ބޮލީވުޑް

މަލައިކާ ކައްކަން ދަސްކުރީ ދަރިފުޅު ޗެލެންޖްކުރީމަ

މަލައިކާ އަރޯރާ ކައްކަން ދަސްކުރި ސަބަބު އޭނާ ހާމަކޮށްފި އެވެ. ސެލެބްރިޓީ ކުކިން ޝޯއެއްގައި ބައިވެރިވެ ވާހަކަ ދައްކަމުން މަލައިކާ ބުނީ ކައްކަން ދަސްކުރީ ދަރިފުޅު އަރްހާން ޚާން ކުރި ޗެލެންޖަކާ ގުޅިގެން ކަމަށެވެ. ފިޓްނަސް އާއި ޔޯގާ އަށް ވަރަށް ބޮޑު ޝައުގެއް ހުންނަ އަދި ސޯޝަލް މީޑިއާގައި މިކަންކަން ވަރަށް ބޮޑަށް ޕްރޮމޯޓް ކުރާ މަލައިކާ މިހާރު ޕްރޮމޯޓް ކުރާތީ ފެންނަނީ އެކި ކަހަލަ ކެއްކުން ތަކެވެ.

މަލައިކާ ބުނީ ކައްކަން ދަސްކުރީ ދަރިފުޅުގެ ޗެލެންޖް ގަބޫލުކުރަން ވެގެން ކަމަށެވެ.

"އަރްހާން ބުނި އަހަންނަކަށް ކައްކާކަށް ނޭނގޭނެޔޭ. އެހެންވެ އެއީ ހަގީގަތެއް ނޫންކަން ސާބިތު ކޮށްދޭން ވެގެން ކައްކަން ފެށީ،" މަލައިކާ ބުންޏެވެ.

މަލައިކާ ބުނި ގޮތުގައި އޭނާ ކެއްކުމުގެ މަސައްކަތް އޭނާ އެންމެ ގިނައިން ކުރީ ލޮކްޑައުންގައި ގޭގައި މަޑުކުރަން ޖެހުމުން ހުސް ވަގުތު ކުރަން ރަނގަޅު ކަމެއް ކަމަށް ވެސް ބަލައިގެންނެވެ. ނަމަވެސް ކޮންމެހެން ވެސް ކައްކަން ދަސްކުރީ ދަރިފުޅާ ހެދި އެވެ.

"ދަރިފުޅު އެއް ދުވަހު ސްކޫލުން ގެއަށް އައިސްފައި ބުނި އޭނާގެ ސްކޫލްގެ ހުރިހާ ކުދިންގެ މަންމައިން ވެސް ވަރަށް މީރުކޮށް ކައްކައޭ. އެކަމަކު މަންމައަކަށް ނޭނގެޔޭ ކައްކާކަށް. ދަރިފުޅުގެ އެ ވާހަކަ އަހަރެން ނެގީ ޗެލެންޖެއް ގޮތަށް. އަދި ކައްކަން ދަސް ކުރުމުގެ މަސައްކަތް ފެށީ،" މަލައިކާ ބުންޏެވެ.

އަރްހާން އަކީ މަލައިކާ އާއި އެކްޓަރު އަރްބާޒް ޚާންގެ ދަރިފުޅެކެވެ. އަރްބާޒް ކައިރިން ވަރިވެ މިހާރު މަލައިކާ ރައްޓެހިވެގެން އުޅެނި އަރްޖުން ކަޕޫރާ އެވެ.