ދުނިޔެ

ބޮޑެތި ވައުދުތަކާއެކު މޯދީގެ ކެމްޕެއިން ލޯންޗުކޮށްފި

Mar 30, 2019

ނިއު ދިއްލީ (މާޗް 30) - އިންޑިއާ މުޅީން ބަދަލުކޮށްލާނެ ކަމުގެ ބިޔަ ވައުދުތަކާއެކު، މިހާރުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކޮށްފި އެވެ.

ކެމްޕއިން ރަސްމީކޮށް ލޯންޗުކުރުމަށް އިންޑިއާގެ ދެކުނުގައި ބޭއްވި ތިން އެއްވުމެއްގައި، 68 އަހަރުގެ މޯދީވަނީ ގައުމުގެ އެކި ކަންކޮޅުތަކަށް އިގުތިސޯދީ އަދި އިޖުތިމާއީ ކުރިއެރުން ގެންނަވާނެކަމަށް ވައުދުވެވަޑައިގެންފަ އެވެ.

"ހަމައެކަނި ކެމްޕެއިން ސްލޯގަންތަކެއްގެ މައްޗަށް ބިނާވެފައިވާ ސަރުކާރުތަކެއް މިގައުމުގައި ފެނިއްޖެ. އެކަމަކު ފުރަތަމަ ފަހަރަށް އުނދަގޫ ކަންކަމާއި ކެރިގެން ކުރިމަތިލާނެ ސަރުކާރެއް މިވަނީ މިގައުމުން ފެނިގެން ގޮސްފައި،" މޯދީ ވިދާޅުވި އެވެ.

"އިންޑިއާގެ ފޮނި މާޒީގެ މައްޗަށް ބިނާވެގެންވާ މުޅީން އާ އިންޑިއާއެއް ގާއިމުކުރުމުގެ ތަސައްވަރެއް އަޅުގަނޑުމެން މި ގެންގުޅެނީ. އިންޑިއާގެ 1.3 ބިލިއަން މީހުން މިހާރުވެސް ގޮތް ނިންމައިފި. އަނެއްކާވެސް މޯދީގެ ސަރުކާރެއް ގާއިމުވެގެންދާނެ،" ވެރިކަންކުރާ ބީޖޭޕީއަށް ތާއީދުކުރާ އެތަކެއް ހާސް މީހުންނާއި މުހާތަބުކުރައްވައި މޯދީ ވިދާޅުވި އެވެ.

އިންޑިއާގެ ޕާލިމަންޓުގެ ތިރިގެ "ލޯކް ސަބާ"އަށް މެމްބަރުން އިންތިހާބު ކުރާނީ އަންނަ އޭޕްރީލް މަހުގެ 19 އިން މެއި މަހުގެ 19 ވަނަ ދުވަހާއި ހަމައަށް ދިގުދެމިގެންދާ އިންތިހާބުގަ އެވެ. ވޯޓު ގުނުން އޮންނާނީ މެއި 23 ވަނަ ދުވަހެވެ.

އިންޑިއާގެ 900 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓުލުމަށް ގާތްގަނޑަކަށް އެއް މިލިއަން ވޯޓު ފޮށި އިންޑިއާގެ އެކި ސަރަހައްދުގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފައި އެވެ. މިއީ މުޅި ދުނިޔޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އިންތިހާބެވެ.