ހަބަރު

މުއައްސާސަތަށް މިނިވަން ކުރަން މަޖިލީހަށް ފަސް ބިލެއް

Mar 28, 2019

މިނިވަން މުއައްސަސާތައް ނުފޫޒުން އެއްކިބާކޮށް މިނިވަންކަމާއެކު ހިންގޭނެ ގޮތަށް ފަސް ބިލެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނެފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ވައުދުތަކުގެ ތެރެއިން އޭޖީ އޮފީހުން ފުރިހަމަ ކުރަން ކަނޑައަޅާފައިވާ 12 ވައުދުގެ ތެރެއިން 11 ވައުދެއް މިހާރު ފުރިހަމަ ކުރެވިފައިވާ ކަމަށް އެ އޮފީހުން ބުނެފައި ވެއެވެ.

އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން ވެފައިވާ ބައެއް ވައުދުތަކަކީ، ދައުލަތް ހިންގުމުގެ ނިޒާމަށް ނުވަތަ އަދުލު އިންސާފު ގާއިމު ކުރުމާއި ނިޒާމަށް ނުވަތަ ހައްގުތައް ކަށަވަރު ކޮށްދިނުން ފަދަ އާންމު ދިރިއުޅުމުގެ ކަންކަން އިސްލާހު ކުރުމަށް އަ ބިލުތައް ތައާރަފުކުރުމާއި، މިހާރުހުރި ގާނޫނުތަކަށް އިސްލާހުތައް އެކުލަވާލައި، މަޖިލީހަށް ހުށަހެޅުމަށް ވެފައިވާ ވައުދުތަކެއް ކަމަށެވެ.

"އެގޮތުން، ޖުމްލަ 21 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އޮތްއިރު، އެ 21 ބިލު އެކުލަވާލައި މިހާރު ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ފޮނުވާފައެވެ،" އޭޖީ އޮފީހުން ބުނެފައިވެ އެވެ.

މިނިވަން މުއައްސަސާތައް މިނިވަންކަމާއެކު ހިންގޭނެ ގޮތަށް ގާނޫނުތައް އިސްލާހުކުރަނީ، މުސްތަގިއްލު ކޮމިޝަންތަކާއި މުސްތަގިއްލު މަގާމުތައް އަދާކުރާ ފަރާތްތަކުން އެފަރާތްތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި، ވަކި ފަރާތަކަށް ބުރަވުމަކާ ނުލައި، ތައައްސުބުން އެއްކިބާވެ، މިނިވަންކަމާއެކު މަސައްކަތްކުރުމަށް ބާރުއެޅުމަށްޓަކައި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެގޮތުން، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނާއި، އޮޑިޓް ގާނޫނާއި، އިލެކްޝަންސް ކޮމިޝަންގެ ގާނޫނާއި، ސިވިލް ސަރވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ފަސް ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ފޮނުވާފައިވާކަމަށް އޭޖީ އޮފީހުން އިތުރަށް ބުނެފައިވެ އެވެ.

މީގެ އިތުރުން، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ވަކި މީހަކަށް މަންފާއެއް ހޯދައިދިނުމަށް، ފާސްކޮށްފައިވާ ތަފާތު 11 ގާނޫނެއް ބަލައި މުރާޖައާކޮށް، އޭގެ ތެރެއިން ހަތަރު ގާނޫނަކަށް ގެންނަންޖެހޭ އިސްލާހުތައް ފާހަގަކޮށް، ކަމާގުޅޭ ބިލުތައް ވަނީ އެކުލަވާލާފައެވެ.

އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، މިހާރު އަމަލުކުރެވެމުންދާ ކޯޓުތަކުގެ ގާނޫނާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނާއި، ފަނޑިޔާރުންގެ ގާނޫނާއި އެނޫންވެސް އަދުލު އިންސާފުގެ ދާއިރާއާގުޅޭ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ފާހަގަކޮށް، ކަމާބެހޭ ބިލުތައް އެކުލަވާލުމުގެ މަސައްކަތްވެސް އޭޖީ އޮފީހުން ވަނީ ފަށައިފަ އެވެ.

ކަމާބެހޭ ޤާނޫނުތައް އެކުލަވާލުމުގެ އިތުރުން، ދިވެހި ދައުލަތަށް ގެއްލުންވާގޮތަށް ނަގާފައިވާ ލޯނުތަކާއި ކޮންޓްރެކްޓްތައް މުރާޖައާކުރުމުގެ މަސައްކަތްތައް ކުރަން އެކުލަވާލި ކޮމިޓީން، މިހާތަނަށް 11 އެއްބަސްވުމެއް މުރާޖައާކޮށް ނިންމައި، އިތުރު 20 އެއްބަސްވުމުގެ އިނީޝަލް ރިވިއު ވަނީ ހަދާ ނިންމާފައިވާކަމަށް އެ ބަޔާނުގައި އިތުރަށް ހާމަކޮށްފައިވެ އެވެ.

"އަދި މީގެ އިތުރުން، ބޭރުގެ ފަރާތްތަކާއެކު އެކިއެކި މަޝްރޫޢުތަކާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން، ކަމާބެހޭ މިނިސްޓްރީތަކުގެ އެދުމުގެ މަތިން މިހާތަނަށް 6 އެއްބަސްވުމެއް މުރާޖައާކޮށް ނިންމައި، ކަމާބެހޭ ވުޒާރާތަކަށް ވަނީ ލަފާ އަރުވާފައެވެ."

މީގެ އިތުރުން، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން، ވަކިކަމެއް ކުރަން ފެށުމަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި މިހާރު އޭޖީ އޮފީހުން ފަށާފައިވާ މަސައްކަތްތައް މުޅިން ނިންމައި، ނަތީޖާ ނެރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރާނެކަމުގެ ޔަގީންކަންވެސް އެ ބަޔާނުގައި ވަނީ ދީފަ އެވެ.