަންކަން އިސްލާހުކުރުމަށް އަ ބިލުތައް ތައާރަފުކުރުމާއި، މިހާރުހުރި ގާނޫނުތަކަށް އިސްލާހުތައް އެކުލަވާލައި، މަޖިލީހަށް ހުށަހެޅުމަށް ވެފައިވާ ވައުދުތަކެއް ކަމަށެވެ.

އޭޖީ އޮފީހުން ފުއްދާފައިވާ ވައުދުތައް

  • ވަކިމީހަކަށް ނުވަތަ ވަކި ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ވަކި މީހަކަށް މަންފާއެއް ހޯދުމަށް، ބަދަލުކޮށް/ފާސްކޮށްފައިވާ ގާނޫނުތައް ބަލައި މުރާޖައާކުރަން ފެށުން.
  • ދައުލަތް ދަރަނިވެރިވެ، ޤައުމުގެ ސިޔާދަތަށް ގެއްލުންވާނެ އުސޫލުން ނެގިފައިވާ ލޯނުތަކާއި، ކޮންޓްރެކްޓްތައް އަލުން ރީނެގޯޝިއޭޓް ކުރަން ފެށުން.
  • ރިޝްވަތު ހިފާ މީހާއާ އެއްވަރަށް ރިޝްވަތުދޭ މީހާވެސް ކުށްވެރިވާގޮތަށް ގާނޫނުލްއުގޫބާތަށް ބަދަލުގެނައުން.
  • ވަކި އަދަދެއްގެ ރައްޔިތުން އެދުމުން ކައުންސިލުތަކުގެ ޓައުންހޯލް ބައްދަލުވުންތައް ބޭއްވޭނެ ފުރުސަތު ފަހިކޮށްދިނުން.
  • އަދުލުއިންސާފުގެ ނިޒާމު އިސްލާޙުކުރުމަށް ޖޭއެސްސީ އަށާއި ފަނޑިޔާރުގެއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފެށުން.
  • ވިސްލްބްލޯރކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުން.
  • ނުޙައްގު މުއްސަނދިވުން ހުއްޓުވުމަށް ބިލެއް މަޖިލީހަށް ހުށަހެޅުން.
  • އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އިސްލާޙުކުރުމާބެހޭ ބިލެއް މަޖިލީހަށް ހުށަހެޅުން.
  • ކުޑަކުދިންގެ އަދުލުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން.
  • ޖަމްއިއްޔާތަކާބެހޭ ޤާނޫނު އިސްލާޙުކުރުމަށްޓަކައި ކަމާގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން.
  • މިނިވަން މުއައްސަސާތައް މިނިވަންކަމާއެކު ހިންގޭނެ ގޮތަށް ގާނޫނުތައް އިސްލާޙުކުރަން މަޖިލީހަށް ހުށަހެޅުން.

"އެގޮތުން، ޖުމްލަ 21 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އޮތްއިރު، އެ 21 ބިލު އެކުލަވާލައި މިހާރު ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ފޮނުވާފައެވެ،" އޭޖީ އޮފީހުން ބުނެފައިވެ އެވެ.

ކަމާބެހޭ ޤާނޫނުތައް އެކުލަވާލުމުގެ އިތުރުން، ދިވެހި ދައުލަތަށް ގެއްލުންވާގޮތަށް ނަގާފައިވާ ލޯނުތަކާއި ކޮންޓްރެކްޓްތައް މުރާޖައާކުރުމުގެ މަސައްކަތްތައް ކުރަން އެކުލަވާލި ކޮމިޓީން، މިހާތަނަށް 11 އެއްބަސްވުމެއް މުރާޖައާކޮށް ނިންމައި، އިތުރު 20 އެއްބަސްވުމުގެ އިނީޝަލް ރިވިއު ވަނީ ހަދާ ނިންމާފައިވާކަމަށް އެ ބަޔާނުގައި އިތުރަށް ހާމަކޮށްފައިވެ އެވެ.

"އަދި މީގެ އިތުރުން، ބޭރުގެ ފަރާތްތަކާއެކު އެކިއެކި މަޝްރޫޢުތަކާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން، ކަމާބެހޭ މިނިސްޓްރީތަކުގެ އެދުމުގެ މަތިން މިހާތަނަށް 6 އެއްބަސްވުމެއް މުރާޖައާކޮށް ނިންމައި، ކަމާބެހޭ ވުޒާރާތަކަށް ވަނީ ލަފާ އަރުވާފައެވެ."

މީގެ އިތުރުން، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން، ވަކިކަމެއް ކުރަން ފެށުމަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި މިހާރު އޭޖީ އޮފީހުން ފަށާފައިވާ މަސައްކަތްތައް މުޅިން ނިންމައި، ނަތީޖާ ނެރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރާނެކަމުގެ ޔަގީންކަންވެސް އެ ބަޔާނުގައި ވަނީ ދީފަ އެވެ.

ސަރުކާރުގެ މަސައްކަތުގެ 90 ދުވަސް ހަމަވާއިރު، ސަރުކާރުގެ ވައުދުތަކުގެ ތެރެއިން 83 ޕަސެންޓް ހާސިލް ކުރެވިފައިވާ ކަމަށް ރައީސް ސޯލިހު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.