އެމްއެމްއޭ

ފައިނޭސް ފެއާއަކާއި ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގްލޯބަލް މަނީ ވީކްގެ ހަރަކާތުގެ ތެރެއިން ފައިނޭސް ފެއާ އަކާއި ކުޑަ ކުދިންގެ ހަވީރެއް ބާއްވައިފި އެވެ.

ރާއްޖޭގެ ހަތަރު ހިސާބެއްގައި ބޭއްވި އެ ކުޑަކުދިންގެ ފެއާ އަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ. އެމްއެމްއޭއިން ކުޑަކުދިންގެ ހަވީރު ބާއްވާފައިވަނީ، ހުޅުމާލޭ ރެހެންދި ސްކޫލް، ހދ. ކުޅުއްދުފުށީ، ގދ. ތިނަދޫ، ލ. ފޮނަދޫގަ އެވެ.

އެމްއެމްއޭ އިން ބުނީ ތިނަދޫގައި ބޭއްވި ކުޑަކުދިންގެ ހަވީރަށް 1000 ވުރެ ގިނަ ކުދިން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އަދި ހދ. ކުޅުދުއްފުށި އަދި ލ. ފޮނަދޫ ބޭއްވި ކުޑަކުދިންގެ ހަވީރަށް ވަނީ ކޮންމެ ރަށަކުން ފައްސަތޭކަ އަށް ގިނަ ކުދިން ޒިޔާރަތްކޮށްފައި ކަމަށެވެ. އަދި ރެހެންދި ސްކޫލްގައި ބޭއްވި ހަވީރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.

ރެހެންދި ސްކޫލްގައި ބޭއްވި ފައިނޭންސް ފެއާގައި 101 ސްޓޯލް ހުއްޓެވެ. މި ފެއާގައި ތިންސަތޭކަ އެކާވީސް ދަރިވަރުން ބައިވެރިވިއެވެ. އަދި މި ފެއާ އަށް 1500 އަށްވުރެ ގިނަ ފަރާތުން ޒިޔާރަތްކުރި އެވެ.

މި ފެއާތަކުގެ ސަބަބުން ސްކޫލް ދަރިވަރުންނަށް ވިޔަފާރީގެ ދާއިރާގެ އަމަލީ ތަޖުރިބާ ލިބޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ގްލޯބަލް މަނީ ވީކްގެ ހަރަކާތުގެ ދަށުން އަތޮޅުތަކުގައި ބޭއްވި ފައިނޭސް ފެއާއަކީ ދަރިވަރުންނަށް ގަނެވިއްކުމުގެ ހުނަރު ދަސްކޮށްދިނުމުގެ ބޭނުމުގައި ބޭއްވި ފެއާއެކެވެ. މި ފެއާ ބާއްވާފައިވަނީ ކައުންސިތަކާއި މާލީ އިދާރާތުކުގެ އެހީތެރިކަމާއެކުގައި ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.

ގްލޯބަލް މަނީ ވީކްގެ ހަރަކާތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށި، ލ. ފޮނަދޫ އަދި ގދ. ތިނަދޫގައި ޔޫތްއެންޓަޕްރެނާސް ފޯރަމް މިއަދު އޮންނާނެ ކަމަށްވެސް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ. ގްލޯބަލް މަނީ ވީކުގައި ފަހަށް ރައްކާތެރި ކުރުމާއި ފައިސާ އާ ގުޅުންހުރި ކަންކަމަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރަން ކުރިއަށްގެންދާ ހަރަކާތެކެެވެ.