ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހަނިމާދޫ ރިހެބިލިޓޭޝަން ސެންޓަރު ހުޅުވައިދެއްވައިފި

ހދ ހަނިމާދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުޅުވައިދެއްވައިފި އެވެ.

ރައީސް ސޯލިހު ޑްރަގް ރިހިބިލިޓޭޝަން ސެންޓަރު ހުޅުވައިދީފައިވަނީ މިއަދު ހެނދުނު ހަނިމާދޫ އަށް ކުރެއްވި ކެމްޕޭން ދަތުރުފުޅެއްގެ ތެރެއިންނެވެ. ރިހިބިލިޓޭޝަން ހުޅުވައިދިނުމަށްފަހު ރައީސް ވަނީ އެތަން ބައްލަވާލައްވައި، އެތަނުގައި ދެވޭ ފަރުވާތަކާ ބެހޭ މައުލޫމާތު އޮޅުންފިލުއްވާފައެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑިއޭ) އިން ބުނީ ހަނިމާދޫގައި ގާއިމްކުރި ރިހިބިލިޓޭޝަން ހުޅުވައިފައިވަނީ، މާލޭގައި ހުންނަށް ޑްރަގް ސެންޓަރާއި އެއްވަރަށް ފަރުވާ ދެވޭނެ ފަދައިން ހުރިހާ ވަސީލަތްތަކާއި އެކުގައި ކަމަށެވެ. އެންޑީއޭ އިތުރަށް ބުނީ ހަނިމާދޫ ރިހިބިލިޓޭޝަން އިން ފަރުވާ ދޭން ފަށާނީ އެސެންޓަރުން ހިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ މުވައްޒިފުން ހަމަވުމުން ކަމަށާއި، އެހެންކަމުން އަދި ސީދާކޮށް ފަރުވާ ދެވެން ފަށާނެ ދުވަހެއް ނޭގޭ ކަމަށެވެ.

މާލޭ ފިޔަވާ ރާއްޖޭގެ ތިން ސަރަހައްދެގައި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރު ގާއިމް ކުރުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމަކެވެ. އެވައުދުގެ ދަށުން ސަރުކާރުން ވަނީ އައްޑޫ ސިޓީގައިވެސް ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރު ގާއިމް ކޮށްފަ އެވެ.