ދުނިޔެ

އަނިޔާވި ނޫސްރިޔަކަށް ރާހުލް ގާންދީގެ އެހީ

ދިއްލީގެ މަގުމަތީގައި އަނިޔާވި ނޫސްވެރިއަކަށް އެހީތެރިކަމުގެ އަތް ދިއްކޮށްލެއްވި ފަރާތަކަށްވީ އީންޑިއާގެ ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ އެވެ.

ޓަލްކަޓޯރާ ސްޓޭޑިއަމްގައި ބޭއްވި ޖަލްސާއަކަށް ވަޑައިގަތުމަށްފަހު މެދުތެރޭ ދިއްލީގެ މަގަކުން ދަތުރު ކުރެއްވި ރާހުލް ގާންދީއަށް ރާޖަސްތާންގެ ދުވަހު ނޫހެއް ހިންގާ ރާޖެންދްރަ ވިޔާސް އެކްސިޑެންޓް ވެފައިވަނިކޮށް ފެނި ވަޑައިގަތެވެ.

އަދި ވަގުތުން ކާރުކޮޅު ހުއްޓުވާފައި ފައިބައިވަޑައިގެން އޭނައަށް އެހީތެރިވެ ވަޑައިގެންނެވި އެވެ. އަނިޔާވެފައިވާ ވިޔާސް ނަންގަވައި ރާހުލް ގާންދީގެ ކާރުކޮޅަށް އެރުވުމަށްފަހު އޯލް އިންޑިއަން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް އަށް ފަރުވާ ކުރަން ގެންގޮސް ދެއްވި އެވެ.

ކާރުކޮޅުގައި އިން ގާންދީގެ މުވައްޒަފަކު ފޯނުން ނަގާފައިވާ ވީޑިއޯއެއްގައި ފެންނަނީ ވިޔާސްގެ ނިތްކުރީގައި ގާންދީގެ ރުމާލުން ބޮންޑިތާން ކޮށްދެއްވާ ތަނެވެ. އަދި ވިޔާސް ގާންދީގެ އަރިހުގައި "މަނިކުފާނު އަދި އެއްފަހަރު ރުމާކޮޅު ޖައްސަވާ ދެއްވާ، އަހަރެންގެ ނޫސްވެރި ކަމުގެ މަސައްކަތުގައި މި ވީޑިއޯ ހިމަނާނަން ބޭނުން،" ކަމަށް ދަންނަވަ އެވެ.

އޭނާ އެހެން ބުނުމުން އުމުރުފުޅުން 48 އަހަރުގެ ލީޑަރު ހިނިފުޅުވެޑުމަށްފަހު އޭނަ އެދުނު ގޮތަށް އެކަން ކުރެއްވި އެވެ.

މި ވީޑިއޯ އާންމުވެގެން ދިއުމުން ސީނިއާ ކޮންގްރެސް ލީޑަރު އަޖޭ މަކެން ކުރެއްވި ޓްވީޓެއް ގައި ވިދާޅުވީ ރާހުލް ގާންދީ ފަދަ އިންސާނިއްޔަތަށް ލޯބި ކުރައްވާ ބޭފުޅަކު ފެނިފައި ނުވާ ކަމަށެވެ. އަދި މިފަދަ ކިތަންމެ ކަމެއް ހިނގާ ކަމަށާއި ރާހުލް ގާންދީ އެކަންކަން އާންމު ކުރައްވަން ބޭނުންފުޅު ވެސް ނުވާ ކަމަށެވެ.

މިފަދަ އެހެން ހާާދިސާއެއް ގާންދީ އޮޑީޝާއަށް ކުރެއްވި ދަތުރުފުޅެއްގައި ވެސް ފޯނަކުން ރިކޯޑު ކުރެވިފައި ވެއެވެ. އެފަހަރު ގާންދީ އެއާޕޯޓަކުން ނުކުމެ ވަޑައިގެންނެވި ވަގުތު މީޑިއާގެ އެންމެން ގާންދީ ވަށައިލުމުން ނޫސްވެރިއަކު އުސް އޮޅިގަނޑެއްގެ މަތީން ވެއްޓުނެވެ. އެފަހަރު އެމީހާއަށް އެހީތެރިވެ ވަޑައިގެންނެވީ ވެސް ރާހުލް ގާންދީ އެވެ.