ބޮލީވުޑްގެ ބަތަލާ މަލައިކާ އަރޯރާ ޚާން ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އަތުވެއްޖެ އެވެ.
މަލައިކާ ޗުއްޓީ ހޭދަ ކުރަނީ ރާއްޖޭގެ ނިޔާމަ ޕްރައިވެޓް އައިލެންޑް ރިސޯޓުގަ އެވެ. ރިސޯޓުގައި ނަގާފައިވާ ހިތްގައުމު ފޮޓޯތައް މަލައިކާ ދަނީ އޭނާގެ ސޯޝަލް މީޑިއާގައި ވެސް ހިއްސާ ކުރަމުންނެވެ. މީގެ ކުރިން ވެސް އެކި ފަހަރުމަތިން މަލައިކާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.
މަލައިކާގެ ފޮޓޯތަކުން ރާއްޖެ އައިސްފައިވަނީ އޭނާގެ ލޯބިވެރިޔާ، އަރްޖުން ކަޕޫރު ގޮވައިގެން ނޫންކަން އެނގެ އެވެ. އަދި ބައެއް ހަބަރުތައް ބުނާ ގޮތުގައި އޭނާ އައިސްފައިވަނީ ގާތް ރައްޓެރިންތަކަކާއެކު އެވެ.
މި އަހަރުގެ މިހާތަނަށް އައިއިރުގައި ބޮލީވުޑްގެ މަޝްހޫރު ގިނަ ފަންނާނުންތަކެއް ވަނީ ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އައިސްފަ އެވެ. ބައެއް ފަންނާނުން އެކި ފަހަރު މަތިން ރާއްޖެ އައިސްފައިވެ އެވެ. ބޮލީވުޑް އަދި ހޮލީވުޑް ތަރިންގެ މެދުގައި ރާއްޖެއަކީ މަގުބޫލު މަންޒިލެކެވެ.
މަލައިކާ އާއި ލޯބިވެރިޔާ އަރްޖުން މި އަހަރުގެ މެދުތެރޭ ކައިވެނި ކުރާނެ ކަމަށް މީގެ ކުރިން އަޑު ފެތުރުނެވެ. އަދި މި ޗުއްޓީ މިއީ ކައިވެނި ކުރުމުގެ ކުރިން އޭނާގެ ރައްޓެހިންނާއެކު ސްޓްރެސް ފިލުވާލަން ހޭދަ ކުރާ ޗުއްޓީ އެއް ކަމަށް ސޯޝަލް މީޑިއާގައި ބުނެ އެވެ.