މި މަހުން ފެށިގެން ކަރަންޓުގެ އަގު މާލެ އާއި އަތޮޅުތަކުގައި އެއް ހަމަކޮށް ހެޔޮކޮށްފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެކަން އިއުލާން ކުރެއްވީ 100 ދުވަހުގެ ވައުދުތައް ހާސިލް ކުރެވުނު މިންވަރާ ގުޅޭ މައުލޫލާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރައީސް ސޯލިހު އެކަން ކުރައްވާފައިވަނީ އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި މާލެ އާއި ރަށްރަށާ ހުރި ފަރަގު ނައްތާލުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ. އަދި ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކޮށް ދިނުމަށް ގެނައި ހެޔޮ ބަދަލެއް ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ރަށްރަށުގެ ޑޮމެސްޓިކް ކެޓަގަރީގެ 400 ޔުނިޓުން މަތީގެ ބޭންޑުތަކަށް ނަގާ އަގުގެ ފަރަގު ނައްތާލަން ނިންމާފައިވާ ކަމަށެވެ.
"މި ބަދަލު ގެނައުމުން ރަށްރަށުގެ ގޭބިސީތަކުގެ ކަރަންޓުގެ ބިލަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ، އެގޮތުން މިސާލަކަށް ގޭބިސީއަކުން ކަރަންޓު ބިލަށް 2،200 ރުފިޔާ ހޭދަ ކުރާނަމަ ދެން ދައްކަން ޖެހެނީ ގާތްގަނޑަކަށް 1،100 ރުފިޔާ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރަށްރަށުގެ ވިޔަފާރިތަކުން ކަރަންޓަށް ހޭދަކުރާ މިންވަރު ބޮޑުވުމަކީ ލިބޭ ވަރަށް ބޮޑު ޝަކުވާއެއް ކަމަށެވެ. އެކަން ހައްލުކުރުމަށް ކަރަންޓުގެ އަގަށް ގެނައި ބަދަލުތަކުގެ ތެރޭގައި ބިޒްނަސް ކެޓަގަރީގެ ބޭންޑުތަކުގެ އަގުގެ ތަފާތުތައް ވެސް އެއްހަމަކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިގޮތުން އައްޑޫ ސިޓީ އާއި އައްޑޫގެ ބިޒްނަސް ކެޓަގަރީތަކާ އެއް ހަމައަކަށް ރަށްރަށުގެ ބިޒްނަސް ކެޓަގަރީތަކުގެ އަގު ވެސް ވަނީ ހެޔޮ ކުރެވިފައި، މި ބަދަލު ގެނައުމުން ވިޔަފާރިތަކުން ކަރަންޓުގެ ބިލަށް ކުރަން ޖެހޭ ހޭދަ ބޮޑު ތަނުން ކުޑަ ވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކަރަންޓުގެ އަގު ހެޔޮ ކުރުމުން ކުދި އަދި މެދު ފަންތީ ވިޔަފާރިތަކަށް ފައިދާވެ، ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދިނުމުގެ މަގު ތަނަވަސްވާނެ ކަމަށެވެ. މީގެކުރިން ކަރަންޓުގެ ބިލަށް 4،600 ރުފިޔާ ދައްކަމުން އައި ވިޔަފާރިތަކުން ދެން ދައްކަން ޖެހެނީ ގާތްގަނޑަކަށް 3،400 ރުފިޔާ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ޑީސަލްއިން ނަގަމުން އަންނަ ފަސް ޕަސެންޓްގެ ޑިއުޓީ ކަނޑާލުމުން ސަލާމަތްވާނެ މިންވަރު ބެލުމަށްފަހު އެ މިންވަރާ އެއްވަރަށް ހުރިހާ ކަރަންޓު ބިލަކުން ފިއުލް ޑިސްކައުންޓެއް ދިނުމަށް ވެސް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ސަބަބުން ކަރަންޓުގެ އަގު އިތުރަށް ހެޔޮ ކުރެވިގެން ދާނެ ކަމަށެވެ.
ރައްޔިތުންގެ އަތްމަތި ތަނަވަސްކުރުމަށް ސަރުކާރުން އެޅި ފިޔަވަޅު ބަލައިގަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ކަރަންޓުގެ އަގަށް ގެނައި ބަދަލު މި މަހުން ފެށިގެން ފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޖަނަރޭޓަރުގެ ބަދަލުގައި އިޔާދަ ކުރުވަނިވި ހަކަތަ އުފައްދާ ވަސީލަތްތަކަށް ހަރަދު ކުރައްވާނެ ކަމަށެވެ. އޭރަށް މިހާރަށްވުރެ މާ ހެޔޮ އަގުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދެވޭނެ ކަމަށެވެ.